ސައުދީގައި 18 އަހަރު ނުވަނީސް ކައިވެނިކޮށްދިނުން މަނާކޮށްފި

ސައުދީ ވަލީއަޙްދު އަލްއަމީރު މުހައްމަދު ބިން ސަލްމާން --

އުުމުރުން 18 އަހަރު ނުވަނީސް ކައިވިނި ކުރުން ސައުދީ އަރަބިއްޔާގައި މަނާކޮށްފި އެވެ.

"ސައުދީ ގެޒެޓް"އިން ބުނެފައިވާ ގޮތުގައި އެ ގައުމުގެ މިނިސްޓާ އޮފް ޖަސްޓިސް އަދި ސުޕްރީމް ޖުޑިޝަލް ކައުންސިލުގެ ޗެއާމަން ޝައިހު ޑރ. ވަލީދު އަލް ސަމާނީ ވަނީ އެ ގައުމުގެ ހުރިހާ ކޯޓުތަކަށް ނެރުނު ސާކިއުލާއެއްގައި، 18 އަހަރު ނުވަނީސް ކައިވެނިކޮށް ނުދިނުމަށް އަންގަވައިފަ އެވެ.

ކުޑަކުދިން ހިމާޔަތް ކުރުމަށް ސައުދީއިން ހަދާފައިވާ ގާނޫނު، ޗައިލްޑް ޕްރޮޓެކްޝަން ލޯގައި ބުނެފައި ވަނީ 18 އަހަރު ނުވަނީސް ކައިވެނިކޮށްދިނުމުގެ ކުރިން ކުއްޖާގެ އެންމެ ރަނގަޅު މަސްލަހަތު ހާސިލުވޭތޯ ނުވަތަ ކައިވެނިކޮށްދިނުމުގެ ސަބަބުން ގެއްލުމެއްވޭތޯ ބަލަން ޖެހޭނެ ކަމަށެވެ.

ޗައިލްޑް ޕްރޮޓެކްޝަން ލޯގެ ދަށުން އަމަލު ކުރުމުގެ ގޮތުން ޑރ. ސަމާނީ ނެރުނު ސާކިއުލާގައި އެދިފައި ވަނީ 18 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރަން ހުށަހަޅައިފި ނަމަ އެ ހުށަހެޅުންތައް ކަމާ ގުޅޭ ހާއްސަ ކޯޓަށް ފޮނުވުމަށެވެ.

ސައުދީ ޝޫރާ ކައުންސިލުން މި އަހަރުގެ ތެރޭގައި ވަނީ 15 އަހަރުން ދަށުގެ ކުދިން ކައިވެނި ކުރުން މުޅިން މަނާކޮށް، 18 އަހަރު ނުވަނީސް ކައިވެނި ކުރެވޭނެ ގޮތް އުނދަގޫ ކުރުމަށް ނިންމައިފަ އެވެ. އެ ގޮތަށް ނިންމީ އެ ކައުންސިލުގެ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެރިކަމަށް އައި ފަހުން އޭނާ ގެންދަވަނީ ސައުދީގައި ހަރުކަށި ގާނޫނުތައް އުވާލައި އެ ގައުމު "ޒަމާނީ" ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން، އެގައުމުގައި އަންހެނުންނަށް ކާރު ދުއްވަން ހުއްދަ ދިނުމާއި، އަންހެނުންނާއި ފިރިހެނުން އެއް ސްޓޭޑިއަމަކަށް ވަނުން އަދި މިއުޒިކް ޝޯ ބޭއްވުން ފަދަ ކަންތައްތަކަށް ސައުދީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވަނީ ހުއްދަ ދީފަ އެވެ.

comment ކޮމެންޓް