އެރޮންކާޓާގެ ވައްކަމުން ޝިމްހާގަށް އޮހުނު ހިފެހެއްޓުމެއް ނެތް ލޯބި!

ދިވެހީންގެ ލޭ މިއަހަރު އެންމެ ބޮޑަށް ކައްކުވާލީ، ހޮލީވޫޑްގެ މަޝްހޫރު ފަންނާނަކު ރާއްޖޭގެ އާޓީސްޓެއްގެ ކުރެހުން ފޭރިގަނެގެން އޭގެއިން ފައިދާ ހޯދަން އުޅުނުކަން ފަޅާއެރުމާ އެކު އެވެ.

ރާއްޖޭގެ ޑިޖިޓަލް އާޓިސްޓެއް ކަމަށްވާ އަލީ ޝިމްހާގު ކުރަހާފައިވާ ސިންގާއެއްގެ ތަސްވީރު ވަގަށް ނަގައި، އެއަށް ބައެއް ބަދަލު ގެނެސް، ހޮލީވުޑްގެ ލަވަކިޔުންތެރިއެއް ކަމަށްވާ އެރޮން ކާޓާ، އޭނާގެ އަމިއްލަ ޓީޝާޓް ބްރޭންޑެއްގައި ބޭނުން ކުރަން އޮތީ ރާވާފަ އެވެ. އެއާ އެކު، މުޅި ސޯޝަލް މީޑިއާ އެއް އަޑެއްގައި ތެދުވީ ޝިމްހާގުގެ ދިފާއުގަ އެވެ.

މިކުޑަކުޑަ ރާއްޖޭގެ ދިވެހިން، ޝިމްހާގުގެ ދިފާއުގައި ނިކުމެ އެރޮން ކާޓާ "ނޮޅައިގެން ކާލި" އެވެ.

އާޓްވޯކް ކޮޕީކޮށްގެން އުޅުނުކަން އެނގުނު ހިސާބުން ފެށިގެން ކަންތައް ވެގެން ދިޔަ ގޮތް، ޝިމްހާގު މި ވަނީ "ސަން" އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ކިޔައިދީފަ އެވެ.

ޝިމްހާގު ބުނި ގޮތުގައި އޭނާގެ އެ އާޓް ޕީސް ވަގަށް ނަގައި، އަމިއްލަ މުދަލެއްގެ ގޮތުގައި ބޭނުންކުރަމުންދާކަން އޭނާގެ ސަމާލުކަމަށް އައީ، ސޯޝަލް މީޑިއާއިން އެވެ.

އެެކަން ސޯޝަލް މީޑިއާއަށް ތިލަކުރުމުގެ ކުރިން، އެރޮން ކާޓާއަށް މެސެޖުކޮށް މައްސަލަ ހައްލުކުރެވޭތޯ ބެލި ކަމަށް ޝިމްހާގު ބުންޏެވެ. ނަމަވެސް އެރޮން ކާޓާ އޭނާގެ މެސެޖްތަކަށް ބީރު ކަންފަތެއް ދިނީ އެވެ. ސޯޝަލް މީޑިއާގައި އެވާހަކަ ޝާއިއުކުރަން މަޖުބޫރުވީ އެ ހިސާބުން ކަމަށް "ސަން"އަށް ދިން އިންޓަވިއުގައި ޝިމްހާގު ބުންޏެވެ. މި ހުނަރުވެރިޔާގެ، މަސައްކަތުން އެރޮން ކާޓާ ކުރި ބޮޑު ވައްކަމުގެ ދިފާއުގައި އެކަތިގަނޑެއްގެ ގޮތުގައި ނިކުތީ ދިވެހީންނެވެ. އެރޮން ކާޓާއަށް ދިވެހިންގެ ނަފްރަތު ލިބުނު އިރު، ޝިމްހާގަށް ލިބުނީ ދިވެހިންގެ ލޯތްބެވެ. ޝިމްހާގުގެ ޝުކުރު އޮތީ އޭނާގެ ދިފާއުގައި ނިކުތް އެންމެ ދިވެހިންނަށެވެ. "ސަން"ގެ ޖާނަލިސްޓް އަހުމަދު ޖައިޝަންއަށް ޝިމްހާގުގެ ދިން މި އިންޓަވިއު ބަލައިލާށެވެ.

comment ކޮމެންޓް