ކައުންސިލުތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމުން ސުޕްރީމު ކޯޓަށް

މޫސާ އަންވަރު -- ސަންފައިލް ފޮޓޯ

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަށް ފިރިހެނުންނަށް ކުރިމަތިނުލެވޭތީ، އެ އިސްލާހު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ކައުންސިލް އިންތިހާބުގައި ސިޓީތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް މިހާރު ވަނީ ކަނޑައަޅައިފައެވެ.

އެގޮތުން މާލޭ ސިޓީ ކައުންސިލުގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި ހިމެނޭނެ އެވެ. އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ވާނީ ހަތަރު ގޮނޑި އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ތިން ގޮނޑި ހާއްސަ ވާނެ އެވެ.

އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަށް ކުރިމަތިލެވޭނީ ހަމައެކަނި އަންހެނުންނަށެވެ.

މިކަމާ ގުޅިގެން މޫސާ އަންވަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ނިސްބަތްވާ އައްޑޫ ސިޓީ ހިތަދޫ ބޭރުމަތި ދާއިރާއިން ކައުންސިލު އިންތިހާބުގައި ފިރިހެނުންނަށް ކުރިމަތި ނުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ބާތިލް ގާނޫނެއްގެ މައްޗަށް ކަމަށެވެ.

އެހެންކަމުން އިލެކްޝަންސްގެ ނިންމުމާއި، އެ ގާނޫނު ވެސް ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް މޫސާ އަންވަރު ވިދާޅުވި އެވެ.

"މިހާރުވެސް މި ދާއިރާގައި ހުރީ އަންހެން ކައުންސިލަރެއް ފިރިހެނުންނާ ވާދަކޮށްގެން ހޮވިފައި،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެ މުހިންމު އެއް އަސާސީ ހައްގުކަމުގައިވާ މިނިވަންކަމާއެކު މަންދޫބުން އިހްތިޔާރުކުރުމުގެ ހައްގު މުތުލަގުކޮށް ގުރުއަތަކުން ފޭރިގަތުމަކީ "ޢައިރުގާނޫނީ ޖޯކެއް" ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވީ އަންހެނުންނަށް ވަކި ދާއިރާތަކެއް ހާއްސަނުކޮށް ދާއިރާތައް ބަހާލުމަށްފަހު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ އެންހެނުން އިންތިހާބު ކުރެވޭ ގޮތަށް ހެދުމުން ފިރިހެނުންގެ ހައްގު ނުގެއްލޭ ގޮތަށް ސިޓީ ކައުންސިލްތަކުން 33 ޕަސެންޓު އަންހެނުންނަށް ދެވޭނެ ކަމަށެވެ.

"މިސާލަކަށް މާލެ ބާރަ ދާއިރާއަކަށް ބަހާލުމަށްފަހު ކޮންމެ ދެ ދާއިރާއެއް އެއްކޮށްލައިގެން އިތުރު އަންހެން ކައުންސިލަރެއް އިންތިހާބު ކުރުން ނުވަތަ މޭޔަރު ހޮވާ ގޮތަށް އަންހެނުންނަށް ވާދަ ކުރެވޭ 33 ޕަސެންޓު ގޮނޑިއަށް ސިޓީ އެންމެނަށް ވޯޓު ލެވޭގޮތް ހަމަ ޖެއްސުން،" މޫސަ ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މިހާރު ކޮންމެ ކައުންސިލެއްގައި މަދުވެގެން ދެ އަންހެން ކައުންސިލަރުން ތިބޭނެއެވެ.

comment ކޮމެންޓް