އެކްސިޑެންޓްވިއިރު، ޑިންގީގައި އެއްވެސް އަލިކަމެއް ނެތް!

ޑިންގީއާއި ލޯންޗް އެކްސިޑެންވެފައި-- ފޮޓޯ: އަހުމަދު ފަޔާޒް، އޭދަފުށި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބ. ދަރަވަންދޫގެ ޑިންގީއެއްގައި ޖެހި އެކްސިޑެންޓްވީ އެއަތޮޅު އޭދަފުށީގައި ފެރީގެ ހިދުމަތްދެމުންގެންދާ "ސޭލަމް" ކުންފުނީގެ ލޯންޗެކެވެ. ލޯންޗް އެކްސިޑެންޓް ވުމުން އެ ލޯންޗަށް އެހީތެރިކަން ފޯރުކޯށްދޭން ދެން ދިޔައީވެސް "ސޭލަމް" ކުންފުނީގެ އެހެން ލޯންޗެކެވެ. އެ ލޯންޗްގެ ކެޕްޓަންއަކީ އަހުމަދު ޒަހީނެވެ.

އެ ހާދިސާ ހިނގި ސަރަހައްދަށް ދަރުވަންދޫގައި އެވަގުތު ހުރި ޒަހީން ލޯންޗްގައި ފަސް ވަރަކަށް މިނިޓް ތެރޭ ވަނީ ގޮސްފައެވެ. އެއިރު ކަމަކުދާކަށް ނެތެވެ. އެކްސިޑެންޓްވި ޑިންގީ އާއި ލޯންޗަށްވެސް އޮތީ ބޯޑެތި ގެއްލުންތަކެއް ލިބިފައެވެ.

އޭރު ޑިންގީގައި އެކަކު ހުރިއިރު ދެން ހުރި މީހާ މަސައްކަތް ކުރަމުންދިޔައީ އެކްސިޑެންޓްވި ލޯންޗަށް އެރޭތޯއެވެ.

އެކްސިޑެންޓްވި ޑިންގީ--

"ޑިންގީއާ ލޯންޗާ ދެމެދު އޭރު ނީންނާނެ އަށް ފޫޓުވެސް. އެހާ ކައިރީގައި އޮތީ ދޭތި. ޑިންގީގައި ތިބި މީހުން ލޯންޗަށް ނެގުމާއެކީ އެ ދެމީހުން ބުނެފި އެކަކު އަދި މަދުވާވާހަކަ،" ޒަހީން ބުންޏެވެ.

ގެއްލިގެން އުޅުނީ ޑިންގީގައި އެ ދެމީހުންނާއެކު މަހަަށް ނުކުމެ އުޅުނު ނަސްރުﷲ އަބްދުﷲއެވެ. ދަރަވަންދޫ އަންހެނަކާ ކައިވެނިކޮށްގެން މާލޭގައި ދިރިއުޅެމުން ދިޔަ ނަސްރުﷲ އަކީވެސް އޭދަފުއްޓަށް ނިސްބަތްވާ މީހެކެވެ. އެ ޑިންގީގައި ދެންތިބީ ނަސްރުﷲގެ އަންހެނުންގެ ދެ ބޭބެ ކަމަށްވާ އަބްދުއް ސަމީއު އާއި މުހައްމަދު ނަޒީފެވެ.

ޑިންގީގައި ޖެހުނު ލޯންޗް--ފޮޓޯ: އަހުމަދު ފަޔާޒް/އޭދަފުށި

ނަސްރުﷲ ގެއްލިގެން އުޅޭވާހަކަ ބުނުމުން ޒަހީން އޭނާ ދުއްވި ލޯންޗްގައި ހުރި އަލިގަދަ ލައިޓް ސިސްޓަމް ދިއްލައިގެން އޭނާ ފެނޭތޯ ބެލިއެވެ. އަޑުގެ ނެތްކޮޅަށް ނަސްރުﷲ އަށް ގޮވިނަމަވެސް އޭނާގެ ހިލަމެއްވެސް ނުވިއެވެ.

އެކްސިޑެންޓްގައި ލޯންޗްއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު އެ ލޯންޗްގެ ކެޕްޓަން އޭދަފުށީ ސަބްނަމުގޭ މުހައްމަދު މުސްތަފާއަށްވެސް ހުރީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. މޫނުގެ ކަށިގަނޑެއް ބިނދި، ލޯ ވަރަށް ބޮޑަށް ދުޅެވަފައި ހުރި މުސްތަފާ ފުރަތަމަ ހީކުރީ ލޯންޗްވެސް އަޑިއަށް ދަނީ ކަމަށެވެ. ދިޔަވަމުންދިޔަ ލޯންޗްގައި އޭނާ ހުުރިއިރު ސިކުނޑި ހުރީ ސުމަކަށް ދާވަރުވެފައެވެ.

ނަސްރުﷲ(ކ) އޭނާގެ އަންހެނުންނާ ދެކުދިންާނާއެކު--- ފޮޓޯ: ފޭސްބުކް

އެކްސިޑެންޓްގައި އަނިޔާވި ލޯންޗްގެ ކައްޕި---

ޒަހީން ބުނީ ޑިންގީގައި ތިބި ދެމީހުން ނެގުމަށްފަހު ޑިންގީގައި ލައިޓް ދިއްލާފައި ހުރިތޯ އެހި ކަމަށާއި ނަމަވެސް ލައިޓް ނެތް ކަމަށް އޭގައި ތިބި މީހުން ބުނިކަމަށެވެ.

"އެކްސިޑެންޓްވި ލޯންޗްގެ ކެޕްޓަންވެސް އެބަބުނޭ ޑިންގީން އަލިކަމެއް ކިރިޔާ ފެނުނީ ލޯންޗްގައި ޖެހުނު ފަހުންނޭ. އެވެސް އައިފޯނުގެ ލައިޓް. ހަގީގަތުގައި ލޯންޗްގައި ދުއްވަން އިންނަ މީހާއަކަށް ކަނޑެއް ނުފެންނާނެ. އެކި އަލިތަކަށް ބަލައިގެން ދުއްވާނީީީީ. ލޯންޗްގައި ހުރި ބަންގުލަދޭޝްމީހާވެސް ބުނީ ނޭނގެޔޯ ވީގޮތެއް،" ޒަހީން ބުންޏެވެ.

އެކްސިޑެންޓް ހިނގިކަމަށް ލޯންޗްގެ ކެޕްޓަން ބުނި ސަރަހައްދު--ފޮޓޯ: އަހުމަދު ފަޔާޒް/އޭދަފުށި

ޑިންގީގައި ތިބި މީހުން ސަލާމަތްކުރި ފަހުން އެ ޑިންގީ ފަހުން ވަނީ އަޑިއަށްގޮސްފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން މިހާތަނަށް ކުރި މަސައްކަތުން ޑިންގީއާއި ނަސްރުﷲގެވެސް ހިލަމެއް އަދިވެސް ނުވެއެވެ.

ލޯންޗްގައި ޖެހުނު ޑިންގީ އަޑިއަށް ދަނީ --- ފޮޓޯ: އަހުމަދު ފަޔާޒް/އޭދަފުށި

އެ ހާދިސާގައި ޑިންގީގައި ތިބި ދެމީހުން މީޑިއާއަށް މައުލޫމާތު ދޭން ބޭނުންނުވާތީ އެމީހުންގެ ބަހެއް ވަނީ ނުލިބިފައެެވެ. އެކްސިޑެންޓްގައި އަނިޔާވި ލޯންޗް ކެޕްޓަން މިހާރު ތައްޔާރުވަމުންދަނީ އޮޕަރޭޝަނެއް ކުރުމަށެެވެ. ނަމަވެސް އޭނާގެ މޫނުގެ ދުޅަމަޑުނުވާތީ އަދިވެސް އޮތީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައެވެ.

ޑިންގީގައި ޖެހުނު ލޯންޗްގައި ތިބި މީހުންނަށް އަނިޔާވެ ލޭ ފޭދިފައި--ފޮޓޯ: އަހުމަދު ފަޔާޒް/އޭދަފުށި

ބ. އަތޮޅުގެ ރަށްތަކުގައި ކުދިކުދި ޑިންގީތަކުގައި މީހުން މަހަށް ނުކުމެ އުޅުމަކީ އާންމު ކަމެކެވެ. އެފަދަ ޑިންގީތަކުގައި ގިނަ ފަހަރު ލައިޓެއްވެސް ނުހުރެއެވެ. މިފަހުން މި ދިމާވިފަދަ ޑިންގީ އެކްސިޑެންޓްފަދަ ކިތަންމެ އެކްސިޑެންޓްތައް ކުރިން ހިނގައިނުގޮސްފައިވަނީ ކިރިޔަ ކިރިޔާކަމަށް ޒަހީން ބުންޏެވެ. އެފަދާ ހާދިސާތައް އޭނަ ދެކެ ފަރިތައެެވެ. ފަހުން ދިމާވި ހާދިސާއަކީ މީހުންނަށް އިބުރަތަކަށްވާނެކަމަށް އޭނާވެސް އުއްމީދުކުރެއެެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

comment ކޮމެންޓް