ވިލާގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ވިލާ ކޮލެޖުގެ ލޯގޯ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލާ ކޮލެޖުން ޖެނުއަރީ 2020ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ވިލާގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައި އޮތީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަަލަށެވެ. އެކަމަކު، އެ މުއްދަތު ޖެނުއަރީ ފަސް ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން މިހާރު އެ ކޮލެޖުން ވަނީ ނިންމައިފައެވެ.

ވިލާއިން ބުނި ގޮތުގައި، އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް، އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، މާކެޓިން، ހިއުމަން ރިސޯސް، ރިސާރޗް، ނަރސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތް، މެރިން ސްޓަޑީސް އަދި ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ޖުމްލަ 97 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

ވިލާގެ ޖެނުއަރީ އިންޓޭކުގައި އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށް ވިލާއިން ބުނެއެވެ.

ކުރިމަތިލުމަށް ހުޅުވާލާފައިވާ 97 ކޯހުގެ ތެރޭގައި ހިމެނެނީ މާސްޓާސް ފެންވަރުގެ 12 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ ފަސް ކޯހަކާއި، ޑިގްރީ ފެންވަރުގެ 21 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 17 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 14 ކޯހަކާއި، ސެޓްފިކެޓް ތިނެއް ފެންވަރުގެ 12 ކޯހަކާއި، ސެޓްފިކެޓް ލެވެލް ދޭއްގެ ފެންވަރުގެ ދެ ކޯހަކާއި، ސެޓްފިކެޓް ލެވެލް އެކެއްގެ އެއް ކޯހުގެ އިތުރުން މެރިން ސްޓަޑީޒްސް އާއި ވޯޓަރ ސްޕޯޓްސްގެ އަށް ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ވިލާގެ ކޯސްތަކުގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އެއް ކަމަށްވާ، ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ބެޗެލާސް ޑިގްރީ ކޯސްތައް ހިމެނެއެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ތ. ގުރައިދޫ ކެމްޕަސް، ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް، ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ)، ވިލާ ކޮލެޖް ލ.ގަން ކެމްޕަސް އަދި ވިލާ ކޮލެޖު މަހިބަދޫ ކެމްޕަހުގައިވެސް މި ކޯސްތައް ކުރިއަށްގެންދާނެ އެވެ.

އެ ކޮލެޖުން ބުނި ގޮތުގައި ދަރިވަރުންނަށް ކޯސް ފީ މަހުން މަހަށް އިންސްޓޯލްމަންޓުގެ ގޮތުގައިވެސް ދެއްކޭނެ އެވެ. މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމެއްގައި ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށް އެ ކޮލެޖުން ބުންޏެވެ.

comment ކޮމެންޓް