ފާއިޒްގެ މައްސަލަތަކެއް ޖޭއެސްސީއިން ބަލަން ނިންމައި، ލަފާދިނުން މަޑުޖައްސާލައިފި

ފެބްރުއަރީ 18، 2019: ޖުޑިޝަލް އިއާ 2019ވަނަ އިފްތިތާހްކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސުމަށް ރައީސް ނަން ފޮނުއްވި، ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންއާ މެދު ހުށަހެޅިފައިވާ ޝަކުވާތަކެއް ބަލަން ނިންމައި، އޭނާ އެ މަގާމަށް އައްޔަން ކުރުމާ މެދު ލަފާދިނުން މަޑު ޖައްސާލަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފާއިޒު ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ހަމަޖައްސަން ރައީސް ސޯލިހު ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގަތީ، ޑިސެމްބަރު 17 ވަނަ ދުވަހު އެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނީ، ފާއިޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު އަދާކުރެއްވި އިރު، ސުޕްރީމް ކޯޓުގެ ބެންޗުން ނިންމާފައިވާ ގާނޫނާ ހިލާފް އަދި އެ ކޯޓުގެ އިހްތިސޯސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސޯސްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެ ސަބަބުތައް ހިމެނޭގޮތަށް އިތުރު އެހެން މައްސަލަތަކާއެކު، އެ މައްސަލަތައް ނިންމެވި އެ ކޯޓުގެ އެހެން ފަނޑިޔާރުން މީގެ ކުރިން މަގާމުން ވަކިކޮށްފައިވާކަން ޖޭއެސްސީން ފާހަގަކުރި އެވެ.

ސުޕްރީމް ކޯޓުގެ އިހްތިސޯސް އިން ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަން ބެލުމަށްފަހު ކޮމިޓީން ވަނީ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނު އަސާސީއާ ހިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް" އެކުލަވާލައިފައެވެ. އަދި އެ ރިޕޯޓުގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ޖޭއެސްސީން ވަނީ އެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ފޮނުވައިފައެވެ.

އެ މައްސަލަތަކާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މަގާމުން ވަކިކޮށްފަ އެވެ.

"އެހެންކަމުން އެ ނިންމުންތަކުގައި ފާއިޒް ހުސައިން ބައިވެރިވަޑައިގެންފައިވޭތޯ އާއި، އަދި ބައިވެރިވެވަޑައިގެންފައި ވާނަމަ، އެ ނިންމުންތަކުގައި އޭނާ ބައިވެރިވަޑައިގެންފައިވާ މިންވަރު ބެލުމަށްފަހު ރައީސް އަށް މަޝްވަރާ ދިނުމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ،" ބަޔާނުގައި ބުންޏެވެ.

ފާއިޒު އުއްތަމަ ފަނޑިޔާރަކަށް ހުންނަވަނިކޮށް ފަނޑިޔާރުކަމުން ވަކިކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ކޯޓްތަކުގެ ގާނޫނަށް ޑިސެމްބަރު 2014 ގައި ގެނައި އިސްލާހަކަށް ފަހު އެވެ.

މިފަހުން އުއްތަމަ ފަނޑިޔާރަކަށް ހަމަޖެއްސި މުއުތަސިމް އަދުނާން އަކީވެސް، އޭރު ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރެއްވި ބޭފުޅެކެވެ.

ސުޕްރީމް ކޯޓަށް ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހަމަޖައްސަވަން ރައީސް ސޯލިހު މީގެ ކުރިން ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެންނެވި އެވެ. އެހެން ނަަމަވެސް، އޭނާއާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީއިން ބަލަމުން ދާތީ، އެ ނަމާ މެދު ގޮތެއް ނިންމުން ޖޭއެސްސީ ވަނީ ފަސްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމު މިހާރު ވަނީ ހުސްވެފަ އެވެ. އެއީ މިމަހުގެ ހަތަރު ވަނަ ދުވަހު އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޢަނީ މުހައްމަދު އެ މަގާމުން ވަކިކުރުމާއި، މިދިޔަ މަހުގެ 20 ވަނަ ދުވަހު ފަނޑިޔާރު އަބްދުﷲ އަރީފް ސިއްހީ ސަބަބުތަކަކަށް ޓަކައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ، އުއްތަމަ ފަނޑިޔާރާއެކު ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު އައިޝާ ޝޫޖޫން މުހައްމަދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

comment ކޮމެންޓް