19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ނާދު ހަމަޖައްސައިފި

ގައުމީ 19 އަހަރުން ދަށުގެ ޓީމާ ހަވާލުވީ ކޯޗު ނާދު ---

ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ހުރި އަހްމަދު ނާޝިދު (ނާދު) ހަމަޖައްސައި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޓްރަޔަލް އިއްޔެ އެފްއޭއެމުން ފަށައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮތް 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިން ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް)ގެ އިސްތިއުފާއާ އެކު އެ މަގާމު ހުސްވެފައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ޝާޒް މަގާމުން އިސްތިއުފާ ދިނީ ދިވެހި ޕްރިިމިއާ ލީގުގައި ވާދަކުރަމުން އަންނަ ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމާއި ހަވާލުވުމުގެ ގޮތުންނެވެ.

ގައުމީ 19 އަހަރުން ދަށުގެ ޒުވާން ސްކޮޑާއި ހަވާލުވި ނާދު ވަނީ މިދިޔަ މަހު ނޭޕާލުގައި ނިމިގެން ދިޔަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ގައުމީ ޓީމަށް ލޯ މެޑަލް ހޯދައިދީފަ އެވެ. ރާއްޖެ އެ މުބާރާތުން ލޯ މެޑަލް ހޯދީ އަވައްޓެރި ސްރީ ލަންކާއާ ވާދަކޮށް 1-2ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ގައުމީ އަންހެން ޓީމަށް ކޯޗަކު ހޯދަން އެފްއޭއެމުން ވަނީ ދާދި ފަހުން އިއުލާން ކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ދެ ދުވަސްކުރިން ވަނީ ހަމަވެފަ އެވެ. ރާއްޖޭގެ އަންހެން ޓީމުން ފަހުގެ ތާރީހުގެ އަހަރުތަކުގައި އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

ނަވާރު އަހަރުން ދަށުގެ ޓީމުން ތައްޔާރު ވަމުން ދަނީ ޖަނަވަރީ ފަހު ކޮޅު ފެށުމަށް ހަމަޖެހިފައިވާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 19 އަހަރުން ދަށުގެ ޓީމު އިތުރަށް ވަރުގަދަ ކުރަން ކުޅުންތެރިން ހޯދުމުގެ ގޮތުން އިއްޔެ ވަނީ ޓްރަޔަލްއެއް ބާއްވާފަ އެވެ. ޓާފް ދަނޑުގައި ބޭއްވި އެ ޓްރެއަލް އަށް ރޭގެ 7:00 ފެށިގެން 8:30 ގެ ނިޔަލަށް ފުރުސަތު ހުޅުވާލި އެވެ.

އެފްއޭއެމުން ހަމަޖައްސާފައި ވަނީ 16 އަހަރުން ދަށުގެ ގައުމީ ޓީމު، މިއަދު އިއުލާން ކުރި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރި ކުރުމަށެވެ. ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމުން އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް