ސީޕްލޭން ޓާމިނަމް ހިންގުމުގެ ގާބިލުކަން އެމްއޭސީއެލްގެ އެބަހުރި: ފައްޔާޒް

ޑިސެމްބަރު 18، 2019: ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރިއަށްގެންދާ ބިލިއަން ޑޮލަރުގެ މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ދައްކާލުން: މަޝްރޫއު ނިމި ހުރިހާ ހިދުމަތެއް ދޭން ފެށޭނީ 2022 ވަނަ އަހަރު --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސީޕްލޭން ޓާމިނަމް ހިންގުމުގެ ގާބިލްކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގުން ޖީއެމްއާރު އަތުން ނެގުނީ އެމްއޭސީއެލްއަށް އެކަން ކުރުމުގެ ގާބިލްކަން ހުރުމުން ކަމަށެވެ.

"ކުޑަކުޑަ ސީޕްލޭން ޓާމިނަލްއެއް ހިންގާލުމުގެ ފުރިހަމަ ގާބިލްކަން އެމްއޭސީއެލްގެ އެބަހުރި. އަދި އެކަން އެގޮތަށް ކުރާނެކަމާ މެދު ޝައްކެއް ނެތް. އެއްބަސްވުންތަކަށް އިހުތިރާމްކޮށް ކުރިއަށް ދާނެ،" ފައްޔާޒް ވިދާޅުވި އެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏަށް ދީގެން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ދާދި ފަހުން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެތަން ހަވާލުކުރަން އުޅޭ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މީގެ ކުރިން މަޖިލީހުގެ އެދުމަކަށް އޮޑިޓް އޮފީހުން ހެދި އޮޑިޓުން ދަައްކާ ގޮތުން ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ހިންގައިފި ނަމަ އެ ކުންފުންޏަށް ލިބޭ ފައިދާ ބޮޑުވާނެ އެވެ. އެގޮތުން އެ ޓާމިނަލް ހިންގައިގެން އެމްއޭސީއެލްގެ އާމްދަނީ 300 ގުނަ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެމްއޭސީއެލްގެ އެކްޓިން އެމްޑީ މީގެ ކުރިން ވިދާޅުވީ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމޭ ގޮތަށް އެ ތަން އެމްއޭސީއެލް އިން ހިންގިޔަސް، މިހާރު ޓީއެމްއޭ އިން ހިދުމަތްދޭން ބޭނުންކުރާ ޓާމިނަލްތައް އެކުންފުނީގެ އަތުން އަތުނުލެވޭނެ ކަމަށާއި އަދި ޓީއެމްއޭއާ އެކު ހަދާފައިވާ އެގްރިމަންޓް ވެސް ހަމަނުވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެނީ ޓީއެމްއޭ އާއި މޯލްޑިވިއަން އަދި މަންޓާ އިންނެވެ. ފްލައިމީ އިން ވެސް ސީޕްލޭންގެ ހިދުމަތް ދޭން ފަށަން އުޅޭ ކަމަށް ވަނީ ވާހަކަ ދެކެވިފަ އެވެ.

comment ކޮމެންޓް