ލަންކާގައި އުޅޭ ދިވެހިން ވިސާ އަށް ސަމާލުވާން އެދިއްޖެ

ލަންކާގައި ހުންނަ ދިވެހި އެމްބަސީ---

ލަންކާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ސްޓޭޓަސް ބެލުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން މަސައްކަތް ފަށާފައިވާތީ އެކަމަށް ސަމާލުވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ލަންކާގައި އުޅޭ ދިވެހިންނަށް އިލްތިމާސްކޮށްފިއެވެ.

ލަންކާ އެމްބަސީ އިން ބުނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެކި ބޭނުންތަކުގައި ލަންކާ އަށް ދާ ދިވެހިން ދުރާލާ ޕާސްޕޯޓައި ވިސާގެ މުއްދަތު ހަމަވޭތޯ ބަލާ، ވިސާ ހަމަވުމުގެ ކުރިން ވިސާ ގެ ކަންތައް ހަމަޖެއްސުމަށް ހަނދާންކޮށްދޭ ކަމަށެވެ.

ބޭރުގައުމެއްގައި އުޅޭއިރު ކާކުކަން އެނގޭނެ ލިޔުމެއް ގެންގުޅުމަކީ މުހިއްމު ކަމެއްކަމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ބުންޏެވެ. އެމްބަސީ އިން ބުނީ ގެއިން ނުވަތަ ހޮޓަލުން ބޭރުގައި އުޅޭވަގުތުތަކުގައި އަބަދުވެސް ޕާސްޕޯޓް ގެންގުޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ވިސާ އާކުރަން ޕާސްޕޯޓް އެމްބަސީ ނުވަތަ އިމިގްރޭޝަންގައި އޮތްނަމަ، ޕާސްޕޯޓް ނެގިކަމުގެ ރިސީޓް އަދި ކާކުކަން އަންގައިދޭ އެހެން ލިޔުމެއް ގެންގުޅުމަށްވެސް މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ.

ސްރީލަންކާ ފުލުހުންގެ ފަރާތުން މުޅި ސްރީލަންކާގައި ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް 12 ދިވެއްސަކު ގެންދިޔައެވެ.

ފޮރިން މިނިސްޓްރީން ބުނީ 12 ދިވެހިން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވިސާއާ ނުލައި ސްރީލަންކާގައި އުޅުމާއި، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓް ގެންގުޅުމާއި، ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް ނެތި ބޭރު ތެރޭގައި އުޅުމުގެ ތުހުމަތުގައި ކަމަށެވެ.

އެމީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

https://sun.mv/129832

comment ކޮމެންޓް