ޖޭޕީ ޖަލްސާތަކުން ނުފެނުނަސް ގާސިމްގެ ތައުރީފް އަލީ ވަހީދަށް

އަލީ ވަހީދާއި ގާސިމް: ގާސިމް ވަނީ އަލީ ވަހީދަށް ތައުރީފު ކުރައްވާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ޖަލްސާތަކުން އެ ޕާޓީގެ ރައީސް، ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ނުފެނުނު ނަމަވެސް އޭނާ އަށް ތައުރީފުކޮށް، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވައިފި އެވެ.

މަޖިލިސް އިންތިހާބުގައި ޕާޓީ ތެރޭގައި ކުރިމަތިވި ހިޔާލުތަފާތުވުންތަކަށްފަހު، އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ނުފެނެ އެވެ.

ރޭ ޖޭޕީއަށް މެމްބަރުން އިތުރުކުރުމަށް އެ ޕާޓީ އިދާރާ، މ. ކުނޫޒުގައި ބޭއްވި ޖާލަސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ، އޭނާ ޖަލަށްލައި، ބޭރަށް އަރުވާލެވިގެން ހުންނެވި ދުވަސްވަރު ޕާޓީ އޮތީ ވަރަށް ހާލު ދެރަކޮށް "ވިއްްސިވިހާލިވެފައި" ކަމަށެވެ. ނަމަވެސް އެދަނޑިވަޅުގައިވެސް ޕާޓީ ކޮޅަށް ނެގުމަށް އިސް މެމްބަރުން ކުރެއްވި އިހްލާސްތެރި މަސައްކަތައް ޝުކުރު ދަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން އެކަމަށް، އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އަލީ ވަހީދަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެންމެ ބޮޑު ޝުކުރެއް ހައްގު ވަނީ އަޅުގަނޑުމެންގެ ޕާޓީގެ ރައީސް [އަލީ ވަހީދު]. މިހާރު މިތަނުން [ކުނޫޒުން] ނުފެނުނު ނަމަވެސް، އެއް ގޮަތަކަށް ވެސް [އަލީ ވަހީދު ކުނޫޒުން] ނުފެނޭ. ދެން ވީގޮތް އެނގޭނީ އެބޭފުޅާއަށް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އެޕާޓީގެ ހަރަކާތްތަކުން އަލީ ވަހީދު ނުފެންނަނީ، މިނިސްޓްރީގެ މަސައްކަތްތައް "ބުރަކަމުން އޮބި ނޯންނަވަރު ވާތީ" ކަމަށެވެ.

"އަޅުގަނޑު އެވެސް ގޮތަކަށް ހިތްބުރަ ކަމަކުން ނޫން މިހެން މި ދެންނެވީ. ހަގީގަތުގައިވެސް އެމަނިކުފާނު ވަރަށް ބުރަކޮށް އުޅުއްވަނީ. އެހެންތާ ވާނީ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރެއްވި މިނިސްޓްރީގައި ދަތުރެއް ކުރައްވާނަމަ ދަތުރެއް ހަވާލު ކުރަނީވެސް އަޅުގަނޑުމެންގެ ރައީސްއާ. އަޅުގަނޑުމެންނަށް އެނގޭ އެމަނިކުފާނަކީ ވަރަށް ހިންގުންތެރި ގާބިލު ބޭފުޅެއްކަން. އެހެންވީމަ އެކަންތައް އެގޮތަށް [ހިންގުންތެރިކަމާއެކު] ކުރައްވާނެ ކަން ޔަގީންވޭ،" އަލީ ވަހީދަށް ތައުރީފު ކުރަމުން ގާސިމް ވިދާޅުވި އެވެ.

ރޭގެ ޖަލްސާއަށްވެސް ވަޑައިނުގެންނެވުނީ، އަލީ ވަހީދުގެ މަސައްކަތްތައް ހުރި ގޮތުން ކަމަށާއި ނަމަވެސް އަލީ ވަހީދު ހަރަކާތްތަކުގައި އަދި ބައިވެރިވާނެ ކަމުގެ ޔާގީން ގާސިމް މެމްބަރުންނަށް އެރުވިއް އެވެ.

އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައިވަނީ، އޭނާއާއި ޕާޓީއާ މެދު ހިޔާލުތަފާތުވުންތައް އުފެދުނީ އެ ޕާޓީން މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމާ ގުޅިގެން ކަމަށެވެ. އޭނާ އެފަހަރު ވަނީ ޖޫމްހޫރީ ޕާޓީން ޕީޕީއެމަށް ތާއީދު ކުރި ބައެއް ދާއިރާތަކުގައި އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕއެިންތަކުގައިވެސް ބައިވެރިވެފަ އެވެ. މަޖިލިސް އިންތިހާބަށް ފަހު، އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކާ ދުރުގަ އެވެ.

އަލީ ވަހީދުގެ އިތުރުން އެޕާޓީގެ ކުރިން އިސް މެމްބަރުންގޮތުގައި ތިއްބެވި ފަރާތްތައްވެސް މިހާރު އެޕާޓީގެ ހަރަކާތްތަކުން ނުފެނެެ އެވެ.

comment ކޮމެންޓް