ގައުމީ ޔުނިވާސިޓީގެ ރިސާޗު ގްރާންޓަށް އެދުމަށް ހުޅުވާލައިފި

ރިސާޗް ގްރާންޓުގެ ގޮތުގައި ނުވަ ފަރާތަކަށް އެހީ ދިނުމަށް މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ

އެކި ދާއިރާތަކުން ދިރާސާކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ދެމުން އަންނަ ރިސާޗު ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގައުމީ ޔުނިވާސިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރިސާޗު ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެމްއެންޔޫގެ ކޮންމެ މުވައްޒަފަކަށް އަދި މަތީ ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށްވެސް އެ ފުރުސަތު ހުޅުވާލާފައި އޮންނާނެކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެމްއެންޔޫއިން ބުނެފައިވަނީ ރިސާޗު ގްރާންޓު ދިނުމުގައި ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލޭނުގައި ހިމެނޭ ދާއިރާތަކަށް ބޮޑަށް އިސްކަން ދެވޭނެ ކަމަށެވެ.

ރިސާޗު ގްރާންޓުގެ ދަށުން 10،000 ރުފިޔައިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީގެ ގޮތުގައި ދޭނެއެވެ.

އެމްއެންޔޫއިން ބުނެފައިވަނީ ގްރާންޓް ދޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާޗް ގްރާންޓްސް ކޮމިޓީން އިވެލުއޭޓްކުރުމަށްފަހު އެކި ކެޓަގަރީތަކުން،ކަނޑައެޅިފައިވާ އިވެލުއޭޝަން ކްރައިޓީރިއާއަށް ބަލައި ހޮވޭ ޕްރޮޖެކްޓްތަކަށް ކަމަށެވެ.

އެ ޔުނިވާސިޓީއިން މިދިޔަ އޮކްޓޯބަރު މަހުގައިވެސް ވަނީ ރިސާޗު ގްރާންޓުގެ ގޮތުގައި ނުވަ ބޭފުޅަކަށް ޖުމްލަ 2.6 މިލިއަން ރުފިޔާ އެހީ ދީފައެވެ.

comment ކޮމެންޓް