އުތުރުގެ ފަސް އަތޮޅަކަށް ހާއްސަކޮށް ފުލުހުންގެ ވަޒީފާއަށް ހުޅުވާލައިފި

ފުލުހުން -- ފޮޓޯ / ރައީސް އޮފީސް

އުތުރުގެ ފަސް އަތޮޅުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ މީހުންނަށް އިސްކަން ދޭ ގޮތަށް، ފުލުހުންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުންގެ އިދާރާއިން މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނީ، ފުލުހުންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު މިމަހުގެ ހަތަކުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގެ ދަށުން ކުރިމަތިލާ ފަރާތްތަކަށް ފުލުހުންގެ ވަޒީފާ ދިނުމުގައި އިސްކަން ދޭނީ، ށ، ނ، ރ، ޅ އަދި ކ އަތޮޅުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކަމަށެވެ.

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުގެ ތިން މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ، ނުވަތަ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެ އެވެ.

ފުލުހުންގެ ވަޒީފާ އަށް ކުރިމަތިލާ ފަރާތަކީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ، ފިރިހެނެއް ނަމަ އިސްކޮޅުން ފަސްފޫޓު ތިން އިންޗި، އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަމަވާ މީހަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމުގެ އަލަމެއް ނުވަތަ ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެ އެވެ.

މީގެ އިތުރުން އެމީހަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި ވަޒީފާ އަށް ކުރިމަތިލާ ފަރާތަކީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

comment ކޮމެންޓް