މަސްވެރިކަމުގެ ރަންޒަމާން އަލުން އިޔާދަކުރެވޭނެ: ރައީސް

ޑިސެމްބަރ 9، 2019: އެންސިސް ކޭނިންގް ފެކްޓްރީ ރަސްމީކޮއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މަސްވެރިކަމުގެ ރަންޒަމާން އަލުން އިޔާދަކުރެވޭނެކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށް ރައީސުލްޖުމްޖޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުޅުމަލޭގައި އެންސިސް ކޭނިންގް ފެކްޓްރީ ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެންމެ އިހު ޒަމާނުއްސުރެ މީގެ އަހަރުތަކެއް ކުރިއާ ހަމައަށްވެސް ރާއްޖޭގެ އިގުތިސާދުގެ ލޭނާރުގެ ގޮތުގައި ބެލެވިފައި އޮތީ މަސްވެރިކަން ކަމަށެވެ.

ނަމަވެސް ފަތުރުވެރިކަމާއި އެހެން ބައެއް ސިނާއަތްތައް ކުރިއަރައިގެން ދިއުމުން އިގްތިސާދީ ރޭހުގައި މަސްވެރިކަމުގެ މަގާމު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"މަސްވެރިކަމަށް މި ޙާލަތު މެދުވެރިވުމުގެ މައިގަނޑު ސަބަބަކީ، މަސްވެރިކަން ފުޅާވެ ކުރިއަރައިގެންދިޔަ މިންވަރާ ގާތަށްވެސް، މަސްވެރިކަމުގެ ސިނާއަތްތައް ކުރިއަރުވަން މަސައްކަތްނުކުރެވުން. މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ ގާބިލުކަން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ނެތުން. އަދި އަގު އެއްކުރެވިގެން މަހުގެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ގާބިލުކަންވެސް ނެތުން. ނަމަވެސް އަޅުގަނޑުމެންގެ ކަނޑުތަކުގައި މަސްވެރިކަން އާލާވެފައިވާ ގޮތާއި، ދިވެހިން މަސްވެރިކަން ކުރާގޮތަށް ބަލާއިރު، މަސްވެރިކަމުގެ ރަން ޒަމާން އަނބުރާ އިއާދަކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް." ރައީސް ސޯލިހު ވިދާޅުވިއެވެ.

ޑިސެމްބަރ 9، 2019: އެންސިސް ކޭނިންގް ފެކްޓްރީ ރަސްމީކޮއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރައީސް ސޯލިހު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، މަސް ގަނެ، މަހުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގާބިލުކަން ބިނާކުރެވިއްޖެނަމަ، ރާއްޖޭގެ އިގްތިސާދީ އެންމެ ބޮޑު ބާރަކަށް ވެގެންދާނީ މަސްވެރިކަން ކަމަށެވެ.

"މިއީ ނުކުރެވޭވަރުގެ ކަމެއް ނޫން. ނަމަވެސް މިއީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މި މަގްސަދު ހާސިލުވާނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް، އަތާ އަތް ގުޅައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން." ރައީސް ސޯލިހު ވިދާޅުވިއެވެ.

އެންސިސްގެ ކޭނިންގް ފެކްޓްރީއަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެ ކާރުހާނާއިން ދޭހަކޮށްދެނީ ރަނގަޅު ރޭވުންތަކަކާއި، ދުރު މުސްތަގްބަލުގެ ވިސްނުންތަކާއެކު އިންވެސްޓްކޮށްފިނަމަ މަސްވެރިކަމުގެ ސިނާއަތަކީވެސް ރަނގަޅު ފައިދާއާއި ނަފާ ހޯދޭނެ ސިނާއަތެއް ކަމެވެ.

އެންސިސްއިން އަލަށް ހުޅުވި ކޭނިންގް ފެކްޓްރީއަކީ 25 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އެ ފެކްޓްރީން ދުވާލަކު 25 ޓަނުގެ މަސް ބަންދު ކުރެވޭއިރު، އެތަނުގައި އެއްފަހަރާ 1،200 ޓަނުގެ ފިނިކުރި މަސް ރައްކާކުރެވޭ ވަރުގެ ކޯލްޑް ސްޓޯރޭޖެއްވެސް ހުރެއެވެ. އަދި އެ ފެކްޓްރީގައި ހުންނަ އައިސް ޕްލާންޓުން ދުވާލަކު 100 ޓަނުގެ އައިސް އުފެއްދޭނެކަމަށް އެންސިސްއިން ބުނެއެވެ.

މީގެ އިތުރުން މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ބެހެއްޓުމަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް 100 ޓަނުގެ އައިސް ޕްލާންޓަކާއި މަހުން އުކާލެވޭ ބައިތައް ބޭނުންކޮށްގެން ފިޝްމީލް އުފެއްދުމަށް ހާއްސަ މެޝިނަރީވެސް އެ ފެކްޓްރީގައި ވަނީ ގާއިމުކޮށްފައެވެ.

comment ކޮމެންޓް