ނަދީމުގެ މަރުގެ ދައުވާ ލިބޭ ހަތަރު މީހުން ވެސް ދައުވާއަށް އިންކާރު ކޮށްފި

ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ)،23: އޭނާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރު ކޮށްފައި --- ފޮޓޯ/ ފޭސްބުކް

ޓާމިނަލް ކެފޭ ތެރޭގައި އިންދައި 2017 ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ވަޅިއެއް ބޮލަށް ހަރައި މަރާލި ހއ. ތަކަންދޫ އިބްރާހިމީހިޔާ ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަތަރު މީހުން ވެސް އެ ދައުވާއަށް އިންކާރު ކޮށްފި އެވެ.

ނަދީމުގެ މަރުގެ މައްސަލާގައި، ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ މުހުތާޒް ފަހުމީ އެވެ. ނަމަވެސް މިހާރު އެ މައްސަލަ ބައްލަވަނީ މި އަހަރުގެ ކުރީކޮޅު ސިވިލް ކޯޓުން އެކޯޓަށް ބަދަލުކުރެއްވި ގަޒީ ހުސައިން ފާއިޒް ރަޝީދު އެވެ.

ދައުވާގެ ހުލާސާ:

ގާޒީ ބަދަލުވުމާ އެކު އެ މައްސަލަ އަލުން ވަނީ ފަށައިފަ އެވެ. އެހެންކަމުން ދައުލަތުގެ ވަކީލު މިއަދު ވަނީ ދައުވާ އިއްވާފަ އެވެ.

ދައުވާ އިއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ޖުލައި 27 ވަނަ ދުވަހު ޓާމިނަލް ކެފޭގައި ނަދީމް އިންދައި، ތިން ސައިކަލެއްގައި ފަސް މީހަކު ޓާމިނަލް ކެފޭ ކައިރިއަށް ދިޔަ ކަމަށެވެ. އޭގެ ތެރެއިން ޓާމިނަލް ކެފޭތެރެއަށް ވެދެ ނަދީމަށް ހަމަލާ ދީފައިވަނީ މަފާޒު ކަމަށް ވެސް ދައުލަތުން ބުންޏެވެ. އެގޮތުން ނަދީމްގެ ވާތް ފަރާތު ކަންފަތާ ދިމާލުން މައްޗަށް ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން ހަމަލާ ދިނުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް، ޖުލައި 29 ވަނަ ދުވަހުގެ ހަވީރު 5:12ގައި ނަދީމް މަރުވެފައިވާކަން ދައުލަތުން ފާހަގަ ކުރި އެވެ. މަފާޒްއާ އެކު ޓާމިނިލް ކެފޭތެރެއަށް ވަދެ އަދި އޭނާއެކު ނިކުމެގެން ގޮސްފައި ވަނީ އަލީ ނިފާޒް އެވެ.

ނަދީމަށް ހަމަލާ ދިނުމަށް ފަހު ތިން ސައިކަލްގައި ފަސް މީހުން ވެސް އެތަނުން ގޮސް ފިލާފައިވާކަން ދައުލަތުގެ ވަކީލް ފާހަގަ ކުރެއްވި އެވެ. ޓާމިނަލް ކެފޭއަށް ވަތް މަފާޒް އާއި ނިފާޒް އިނީ ދެ ސައިކަލެއްގެ ފަހަތުގަ އެވެ. ދެން ދައުވާ އުފުލާފައިވާ މުހައްމަދު ކަރަމް ސުހައިލްް އިނީ ސައިކަލްގައި ގިނިކަންޏާ އެވެ. މަފާޒް ނުވަތަ ނިފާޒް ގޮވައިގެން ދިޔަ ހުސައިން ޝާމިނަށް ދައުވާ އުފުލިއިރު ދެން ހުރީ 18 އަހަރުން ދަށުގެ ކުއްޖެވެ. އޭނާގެ މައްސަލަ ކުރިއަށް ދަނީ ޖުވަނައިލް ކޯޓުގަ އެވެ.

ހަތަރު މީހުން ވެސް ދައުވާއަށް އިންކާރު:

ދައުވާ އުފުލާފައިވާ ހަތަރު މީހުން ވެސް ދައުވާއަށް ވަނީ އިންކާރު ކޮށްފަ އެވެ. އެހެން ކަމުން ޝަރީއަތުން ވަނީ ހެކި ހުށަހެޅުމަށް ދިހަ ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން މަފާޒަށް ކުށް ސާބިތުވެއްޖެ ނަމަ އަންނާނީ މަރުގެ ހުކުމެވެ. އަނެއް ތިން މީހުންގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

ހަތަރު މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ނުވެއްޖެ ހާލަތެއްގައި އެ މީހުންގެ މައްޗަށް ތޫނު އެއްޗެއް ގެންގުޅުމާއި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިނުމުގެ ދައުވާ ކުރެވިދާނެ ކަން ދައުލަތުން ވަނީ ފަހަގަކޮށްފަ އެވެ.

comment ކޮމެންޓް