ފައިސާ ނަގަން ޕީޖީއަށް އެދެވޭނެ ހަމައެއް ނެތް: ޔާމީންގެ ވަކީލުން

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ބައެއް މެމްބަރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިން ދައުވާ ސާބިތުވެ ކުރި ހުކުމާ ގުޅިގެން އެމަނިކުފާނުގެ އެކައުންޓުގައި ހުރި، އެ މައްސަލައާ ގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން މިހާރު ނޭދެވޭނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ޕީޖީ އޮޕީހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 192 ވަނަ މާއްދާ އާއި، މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ރައީސް ޔާމީންގެ އެކައުންޓުގައި ހުރި މައްސަލައާ ގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 192 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުވާ ލިބޭ ފަރާތުން ކުރި ކުށުގެ ސަބަބުން، އެ ފަރާތަށް އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާކަން ޝަރީއަތަށް ސާބިތުވާ ހާލަތުގައި، އެ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް ގާނޫނުން ކަނޑައަޅާފައި ވާނަމަ، އެގޮތަށް އެކަން ކުރުމަށް ކޯޓުން އަމުރުކުރަން ވާނެ ކަމަށެވެ. އަދި އެ މުދަލާއި ފައިސާ ބޭނުންކޮށްގެން އިތުރު މުދަލާއި ފައިސާ ހޯދާފައިވާކަމަށް ޝަރީއަތަށް ސާބިތުވެފައިވާނަމަ، އެ ފައިސާ އާއި މުދާވެސް ދައުލަތަށް ނެގުމަށް ކޯޓުން އަމުރުކުރަން ވާނެ ކަމަށެވެ.

މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މަނީ ލޯންޑްރިންގް ގެ ކުށަކާ ނުވަތަ މަނީ ލޯންޑްރިންގެ ކުށަކާ ގުޅިފައިވާ ކުށަކާ ނުވަތަ އެއިން ކުށެއް ކުރަން އުޅުމާ ގުޅިގެން ދައުލަތަށް ނަގަން ކޯޓު އަމުރަކަށް އެދެން ޖެހޭ ފައިސާ ނުވަތަ މުދަލެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖިނާއީ މައްސަލައެއް ސާބިތުވެގެން ކުރާ ހުކުމަކާ ގުޅިގެން މުދަލެއް ނަގަން ޖެހޭ ނަމަ އެ މުދަލެއް ނެގޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 156 ވަނަ މާއްދާގެ (ނ)ގެ 11 ވަނަ ނަމްބަރުގައިވާ ފަދަ "ދައުލަތަށް ނަގަން ޖެހޭ ފައިސާއެއް ނުވަތަ މުދަލެއް އޮތް ނަމަ އެ ފައިސާ ނުވަތަ މުދާ ނެގުމަށް ކުރާ އަމުރު" ހުކުމުގައި ސާފުކޮށް އޮވެގެން ކަމަށެވެ.

ވަކީލުންގެ ޓީމުން ފާހަގަ ކުރީ ޔާމީންގެ މައްސަލަ ކުރިއަށް ދިޔަ އިރު އެފަދަ އަމުރަކަށް ޕީޖީގެ ފަރާތުން އެދިފައި ނުވާ ކަމެވެ. އެހެންކަމުން، ހުކުމް ކުރި އިރު އެފަދަ އަމުރެއް ހުކުމުގައި ހިމަނާފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ދައުލަތުން ނޭދޭ ގޮތަކަށް ހުކުމް ނެރެފައިވާ ނަމަ ކުރަން ޖެހޭނެ ކަމަކީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުން ކަމަށް ބަޔާނުގައިވެއެވެ. މައްސަލަ ކުރިއަށް ގެންދިޔަ އިރު އެފަދަ އެއްވެސް އަމުރެއް ނެރުމަށް ނޭދި، އަދި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުވެސް ނުކޮށް، މައްސަލަ ނިމުނު ފަހުން ދެން އެފަދަ އަމުރަކަށް ޕީޖީގެ ފަރާތުން އެދެވޭނެ ގާނޫނީ އަދި ޝަރުއީ ހަމައެއް ނެތް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެދިފައި ވަނިކޮށް، އިސްތިއުނާފު މަރުހަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި އެފަދަ އަމުރަކަށް އެދުމަކީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭ އިސްތިއުނާފު ކުރުމުގެ ހައްގަށް ހުރަސް އެޅުން ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ ހުކުމް ކުރީ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ މައްޗަށް ކުރީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އޭގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ޖޫރީމާނާވެސް ކޮށްފައިވެެއެވެ.

comment ކޮމެންޓް