ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން -- ސަންފޮޓޯ/ ފަޔާޒު މޫސާ

ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު ފިރިހެން ފުލުހެއްގެ މައްސަލަ ޕޮލިހުން ބަލަން ފަށައިފިއެވެ.

އޭނާގެ ނަން ފުލުހުން ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުން އެއް ޖިންސުން ގުޅުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ބަލަން ފަށާފައިވަނީ މުހައްމަދު ރައޫފް، މ. ކޮޅުފުށި ޖޭމުގަސްދޮށުގެ، 42، ގެ މައްސަލައެވެ.

ފުލުހުން ބުނީ އެ ފުލުސް މީހާ 18 އަހަރުގެ ފިރިހެނަކަށް ޖިންސީ ގޯނާކުރަން އުޅެ، އެކަމުގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ތުހުމަތުވާ ފުލުސް މީހާ ހައްޔަރުކުރި ކަމަށާއި، އޭނާ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކރުުމުން ޝަރުތުތަކެއް ކޮށް އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އެމައްސަލާގައި އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ. ބަންދުން ދޫކޮށްލަން ރިއާޔަތްކުރި ސަބަބެއްކަމަށް ބުނެފައިވަނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ފުލުހުންގެ ވަޒީފާގައި ގިނަ ދުވަހު އުޅެފައިވާތީއެވެ. އޭނާ ދޫކޮށްލަން އަމުރުކުރީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށެކެވެ.

ފުލުހުން ބުނީ އޭނާގެ ޖިނާއީ ތަހުގީގެއް ކުރަމުންދާ އިރު، އޭނާގެ ޑިސިޕްލިނަރީ މައްސަލަ ފުލުހހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އަދި އޭނާ މިހާރު ހުރީ ސަސްޕެންޑުކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް