ލަންކާގެ ބަސް އެކްސިޑެންޓެއްގައި 12 މީހަކު މަރުވެ، 44 މީހަކަށް އަނިޔާވެއްޖެ

ލަންކާގެ ބަދުއްލާހައި ހިނގި ބަސް އެކްސިޑެންޓެއްގައި 12 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ޖެނުއަރީ 7): ސްރީލަންކާގެ ބަދުއްލާގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓެއްގައި 12 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ލަންކާގެ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ސްރީލަންކާ ޓްރާންސްޕޯޓު ބޯޑު (އެސްއެލްޓީބީ)ގެ ބަހެއް ފަރުބަދަމަތީ މަގަކުން ދަތުރު ކުރަމުން ދަނިކޮށް މަގުމަތިން ކަހާލައިގެން ވެއްޓި ހިނގި އެ ހާދިސާގައި 44 މީހަކަށް އަނިޔާވި އެވެ. އެ ބަސް ގާތްގަނޑަކަށް 200 މީޓަރު ތިރިއަށް ވެއްޓުނީ އެހެން އުޅަނދަކަށް ތަން ދައްކަން އުޅެނިކޮށް ކަމަށް ކޮލަމްބޯ ޕޭޖުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި 16 އަންހެނުންނާއި 24 ފިރިހެނުންނާއި ކުޑަކުދިން ހިމެނެ އެވެ. އަދި އެ އެންމެންނަށް ދަނީ ބަދުއްލާ ޖެނެރަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށާއި ހަ މީހެއްގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހާދިސާ ހިނގި ވަގުތު ބަހުގައި ތިބީ ކިތައް މީހުންކަން އަދި ޔަގީންވެފައި ނުވި ނަމަވެސް ލަންކާގެ ނޫހަކުން ވަނީ އެކްސިޑެންޓުވި އިރު ބަހުގައި ތިބީ 50 ވަރަކަށް ފަސިންޖަރުން ކަމަށް ބުނެފަ އެވެ.

ލަންކާގެ ފުލުހުންނާއި އެސްއެލްޓީބީން މިހާރު ދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް