ޖަޕާނުގެ ނަގާނޯގައި އުމުރު ދިގުވުމުގެ ސިއްރު

ނަގާނޯ ރައްޔިތުންތަކެއް--- ފޮޓޯ: އޭއޭއާރްޕީ

ޖަޕާނަކީ މުޅި ދުނިޔޭގެ ވެސް ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމެވެ. އެއާ އެކު، މިއަދު ޖަޕާނު މަގްބޫލުވަމުންދަނީ އެންމެ އުމުރުދިގު މީހުންގެ ގައުމުގެ ގޮތުންނެވެ.

މީގެކުރިން 1980ގެ އަހަރުތަކުގައި ޖަޕާނުގެ ނަގާނޯ ސިޓީއަކީ އެންމެ ގިނައިން ސްޓްރޯކް ޖެހޭ ކަމަށް ޖަޕާނުން ރިކޯޑްކުރެވިފައިވާ ސިޓީއެވެ. ނަމަވެސް ސަރުކާރުން ގެނައި ބަދަލުތަކާއި އަދި އާންމު ފަރުފުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް އައިސްފައިވާ ބަދަލާ އެކު، ނަގާނޯއަކީ މިއަދު އެންމެ އުމުރުދިގު މީހުން އުޅޭކަމަށް މުޅި ދުނިޔޭގައި ވެސް ރިކޯޑް އޮންނަ އެއް ސިޓީ އެވެ.

އެމީހުން ބުނާ ގޮތުން މިކަމުގެ ސިއްރަކީ، ދުޅަހެޔޮކޮށް ކެއުމާއި ގަވާއިދުން ކަސްރަތުކުރުމާއި އަދި ގުޅުން ބަދަހިކުރުމެވެ.

އާބާދީގައި 2.15 މިލިއަން މީހުން އުޅޭ މި ސިޓީއަށް ލިބިފަިއވާ ބައެއް ޝަރަފުތަކުގެ ތެރޭގައި، ލައިފް އެކްސްޕެކްޓަންސީ އެންމެ މަތީ ސިޓީއަށްވުމާއި، 65 އަހަރުންމަތީގެ މީހުންގެ އެމްޕްލޯއީމަންޓް ރޭޓް އެންމެ މަތީ ހިސާބަށްވުމާއި އަދި ތަރުކާރީ ބޭނުންކުރާ މިންވަރު ޕާ ކެޕިޓާއާޢި އަޅާބަލާއިރު އެންމެ މަަތީ ސިޓީއަށްވުންވެސް ހިމެނެ އެވެ.

ނަގާނޯގެ އަންހެނުންގެ އެވްރެޖް އުމުރަީ 87.2 އަހަރު ކަމަށްވާއިރު، ފިރިހެނުންގެ އެވްރެޖް އުމުރަކީ 80.9 އަހަރެވެ. މި އަދަދު އެމެރިކާގެ އެންމެ އުމުރުދިގު ސިޓީކަމުގައިވާ ހަވާއީއާއި އަޅާބަލާއިރު، ހަވާއީގެ އަންހެނުންގެ އުމުރަކީ 84.7 އެވެ. އަދި ފިރިހެނުންގެ އުމުރަކީ 78 އެވެ.

މީގެއިތުރުން، އުމުރުންދުވަސްވީ މީހުންގެ އަދަދު އެހާމެ ގިނަ ނަގާނޯގެ އަނެއް ހާއްސަކަމަކީ މިއީ މުޅި ޖަޕާނުންވެސް ބޭސްފަރުވާގެ ޚަރަދު އެންމެ ކުޑަ ސިޓީއަށްވުމެވެ.

ނަގާނޯ ސިޓީ އޮންނަނީ ޖަޕާނުގެ އެލްޕްްސްތަކުގެ ތެރޭގައިކަމަށްވުމާއި އެކު، މިއީ ގިނަ ދުވަސްތަކަކަށް މިތަނުގައި ފިނި މޫސުމް ދިގުދެމިގެންދެ އެވެ. އަދި ވަށައިގެން ހުންނަ ފަރުބަދަތަކާ އެކު، ދަނޑުގޮވާން ކުރާނެ ބިން ވަރަށް މަދެވެ. އަދި ޖަޕާނުގެ މައިގަނޑު ކެއުމުގެ ބާވަތްކަމުގައިވާ މަހާއި ސީފުޑްގެ ބާވަތްތައް ވެސް މި ސަރަހައްދަކަށް އެހާ ފަސޭހައިން ނުލިބެ އެވެ.

މިގޮތުން ނަގަނޯ ރައްޔިތުންގެ ސިއްޚަތު ރަނގަޅުކުރުމަށް ޓަަކައި ކުރެވުނު ފުރަތަމަކަމަކީ ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމެވެ. މި ޕްރޮގްރާމްތައް ފެށުމުގެ ކުރިން ގަތްގަނޑަކަށް ދުވާލަކަށް ނަގާނޯގެ މީހުންގެ 15 ގްރާމްގެ ލޮނު ކޮންމެ ދުވަހަކު ބޭނުންކުރެ އެވެ. އޭގެ ސަބަބުން ނުރަނަގަޅު އަސަރުތަކެއް ސިއްހަތަށް ކުރި އިރު، 4500 ވޮލެންޓިއަރުން އިސްވެ ދޮރުންދޮރަށް ހިނގައި ލޮނު ބޭނުންކުރާ މިންވަރު ނޯޓުކޮށް އާ ރެސިޕީތަކެއް ތައްޔާރުކުރާނެ ގޮތުގެ ޑެމޮންސްޓްރޭޝަން ޓްރެއިން ސްޓޭޝަންތަކުގައާއި ސުޕާ މާރކެޓްތަކުގައި ވެސް ކުރިއަށް ގެންދިޔަ އެވެ. މި ޕްރޮގްރާމްތައް ފުޅާވެ ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން ވެސް ލިބިގެން ދިޔަ އެވެ.

މުޅި ޖަޕާނުގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ 65 އަހަރު ނުވަތަ އެއަށްވުރެ މަތީ މީހުން ކަމުގައިވާއިރު، ޖަޕާނުގެ މައި ސިޓީ ޓޯކިއޯގައި އެކަނި ވެސް 3.1 މިލިއަނަށްވުރެ ގިނަ އުމުރުންދުވަސްވީ މީހުންގެ އުޅެ އެވެ. އެހެންކަމުން އާބަދީގެ މިހާބޮޑު ބައެއް، ދުޅަހެޔޮކޮށް އަދި ސިއްހަތު ރަނގަޅުކޮށް ބެހެއްޓުން ވެގެންދަނީ ޖަޕާނު ސަރުކާރުގެ ވެސް ވަރަށް މުހިންމު ސިޔާސަތަކަށެވެ.

comment ކޮމެންޓް