ބިލިއަން ޑޮލަރުގެ މަޝްރޫއުން ވީއައިއޭގެ އާ މަންޒަރެއް

ފިއުލް ފާމްގެ މަސައްކަތް ކުރާ ސަރަހައްދު -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ރާއްގޭގެ ތާރީހުގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމަށް ހިންގާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެވެ. މި މަޝްރޫއުގެ ތެރޭ ހިމެނޭ ބައެއް މަސައްކަތްތައް ނިމިފައިވާއިރު ބައެއް މަސައްކަތްތައް ވަނީ ނިމުމަކާ ގާތްވެވެފަ އެވެ. މަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތްތައް ނިންމާލަން އަދި ދެ އަހަރެއްހައި ދުވަސް ނަގާނެ އެވެ. އެއާޕޯޓްގެ މަސައްކަތްތައް ކުރިއަށްދާގޮތް ނޫސްވެރިންނަށް ދައްކާލައި، އެމްއޭސީއެލް އިން ވަނީ މި މަޝްރޫއުގެ ޕްރޮގްރެސް ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

ޕަސެންޖާ ޓާމިނަލްގެ މަސައްކަތް ކުރަމުންދާ ސަރަހައްދު -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

އާ ޕެސެންޖާ ޓާމިނަލްގެ ފުރަތަމަ މަންޒަރު

އެއާޕޯޓު މަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު އެއް ކޮމްޕޯނެންޓަކީ އަލަށް އަޅާ ޕެސެންޖާ ޓާމިނަލް އެވެ. ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް މިދޭތެރެއަކުން އައެވެ. ނަމަވެސް ޕްރޮޖެކްޓުގެ ޑިޒައިނަށް ބަދަލު ގެނެސް މިހާރު ބާރު ސްޕީޑުގައި ޓާމިނަލްގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

މިހާރު އެއާޕޯޓުގައި ހުރި ޓާމިނަލުގެ ހުޅަނގު ދެކުނު ފަރާތުން 78،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ހަދާ މި ޓާމިނަލުގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއަށް އަބޫދާބީ ފަންޑާއި، ކުވެއުތު ފަންޑާއި ސައުދީ ފަންޑާއި، އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން 680 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

އެމްއޭސީއެލް އިން ބުނީ 2022 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ޓާމިނަލްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އާ ޓާމިނަލްއާއެކު އަހަރަކުން ތިން މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދޭނެއެވެ. އާ ޓާާމިނަލް ގާއިމް ކުރަނީ ޒަމާނީ ވަސީލަތްތަކާއެކުއެވެ. ޕްރީފެބް އިމާރާތެއްގެ ގޮތުގައި އަޅާ ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެއެވެ. ފްލައިޓަށް އަރަން ފަސޭހަވާނެހެން ހައެއިރޯ ބްރިޖު ގާއިމް ކުރާނެއެވެ. އިމާރަތް އަޅާނީ އިތުރު ތިން އެއިރޯ ބްރިޖު ގާއިމް ކުރެވޭނެ ގޮތަށެވެ.

އާ ޓާމިނަލް އަޅާނީ ދިވެހިވަންތަ އިހުސާސެއް ކުރެވޭނެ ގޮތަށެވެ. އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ އިންޓީރިއާ އިން ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނާނެ ކަމަށާއި، ރާއްޖެ ދޫކޮށްދާ ފަތުރުވެރިޔާ ފުރައިގެންދާނީވެސް އެފަދަ އިހުސާސްތަކާއެކު ކަމަށެވެ.

ކާގޯ ޓާމިނަލްގެ މަސައްކަތް ކުރަމުންދާ ސަރަހައްދު -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

އާ ކާގޯ ޓާމިނަލްއާ އެކު އާ ފުރުސަތުތަކެއް

ޗަައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާއި ހަވާލުކޮށްގެން ވީއައިއޭގައި އަޅާ އާ ކާގޯ ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މިހާރު ކުރިއަށްދަނީ އެތަނުގެ އެތެރޭގައި ކުރަންޖެހޭ މަސައްކަތްތަކެވެ. މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ސާވިސަސް ހިންގާ އިމާރާތާ ޖެހިގެން އޮންނަ ބިމުގައި ކާގޯ ޓާމިނަލް ތަރައްގީކުރަނީ 11000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މީގެ އިތުރުން އާ ކާގޯ ޓާމިނަލްގެ ކުރިމަތިން އޮންނަ ސަރަހައްދުވެސް ހާއްސަ ވާނީ ކާގޯ ޓާމިނަލް އަށެވެ. އެ ސަރަހައްދަކީ މުދާ ކްލިޔާ ކުރުމަށާއި އެޖެންޓުންގެ ސާމާނު ހިޔަލުގައި ބެހެއްޓޭނެ އިންތިޒާމާއެކު ތަރައްގީކުރާނެ ސަރަހައްދެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލްގެ މެނޭޖާ ކާގޯ ސާވިސަސް އަމްޖަދު ނަސީރު ވިދާޅުވީ އާ ކާގޯ ޓާމިނަލް ތިން ބަޔަކަށް ބަހާލާފައި ވާނެ ކަމަށާއި އެގޮތުން އެކްސްޕޯޓު ޓާމިނަލް އަކާއި އިމްޕޯޓު ޖެނެރަލް ޓާމިނަލްއެއްގެ އިތުރުން ޕެރިޝަބަލް އިމްޕޯޓްސް އަށް ހާއްސަ ސަރަހައްދެއް އާ ކާގޯ ޓާމިނަލުގައި ހުންނާނެ ކަމަށެވެ.

"މިހާރު ހުރި ފެސިލިޓީގައި ޑޮމެސްޓިކް ޓާމިނަލެއް އެތަނުގައި ހުރެފައި، ކުރިއާ ސެންޓަރެއްވެސް މިހާރު ކާގޯ ޓާމިނަލް ހިންގާ ސަރަަހައްދުގައި ގާއިމް ކުރާނެ. އޭގެ މާނައަކީ 11000 އަކަމީޓަރާ މިހާރު ޓާމިނަލް އަށް ބޭނުންކުރާ 4000 އަކަމީޓަރުގެ ސަރަހައްދުން ސަރަހައްދެއް ނަގައި، މިހާރަސްވުރެ ތިން ގުނަ ބޮޑު ކާގޯ ފެސިލިޓީއެއް ހެދިގެންދާނެ،" އަމްޖަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކި މުދާ ވަކިވަކިން ގުދަން ކުރެވޭނެ ގޮތް ހަދަން އާ ޓާމިނަލުން ޖާގަ ހުންނާނެ ކަމަށެވެ. އެގޮތުން ޕެރިޝަބަލް ކާގޯ ވަކިން، ދިރޭ ޖަނަވާރު ވަކިންްް އަދި ނުރައްކާ [ޑޭންޖަރަސް ގުޑްސް] އަށް ވަކިން ސަރަހައްދެއް ގާއިމް ކުރާނެ ކަމަށް އަމްޖަދު ވިދާޅުވިއެވެ.

"ކުރީގެ ފެސިލިޓީގައި ވަރަށް ބޮޑަށް ބޭނުންވި އެޖެންޓުންނަށް ފެސިލިޓީ ތެރޭގައި ވޯކިން ސްޕޭސް. އާ ޓާމިނަލްގައި އެޖެންޓުންނަށާއި އެއާލައިންއަށް އަދި ސްޓޭކުހޯލްޑަރުންނަށް އޮފީސް ސްޕޭސް ދެވިގެންދާނެ،" އަމްޖަދު ވިދާޅުވިއެވެ.

އަމްޖަދު ވިދާޅުވީ މިހާރު ކާގޯ ޓާމިނަލްގައި މަދުވަނީ ޖެޓީ އޭރިއާ ގައި މުދާ އަރުވާ ބޭލުމުގެ މަސައްކަތުގައި ހުރި ދަތިތަކެއް ކަމަށެވެ. އާކާގޯ ޓާމިނަލްގައި ހަތް ކެރޭން އިންސްޓޯލު ކުރެވިފައި ހުންނާނެ ކަމަށާއި ޖެޓީ ހުންނާނީ ހިޔާ ކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކާގޯ ޓާމިނަލްގައި ދިމާވާ ދައްޗަކީ އެކްސްޕޯޓު ކުރާ މުދާ ސްކްރީން ކުރަން ހުރި ފެސިލިޓީ މަދުވުމެވެ. އާ ކާގޯ ޓާމިނަލް އާއެކު އެކަމަށް ވެސް ހައްލެއް އަންނާނެއެވެ. އެގޮތުން އާ ޓާމިނަލްގެ އެކްސްޕޯޓު ވެއާ ހައުސްގައި ފަސް ސްކްރީން މެޝެން ހުންނާނެއެވެ. މިހާރު ބޭނުންކުރަނީ ދެ މެޝެނެވެ.

"މިހާރު މުދާ އެކްސްޕޯޓު ކުރާފަރާތްތަކަށް، ހާއްސަކޮށް މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ދިމާވާ ދަތި އެއްކޮށް ހައްލުވެގެން ދާނެ،" އަމްޖަދު ވިދާޅުވިއެވެ. އަމްޖަދު ވިދާޅުވީ ވައިގެ މަގުން ރާއްޖެ އެތެރެކުރާ މުދަލުގެ 75 ޕަސެންޓަކީ ޕެރިޝަބްލް މުދާ ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އިމްޕޯޓު ވެއާހައުސްގެ ތިންބައިކުޅަ ދެބައި ހުންނާނީ އެއްކޮށް ފިނިކޮށްފައި ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ އާ ކާގޯ ޓާމިނަލްގެ އެތެރޭގައި ކުރަން ހުރި މަސައްކަތުގެ 40 ޕަސެންޓު ނިމިފައިވާ ކަމަށެވެ. އަންނަ އަހަރުގެ ފަހުކޮޅަށް މިތަނުގެ މަސައްކަތް ނިމި، ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އާ ކާގޯ ޓާމިނަލް އާއެކު ޖުމްލަ 500 މުވައްޒަފުން ކާގޯ ޓާމިނަލްގެ މަސައްކަތަށް އިތުރުވާނެ ކަމަށް އެކުންފުނިން ބުނެއެވެ. މިހާރު ވީއައިއޭގެ ކާގޯ ޓާމިނަލްގައި އަހަރަކު 50،000 ޓަނުގެ މުދާ ހޭންޑްލް ކުރެއެވެ. ނަމަވެސް އާ ކާގޯ ޓާމިނަލް އާއެކު މިއަދަދު 120،000 ޓަނަށް އިތުރު ވާނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރެއެވެ.

"މިހާރު ހޭންޑްލް ކުރެވޭ ވަރަށް ވުރެވެސް ގިނައިން އެއްޗެހި މިއަންނަނީ. މިވަގުތު މިދަނީ ޓާމިނަލްގެ ބޭރާ ލޭންޑް ސައިޑުގެވެސް ވވަކި ސަރަހައްދެއްވެސް ބޭނުން ކޮށްގެން. ކެޕޭސިޓީގެ ބޭރުން މަސައްކަތް ކުރަމުން މިދަނީ. ދުވާލަކު 140 ޓަނު ހޭންޑްލް ކުރެވެނީ ކެޕޭސިޓީ އަށް ބަލާނަމަ. އެކަމަކު ދުވާލަކު 300 ޓަނު އެބަ ހޭންޑްލް ކުރަމު،" އަމްޖަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އާ ޓާމިނަލް އާއެކު ޓްރާންސްޝިޕްމަންޓަށް ވެސް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

އެމްއޭސީއެލްގެ ކާގޯ ވެއާހައުސް އަކީ އާރުއޭތްރީ ސެޓިފައިޑް ވެއާހައުސްއެކެވެ.

ސީޕްޕޭން ޓާމިނަލްގެ މަސައްކަތް ކުރަމުންދާ ސަރަހައްދު -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

މުޅިން އާ ސީޕްލޭން ޓާމިނަލް ނިމުމަކާ ގާތަށް!

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި އެންމެ ފުޅާކޮށްދެނީ ސީޕްލޭންގެ ހިދުުމަތެވެ. މިހާރު ސިޕްލޭންގެ ހިދުމަތްދޭ ތިން ކުންފުނި އޮތްއިރު ދެމެހެއްޓެނިވިގޮތެއްގައި މި ހިދުމަތް ދިނުމަށް ބޭނުންކުރާނެ ޓާމިނަލް އެއް އެޅުމުގެ މަސައްކަތް އެއާޕޯޓު ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް އެބަދެއެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ސީޕްލޭންގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ އަންނަ އަހަރުގެ މެއި މަހު އެތަން ބޭނުން ކުރެވޭނެ ވަރުވޭތޯ ބެލުމަށް ކަމަށެވެ. މޫސާ ސޯލިހު ވިދާޅުވީ އާ ޓާމިނަލް ބޭނުން ކުރަން ފަށާއިރު އެތަން ހިންގާނީ އެމްއޭސީއެލް އިން ކަމަށެވެ.

ސީޕްލޭން ޓާމިނަލާއެކު ސީޕްލޭންތަކަށް ހާއްސަ ޑޮކެއްވެސް ވަނީ ގާއިމްކޮށްފައެވެ. އެންމެ ފަހުގެ ޓެކްނޮލަޖީ ބޭނުންކޮށްގެން ހަދާފައިވާ ސީޕްލޭން ޑޮކަކީ 50 އަހަރުގެ ގެރެންޓީ ލިބިފައިވާ ޑޮކެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އާ ޑޮކްގައި މިހާރު ކަރަންޓާއި ފިޔުލް އަދި ފެން ގުޅާފައިވާއިރު އެއްފަހަރާ 55 ފްލައިޓަށް އެތަނުން ޖާގަ ލިބޭނެއެވެ. އާ ސީޕްލޭން ޓާމިނަލާ ގުޅިފައިވާ ޑޮކް އިތުރަށް ބޮޑުކުރުމަށް ބޭނުންވާ ޖާގަވެސް އޮތްއިތު އެސަރަހައްދު ބޮޑުކުރުމުން 100 ފްލައިޓަށް ހިދުމަތް ދެވޭނެއެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ އާއެވެ. ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާ އެވެ.

ފިއުލް ފާމްގެ މަސައްކަތް ކުރާ ސަރަހައްދު -- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ތެޔޮ ރައްކާކުރަން ބޮޑު ޖާގައެއް!

އެއާޕޯޓު ތަރައްގީވެގެންދާއިރު އެއާޕޯޓަށް އަންނަ ފްލައިޓުތަކުގެ އަދަދުވެސް އިތުރުވެގެންދާނެއެވެ. މި ފްލައިޓުތަކަށް ކޭޓާ ކުރުމަށް އެމްއޭސީއެލް އިން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތަކީ ފްލައިޓުތަކަށް އަޅަން ބޭނުންކުރާ ޖެޓް ފިއުލް ރައްކާކުރާނެ ފިއުލް ފާމެއް ތަރައްގީ ކުރުމެވެ. އެއާޕޯޓު ތަރައްގީގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މި މަސައްކަތުގެ ބޮޑުބަޔެއް މިހާރު ވަނީ ނިމިފައެވެ. ފިއުލް ފާމްގެ މަސައްކަތްވެސް ކުރަނީ އެއާޕޯޓު މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ކުރާ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ބީޔޫސީޖީ) އިންނެވެ.

އާ ފިއުލް ފާމުގައި، 37 މީޓަރުގެ ޑައިމީޓަރު ހުންނަ ތިން ޓޭންކު ވަނީ ބަނދެފައެވެ. ކޮންމެ ޓޭންކެއްގައި 15 މިލިއަން ލިޓަރުގެ ތެޔޮ ރައްކާކުރެވޭނެއެވެ. މިހާރު އެއާޕޯޓުގައި ޖުމްލަ ރައްކާކުރެވެނީ 15 މިލިއަން ލީޓަރުގެ ޖެޓް ފިއުލްއެވެ. އާ ފިއުލް ފާމުގައި ގާއިމް ކޮށްފައިވާ ތިން ޓޭންކުގައި ޖުމްލަ 45 މިލިއަން ލީޓަރުގެ ފިއުލް ރައްކާ ކުރެވޭނެއެވެ.

ފިއުލް ފާމްގެ ޑީސަލް ސްޓޯރޭޖު ޓޭންކުގެ މަސައްކަތްވެސް މިހާރު ނިންމާލާފައިވާއިރު، 500 މެޓްރިކް ޓަނުގެ ދެ ޓޜންކު ޑީސަލް ރައްކާކުރުމަށް ވަނީ ބަނދެފައެވެ. އެއާޕޯޓުގައި ބޭނުންކުރާ ވެހިކަލްތަކަށް ޕެޓްރޯލު އެޅުމަށް ޕެޓްރޯލް ޓޭންކެއްވެސް އާ ފިއުލް ފާމުގައި ވަނީ ގާޢިމް ކޮށްފައެވެ.

އެއާޕޯޓު ތަރައްގީގެ މަޝްރޫއު ނިމޭއިރު މުޅި އެއާޕޯޓަކީ ހައިޑްރަންޑް ބެސްޑް ތަނަކަށް ވާނެއެވެ. މަތިންދާބޯޓުތަކަށް ތެޔޮ އެޅުމަށް ބިމުގެ އަޑިން ހޮޅިތައް ގުޅާލާނެއެވެ.

ފިއުލް ފާމުގެ މަސައްކަތާ ގުޅިގެން މޫދުގައި ދެ ޕްލެޓްފޯމެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. އޭގެ ތެރެއިން އެއް ޕްލެޓްފޯމަކީ އެއާޕޯޓުގެ ފިއުލް ފާމަށް ހާއްސަ ފަޔަ ފައިޓިން ޕްލެޓްފޯމެވެ. އެތަނުގައި ފަޔަފައިޓިން ޕަމްޕާއި ފޯމް ޓެންކު އަދި ފަޔަ ފައިޓިން އަށް ބޭނުންވާނެ އެހެން ވަސީލަތްތައްވެސް ގާއިމްކޮށްފައި ހުންނާނެއެވެ.

މީގެ އިތުރުން އެއާޕޯޓަށް ތެޔޮ ގެންނަ ތެޔޮބޯޓު ބަނދަރު ކުރާނެ ފާލަމެއް ގާއިމް ކުރާނެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. ފިޔުލް ޖެޓީއަށް ބޭނުންވާ ޕައިލިންގެ މަސައްކަތް ކުރިއަށްދާއިރު 40 މީޓަރު އަޑިއަށް ޕައިލް ޖަހާނެއެވެ. މި ޖެޓީއަށް 45000 މެޓްރިކްޓަނުގެ ތެޔޮބޯޓުތަކަށް ގާތްކުރެވޭނެއެވެ.

ވީއައިއޭގެ އާ ޓާމިނަލަށް އޭ380 ގެ ޓެސްޓް ފްލައިޓު ޖެއްސުން -- ފޮޓޯ: ރައީސް އޮފީސް

އާ ރަންވޭއާ އެކު، ތޮއްޖެހުން ކުޑަވާނެ

އެއާޕޯޓު ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދިޔަ އާ ރަންވޭގެ މަސައްކަތް ނިންމާ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭ ވަނީ އެތަނަށް ޓެސްޓު ފްލައިޓު ޖައްސައިފަ އެވެ. ރަންވޭގެ މަސައްކަތްވެސް ކޮށްފައިވަނީ ބީޔޫސީޖީ އިންނެވެ. އޭ-380 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ ރަންވޭ ބޭނުން ކުރަން ފެށޭނީ މިހާރު ސީޕްލޭން ޓާމިނަލްތައް ހިންގާ ސަރަހައްދު ހުސްވެ، ކްލެޔަރަންސް ލިބުމުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އާ ރަންވޭ އާއެކު ވީއައިއޭ އަށް އަންނަ އެއާލައިންތަކުގެ އަދަދު އިތުރުވެގެންދާނެ އެވެ. އަދި އެއާޕޯޓްގެ ޓްރެފިކް ތޮއްޖެހުމަށް ލުއިކަމެއް އަންނާނެ އެވެ.

comment ކޮމެންޓް