އަންނަ އަހަރު ކުރީކޮޅު ކޮމަންވެލްތާ ގުޅޭނެ: ޝާހިދު

ފޮރިން މިނިސްޓަރު ޝާހިދު ކޮމަންވެލްތުގެ ސެކްރެޓެރީ ޖެނަރަލަށް ލިޔުންތައް އަރުއްވަނީ--ފޮޓޯ: ޕެޓްރީޝިއާ

އަންނަ އަހަރު ކުރީކޮޅު ކޮމަންވެލްތާ ގުޅޭނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ޕެޓްރީޝިއާ ސްކޮޓްލެންޑް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ޖަމްއިއްޔާގެ މެމްބަރު އެއްވެސް ޤައުމަކުން، ދިވެހިރާއްޖެ އަލުން މެމްބަރަކަށް ވުމަށް ދެކޮޅު ނަހަދާކަމަށެވެ.

އެކަމާ ގުޅިގެން ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކޮމަންވެލްތާ ގުޅުމުގެ މަސައްކަތްތައް އަންނަ އަހަރު ކުރީކޮޅު ނިމޭނެކަމަށެވެ.

އެކަމުގައި ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލާއި އަދި މެމްބަރު ގައުމުތަކުން ވެެދެއްވި އެހީއަށް ޝާހިދު ވަނީ ޝުކުރުވެސް ދަންނަވައިފައެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ރާއްޖެއާ ކޮމަންވެލްތުގެ ގުޅުން ގޯސްވެ 2016 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެއިން ވަނީ އެ ޖަމްއިއްޔާ އިން ވަކިވެފައެވެ. ނަމަވެސް އާ ސަރުކާރުން ވެރިކަމާ ހަވާލުވެ މިދިޔަ އަހަރު ޑިސެމްބަރުމަހު ވަނީ ކޮމަންވެލްތުގެ މެމްބަރުކަަމަށް އެދި އަލުން ހުށަހަޅައިފައެވެ.

ރާއްޖެއިން މިހާރު ވަނީ ކޮމަންވެލްތާ ގުޅުމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ ހަރުފަތެއް ނިންމައިފައެވެ. އަދި ރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިކުރުމަށް މެމްބަރު ގައުމުތަކުންވެސް ދަނީ ބާރު އަޅަމުންނެވެ.

އަންނަ އަހަރު ކުރީ ކޮޅު ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅިއްޖެނަމަ ރުވާންޑާގެ ވެރިރަށް ކިގާލީގައި އޮންނަ ކޮމަންވެލްތު ހެޑްސް އޮފް ގަވަމަންޓް ބައްދަލުވުމުގައި ކޮމަންވެލްތުގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ. އެ ބައްދަލުވުން އޮންނާނީ އަންނަ ޖޫން މަހު 23 ގައެވެ.

comment ކޮމެންޓް