އިބްތިހާލްގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ ރަށު މީހުންގެ ދުލުން

އާފިޔާ މުހައްމަދު މަނިކު، މުހައްމަދު އިބްތިހާލާ އެކު --

މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މަރާލުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގައި ދައުލަތުގެ ފަސް ހެކިވެރިއެއްގެ ހެކިބަސް މިއަދު ނަގައިފި އެވެ.

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ނަގާފައި ވަނީ ވ. ރަކީދޫގައި ތިބި ދައުލަތުގެ ފަސް ހެކިވެރިއެއްގެ ހެކިބަހެވެ. އެ މީހުންގެ ހެކިބަސް ނަގާފައި ވަނީ ރަކީދޫ ކޯޓުގައި ވީޑިއޯ ކޮންފަރެންސް ކޯލް މެދުވެރިކޮށެވެ. ފުރަތަމަ ދެ ހެކިވެރިން ކަމަށްވާ އާރިފާ މުހައްމަދު އަދި ތަހުމީނާ އިބްރާހިމްއާ ސުވާލު ކުރެއްވީ، ރަކީދޫގައި ހުންނަވައިގެން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ މަރިޔަމް ތޮއިފާ އެވެ. ދެން ތިބި ހެކިވެރިން ކަމަށްވާ ޝަހީމާ އިބްރާހިމް، ހުސެއިން މުއާޒް އަދި އާދަމް ސާމީއާ ސުވާލު ކުރެއްވީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދެވެ.

އެ ހެކިވެރިންނާ ސުވާލު ކުރަން އާފިޔާއަށް ދިން ފުރުސަތުތަކުގައި އޭނާ އެއްވެސް ސުވާލެއް ނުކުރެ އެވެ.

އަނިޔާއާ ހިތްދަތިކަމުގެ ވާހަކަތައް

މިއަދު އެންމެ ފުރަތަމަ ނެގީ އާފިޔާއާ ދުރުތާ ތިމާގެ އަންހެނެއް ކަމަށްވާ އާރިފާ މުހައްމަދުގެ ހެކިބަހެވެ. އޭނާ އަކީ އިބްތިހާލް މަރުވި އިރު ރަކީދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރި އަންހެނެކެވެ. އިބްތިހާލްއާ އާރިފާއާ ގާތް ގުޅުމެއް އޮތެވެ. އިބްތިހާލް އާރިފާއަށް "މާމަ"އޭ ކިޔައި އުޅުނެވެ. އަދި އެހެން ބައެއް މީހުންނެކޭ އެއްގޮތަށް އާރިފާވެސް އިބްތިހާލަށް ލޯބިން ކިޔައި އުޅުނީ "ދޮންބެ" އެވެ.

އާރިފާ ބުނީ އާފިޔާ އޭނާގެ ދެން ތިބި ދެ ދަރިންނާ އިބްތިހާލްއާ ތަފާތު ކުރާ ކަމަށެވެ. ދެން ތިބި ދެ ދަރިންނާ އެކު މަގުމަތިން ފެނުނަސް އިބްތިހާލް މާގިނައިން އާފިޔާއާ އެކު މަގުމަތިން ނުފެންނަ ކަމަށް އޭނާ ކިޔައިދިނެވެ. އަދި އިބްތިހާލް ކޮބައިތޯ އެހުމުން ގޭގައި ނިދާފައި އޮތް ކަމަށް އާފިޔާ ބުނެ އުޅުނު ކަމަށް އޭނާ ކިޔައިދިނެވެ.

އެއް ދުވަހު އިބްތިހާލްގެ ލޯމަތި ރަތްވެގެން ސިއްހީ މަރުކަޒަށް ގެނަ އެވެ. އެ ދުވަހު ކިހިނެއްވީހޭ އާފިޔާ ސުވާލު ކުރުމުން، އެއީ ނިދާ ހޭލި އިރުވެފައިއިން ގޮތެއް ކަމަށް އާފިޔާ ބުނި ކަމަށް އާރިފާ ހެކިބަސް ދިނެވެ.

އާރިފާ ބުނި ގޮތުގައި އާފިޔާމެން އުޅުނު ގެ ގިނައިން ހުންނާނީ ތަޅުލާފައެވެ. އަދި އެއީ ގިނަ އިރު ގޭގެ ދޮރު ލައްޕައިގެން އުޅުނު ބައެއް ކަމަށް އޭނާ ބުންޏެވެ. ގޭގެ ދޮރު ހުޅުވާފައި ހުރި ދުވަހަކު އެ ގެއަށް ވަން އިރު އިބްތިހާލް މުޅިން ފޯވެ، ބަދަލު ކުރަން ޖެހިފައި ހުރި ނެޕީއެއް ލައިގެން ހުރި ތަން ފެނުނު ކަމަށް އާރިފާ ބުންނެވެ. އެހެންކަމުން، އާފިޔާ ގާތުގައި އަހާފައި އިބްތިހާލް ގޮވައިގެން ފެންވަރުވަން އާރިފާ އޭނާގެ ގެއަށް ދިޔައެވެ.

ފެންވަރުވަން އިބްތިހާލްގެ ޓީޝާޓު ބޭލި އިރު، އިބްތިހާލް އަތަށް ތަދުވާތީ "އައްދޮ"އޭ ބުނި ކަމަށް އާރިފާ ބުންޏެވެ. ރަނގަޅަށް ބަލާލި އިރު އިބްތިހާލްގެ އަތުގެ ހުޅު ނޫފައިގެންފައި ހުރިތަން ފެނުނެވެ. އަދި ބުރަކަށިންވެސް އަނިޔާގެ ނިޝާންތައް ފެނުނު ކަމަށް ބުންޏެވެ.

"އައްދޮ ކުރީ ކާކުހޭ މަންމަ ހެއްޔޭ އެހީމަ ބޯ ޖަހާލި،" އާރިފާ ކިޔައިދިނެވެ.

އަނިޔާގެ ނިޝާންތައް ފެނުނު ނަމަވެސް، ދުވަހަކުވެސް އިބްތިހާލްގެ ގައިގައި އާފިޔާ ޖެހި ތަނެއް ނުފެންނަ ކަމަށް އާރިފާ ބުންޏެވެ. އަދި އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް އާފިޔާ އޭނާ ގާތުގައި ބުނި ކަމަށްވެސް ބުންޏެވެ.

އިބްތިހާލަށް އަނިޔާއެއް ލިބިގެން ސުވާލެއް ކުރުމުން އަބަދުވެސް ކޮންމެވެސް ބަހަނާއެއް އާފިޔާ ދައްކާ ކަމަށް އާރިފާ ބުންޏެވެ. ކަންފަތް ނޫފައިގެންފައި ހުރެގެން އާރިފާ ސުވާލު ކުރުމުން އެއީ އިބްތިހާލް އަމިއްލައަށް ކަންފަތަށް އެއްޗެއް ކޮއްޕައިގެން ކުރި ކަމެއް ކަމަށް ބުންޏެވެ. އުޅަނބޮއްޓަށް އަނިޔާވެފައި ހުރެގެން އެހުމުން، އެއީ އެހެން ކުއްޖެއްގެ ފަރާތުން ލިބުނު އަނިޔާއެއް ކަމަށް ބުންޏެވެ. އަދި ކުރިމަތިފަރާތަށް ގެއްލުންވެފައި ހުރުމުން އެއީ އާފިޔާގެ މަންމަ ކައިރީގައި އިބްތިހާލް ހުރުމަށް ފަހު ގެނައި އިރު ވެފައި ހުރި ގޮތެއް ކަމަށް ބުންޏެވެ.

އިބްތިހާލްގެ އަނިޔާތައް ރަކީދޫ ކައުންސިލުގެ ޒިންމާދާރުވެރިޔާގެ މަގާމުގައި ހުންނެވި ހުސެއިން މުއާޒަށް އާރިފާ ދެއްކި އެވެ. އަދި މުއާޒުގެ އެ އަނިޔާގެ ނިޝާންތަކުގެ ފޮޓޯތައް ނެގި ކަމަށް ބުންޏެވެ. އަދި އެކަން ކައުންސިލުގެ ރައީސް އާދަމް ސާމީއާއި ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނަ އެވެ.

އިބްތިހާލް ގާތުގައި މަންމަ ކައިރިއަށް ދާން ބުނުމުން ބައެއް ފަހަރު ރޯން ފަށާ ކަމަށާއި، ނަމަަވެސް ބައްޕަ ކައިރިއަށް އަމިއްލައަށް ރުހިގެން ދާ ކަމަށްވެސް އާރިފާ ބުންޏެވެ.

"ވަރަށް ހިތާމަވެރިކޮށް އެ ދަރި އިންނާނީ ގޭތެރޭގައި،" އިބްތިހާލް ސިފަ ކުރަމުން އާރިފާާ މިއަދު ބުންޏެވެ.

އިބްތިހާލް މަރުވި ދުވަހު ކަންތައްތައް ހިނގި ގޮތް ކިޔައިދެމުން އާރިފާ ބުނީ، އެ ދުވަހު އާފިޔާ ސިއްހީ މަރުކަޒު ކައިރިއަށް އައިސް ހޭނެތުނު ކަމަށެވެ. އަދި ހޭ އެރުމުން "މަގޭ ބޮޑު ދަރި"އޭ ބުނި ކަމަށް އާރިފާާ ކިޔައިދިނެވެ.

ދެން އިބްތިހާލް ފެނުނު އިރު އޮތީ މަރުވެފައި ކަމަށް އާރިފާ ބުންޏެވެ. ހަށިގަނޑު ފެނުނު އިރުވެސް އޮތީ އޮރިޔާމުން ކަމަށް ބުންޏެވެ. އޭނާގެ ނިތްކުރި ހުރީ މަޑުވެފައި ކަމަށާއި، "ގަންނަވާލާފައި" ހުރި ކަހަލަ ގޮތަކަށް ކަމަށްވެސް އޭނާ ބުންޏެވެ. އަދި އިބްތިހާލުގެ ކަރުގައި ހިފާފައި ހުރި ކަމުގެ ނިޝާންތަކާއި ބުރަކަށިން އަނިޔާގެ ނިޝާންތައް ފެނުނު ކަމަށް ބުންޏެވެ.

އަނިޔާގެ ނިޝާންތަކާ އެކު މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލް --

"ހުސް ދޮގު،" އާރިފާގެ ވާހަކަތައް ނިމުމުން އާފިޔާ ބުންޏެވެ. އާރިފާ ހެދީ ދޮގު ކަމަށް ބުންޏަސް އާފިޔާ އާރިފާއާ އެއްވެސް ސުވާލެއް ނުކުރެ އެވެ.

ދެން ހެކިބަސް ދިނީ އާފިޔާގެ އަވަށްޓެރިއެއް ކަމަށްވާ ތަހުމީނާ އިބްރާހިމެވެ. ތަހުމީނާ ބުނީ އެއް ދުވަހަކު، އާފިޔާ އިބްތިހާލްގެ ގައިގައި ޖެހިތަން ފެނުނު ކަމަށެވެ. އަދި އިބްތިހާލް އިންނާނީ އާފިޔާ ދެކެ ބިރުން ކަމަށް ބުންޏެވެ. އަދި އިބްތިހާލްއާ އެހެން ދަރިންނާ އާފިޔާ ތަފާތު ކުރާ ކަމަށާއި، ކާގޭގައިވެސް އިބްތިހާލް ބަހައްޓާފައި ހުންނާނީ ވަކި ގޮނޑިއެއްގައި ކަމަށް ބުންޏެވެ.

ތަހުމީނާއަށްވެސް އިބްތިހާލްގެ މަރުވެފައި އޮތް ހަށިގަނޑު ފެނުނެވެ. އޭނާ ބުނި ގޮތުގައި އިބްތިހާލްގެ ކަންފަތުގައި ޒަހަމްތަކެއް ހުއްޓެވެ. އަދި ކުރިމަތިފަރާތް ހުރީ ދުޅަވެފަ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ތަހުމީނާގެ ވާހަތައްވެސް އާފިޔާ ދޮގު ކުރި އެވެ. އެކަމަކު، ތަހުމީނާއަކާވެސް ސުވާލެއް ނުކުރެ އެވެ.

މިއަދު ތިން ވަނައަށް ހެކިބަސް ދިން ޝަހީމާ އިބްރާހިމް އަކީވެސް އާފިޔާއާ ދެބެއިންގެ ދެދަރި އަންހެނެކެވެ. އިބްތިހާލް މަރުވި ދުވަހު އާފިޔާ އެހެން ގެއެއްގައި އިންދާ، އާފިޔާމެންގެ ކައިރިން ލާފައި ދިޔަ އިރު ކުއްޖަކު ގިސްލާ ރުއި އަޑު އިވުނު ކަމަށް އޭނާ ބުންޏެވެ. އެ އަޑު އިވުމުން އާފިޔާމެން ގެއަށް ވަންނަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް، ނުވަދެވުނު ކަމަށް ބުންޏެވެ.

"އަނިޔާގެ ވާހަކަ ޖެންޑާއަށް އެންގިން"

އިބްތިހާލް މަރުވި އިރު ރަކީދޫ ކައުންސިލުގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުރި ހުސެއިން މުއާޒު ވިދާޅުވީ، އިބްތިހާލް އާއި އާފިޔާއާ ގުޅޭ ކަންކަން އިބްތިހާލް މަރުވުމުގެ ކުރިންވެސް ކައުންސިލަށް ހުށަހެޅުނު ކަމަށެވެ. އެގޮތުން ޑިސެމްބަރު 28، 2014 ގައި އިބްތިހާލަށް އަނިޔާ ލިބިގެން ސިއްހީ މަރުކަޒަށް ގެންދިޔުމުން އެކަން ޖެންޑާ މިނިސްޓްރީއަށް އެންގި ކަމަށް ވިދާޅުވި އެވެ.

އެ ދުވަހު އިބްތިހާލްގެ ލޯމައްޗާއި، ކަންފަތް ދުޅަވެފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށް މުއާޒް ވިދާޅުވި އެވެ.

ރަކީދޫ ކައުންސިލުގެ ރައީސް އާދަމް ސާމީ ހެކިބަސް ދެއްވަމުން ވިދާޅުވީ، އިބްތިހާލަށް ލިބުނު އަނިޔާގެ މައުލޫމާތު ލިބުނީ މުއާޒްގެ ފަރާތުން ކަމަށެވެ. އަދި އިބްތިހާލަށް އަނިޔާގެވެގެން ގެނައި ދުވަހު، ލޮލާއި، ކުރިމަތިފަރާތާއި، ބުރަކަށިން އަނިޔާގެ ނިޝާންތައް ފެންނަ ކަމަށް އޭނާ ކިޔައިދިނެވެ. އެ އަނިޔާތަކުގެ ފޮޓޯތައް ނަގާފައި ޖެންޑާއަށް ފޮނުވި ކަމަށްވެސް އޭނާ ބުންޏެވެ.

އިބްތިހާލްގެ މަރުގެ މައްސަލައިގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލުންތަކަކަށް ދައުވާވެެސް ކުރި އެވެ.

މީގެ ކުރިން އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ.

އެކަމަކު އެފަހުން މި އަހަރުގެ އޮކްޓޯބަރު އަށް ވަނަ ދުވަހު މަރުގެ މައްސަލައިގައި ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފަ އެވެ. އޭނާ ބުނީ ކުރިން އިއުތިރާފުވީ ޖަލު އޮފިސަރުން އޭނާއަށް ވަޅިން ބިރު ދެއްކުމުން ކަމަށެވެ.

comment ކޮމެންޓް