ރާއްޖެ ކޮމަންވެލްތުގައި ބައިވެރިވުމަށް ގައުމުތަކުގެ ރުހުން ލިބިއްޖެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ދެކޮޅު ނަހަދާކަން ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުން އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަށް އަންގައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއަށް ފޮނުއްވި ސިޓީފުޅެއްގައެވެ. މެމްބަރު އެއްވެސް ޤައުމަކުން، ދިވެހިރާއްޖެ އަލުން މެމްބަރަކަށް ވުމަށް ދެކޮޅު ނަހަދާކަމަށް ބުނުމަކީ ކޮމަންވެލްތާއި ރާއްޖެ އަލުން ގުޅުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.
އިއްޔެ ރައީސުލްޖުމްހޫރިއްޔާއަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ފޮނުއްވި ސިޓީފުޅުގައިވަނީ ރާއްޖެއަށް ވަޑައިގެންނެވި ދެ އެސެސްމަންޓް ޓީމާއި އިލެކްޝަން އޮބްޒަރވޭޝަން މިޝަންގެ ކާމިޔާބު ދަތުރުތަކަށްފަހު، އެ ޓީމްތަކުގެ ރިޕޯޓްތައް މެމްބަރު ގައުމުތަކާއި ހިއްސާކުރެވި، ހުރިހާ ގައުމަކުންވެސް އެރިޕޯޓްތައް ބަލައިގެންފައިވާކަމަށެވެ. އަދި ރާއްޖެ މިހާރު އޮތީ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިކަމަށް ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވިއެވެ.

ކޮމަންވެލްތަށް އަލުން ވަނުމުގެ މުހިއްމު ހަރުފަތެއް ރާއްޖެއިން ފުރިހަމަކޮށްފައިވާއިރު، ވީހާވެސް އަވަހަކަށް ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ހެދުމަށް މެމްބަރު އެހެން ޤައުމުތަކުން ދަނީ ބާރުއަޅަމުންނެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅު ކޮމަންވެލްތުގެ ފުރިހަމަ މެމްބަރު ޤައުމަކަށްވެ، 2020 ޖޫންގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި އޮންނަ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ބައްދަލުވުމުގައި ކޮމަންވެލްތުގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ބައިވެރިވެވޭނެއެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 އޮކްޓޯބަރ 13 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.
ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ހުށަހެޅީ 2018 ޑިސެމްބަރު 6 ގައެވެ.

comment ކޮމެންޓް