ޖަމާލް ހާޝުގްޖީގެ މަރާ ގުޅިގެން ފަސް މީހަކު މަރަން ހުކުމްކޮށްފި

ދެހާސްއަށާރަ ވަނަ އަހަރު ޖަމާލް ހާޝުގްޖީ ވަނީ ތުުރުކީގައި ހުންނަ ސައުދީ އެމްބަސީ ތެރޭ މަރާލާފަ -- ފޮޓޯ: އޭޕީ

ރިޔާޒް (ޑިސެމްބަރު 23): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރުގެ މައްސަލައިގައި އެގައުމުން ފަސް މީހަކު މަރަން ހުކުމްކޮށްފި ކަމަށް ސައުދީ ޕަބްލިކް ޕްރޮސެކިއުޓަރު ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓަރު ޝަލާން އަލް ޝަލާން ނެރުއްވި ބަޔާނެއްގައިވާ ގޮތުން ދޭއް އޮކްޓޯބަރު 2018 ވަނަ އަހަރު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި ހާޝުގްޖީ މަރާލި މައްސަލައިގައި 11 މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އަދި އެމައްސަލައިގެ ސިއްރު ޝަރީއަތުގައި ފަސް މީހެއްގެ މައްޗަށް ވަނީ ހާޝުގްޖީ މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުވެ، މަރަން ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން ތިން މީހަކު އެ ކުށް ފޮރުވަން ބައިވެރިވި ކަމުގެ ދައުވާގައި ޖުމްލަ 24 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި ތިން މީހެއްގެ މައްޗަށް ކުރި ދައުވާތައް ސާބިތު ނުވެ، މިނިވަންކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމެރިކާގައި ދިރިއުޅެމުން ދިޔަ ހާޝުގްޖީއަކީ ސައުދީ ޝާހީ އާއިލާއަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ލިޔުންތެރިއެކެވެ. އޭނާ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔައީ ތުރުކީގެ އަންހެނަކާ ކައިވެނި ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށްޓަކަ އެވެ. އޭގެ ފަހުން އޭނާ އެ ކޮންސިއުލޭޓުން ނުނިކުތުމުން، ހާޝުގްޖީ މަރާލާފައިވާ ކަމަށް ތުރުކީން ތުހުމަތު ކުރި އެވެ. ނަމަވެސް ސައުދީން އޭރު އެ ތުހުމަތު ދޮގު ކުރި އެވެ.

ހާޝުގްޖީ މަރުވި ކަމަށް ސައުދީން އެއްބަސްވީ އޭނާ ނުފެންނަތާ 18 ދުވަސް ފަހުންނެވެ. އެގައުމުން ބުނި ގޮތުގައި ހާޝުގްޖީ މަރުވީ ކޮންސިއުލޭޓު ތެރޭ ކުރިއަށްދިޔަ މަޝްވަރާއެއް "ހޫނުވެ"، ހަމަނުޖެހުމަކަށް ބަދަލުވުމުގެ ސަބަބުންނެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ތުރުކީގެ ޖާސޫސީ އިދާރާތަކުން ވަނީ ހާޝުގްޖީ މަރާލީ ދުރާލާ ރާވައިގެން ކަމަށް ބުނެފަ އެވެ. އަދި ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ނިންމާފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓު ކުރި އެވެ.

ނަމަވެސް ސައުދީން އެ ތުހުމަތުތައް ދޮގު ކުރެ އެވެ. އަދި ވަލީއަހުދު ވަނީ ހާޝުގްޖީގެ މަރުގައި ބައިވެރި ނުވި ނަމަވެސް، އެހާދިސާ ހިނގީ އޭނާ ގައުމުގެ ލީޑަރެއްގެ ގޮތުގައި ހުންނަވަނިކޮށް ކަމުން އެ މަރުގެ ޒިންމާ ނަންގަވަން ޖެހޭނީ އޭނާ ކަން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ހާޝުގްޖީގެ ހަށިގަނޑު އަދިވެސް ފެނިފައި ނުވެ އެވެ. އަދި އޭނާގެ ހަށިގަނޑު އެސިޑަށް އަޅައިގެން ނައްތާލާފައިވާ ކަމަށް ތުރުކީގެ އޮފިޝަލަކު ވިދާޅުވި އިރު އަލްޖަޒީރާގެ ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން އެ ހަށިގަނޑު ނައްތާލީ އަވަނަކަށްލާ އަންދާލައިގެންނެވެ.

comment ކޮމެންޓް