ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން އަލުން މަޖިލީހަށް ހުށަހަޅާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ/ރައީސް އޮފީސް

މި ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލިރެންސް ޓް ކޮރަޕްޝަން" ސިޔާސަތުގެ ދަށުން، ނުހައްގު މުއްސަނދިކަން ޖިނާއީ ކުށަކަށް ހަދަން އަލުން މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ އެންޓިކޮރަޕްޝަން ދުވަހާ ގުޅިގެން ރައީސް ސޯލިހު ފޮނުއްވި، ހިތޯބުގައި ވިދާޅުވީ ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ ހައްގުތައް ހަމަހަމަ ކަމާ އެކު ހޯދައިދޭން އޮތް، އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަންގެ މޫތައް ދައުލަތުގެ އެކި އިދާރާތަކުގެ ތެރޭގައި އޮތް މިންވަރު ކަމަށެވެ. އަދި މި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަނީ ކޮރަޕްޝަންގެ މޫތައް އޭގެ ބުޑުން ލުހެލައި އެއްލައިލުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެކަން ހާސިލް ކުރުމަށް ނުހައްގު މުއައްސަނދިކަން ޖިނާއީ ކުށަކަށް ހަދަން ޖެހިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއް ކަމުގައި، ގާނޫނުލްއުގޫބާތުގައި ހިމެނުމަށް، މިއަހަރުގެ ކުރީކޮޅުގެ ތެރޭގައި، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވެގެން ދިޔައިރުވެސް، އެ ބިލް ފާސްނުވުމުން، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަލުން ހުށަހެޅުމަށް އަޅުގަނޑު ވަނީ ނިންމާފައި،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.

މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ އެ ބަދަލު ގާނޫނަށް ގެންނަން މަޖިލީހަށް ލަފާދީފަ އެވެ. އެހެން ނަމަވެސް އެ ބަދަލުތައް ގެނެވިފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ، ގައުމެއްގެ މުއްސަނދިކަމާއި ވަސީލަތްތަކުން ހަމަހަމަ ކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް މަންފާ ލިބުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީވެސް އެބަޔެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަަޕްޝަނާއި ހިޔާނަތުގެ ވަބާ އާންމުވުން ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކިތަންމެ ގާނޫނަކާއި މުއައްސަސާއެއް އުފެއްދި ނަމަވެސް އެ ވަބާ ފިލުވައި ލެވޭނީ، ފަރުދީ ފެންވަރެއްގައި ކޮރަޕްޝަނަށް ނޫނެކޭ ބުނެގެން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެހެންވީމާ، ކޮރަޕްޝަނާ ދެކޮޅަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅަކަށް ވާނީ، ގައުމުގެ ކޮންމެ ރައްޔިތަކުވެސް އަމިއްލަ ނަފްސަށް ތެދުވެރިވެ، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ ލިބިގަތުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާލާ މީހުންނަށް، ގާނޫނީ ރައްކާތެރިކަން ދިނުމަކީވެސް، ކޮރަޕްޝަން ނައްތާލުމަށް މުހިއްމުކަމެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެގޮތުން ވިސުލްބުލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގާނޫނަށް މިހާރު އަމަލުކުރަމުން އަންނަ އިރު، ކޮރަޕްޝަންގެ އަމަލެއް ހިންގާކަން އެނގޭ ނަމަ، އެކަން ވީ އެންމެ އަވަހަކަށް ހާމަކުރުމަށް ވެސް ރައީސް ވަނީ އެންމެހާ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.

"ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްވެސް މަގާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ހިޔާނާތްތެރިވާނަމަ، އެކަން އެނގޭ ކޮންމެ މީހަކު، އެކަން ސިއްރުނުކޮށް، ކަމާގުޅޭ އިދާރާތަކަށް އެކަމެއްގެ މައުލޫމާތު ހިއްސާ ކުރުމަށް އަޅުގަނޑު އެދެން،" ރައީސް ސޯލިހު ވިދާޅުވި އެވެ. "ދައުލަތުގެ މުއައްސަސާއަކުން ހިދުމަތެއް ހޯދުމަށް ނުވަތަ ހިދުމަތެއް ދިނުމަށްޓަކައި، ރިޝްވަތު ހިފައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ނާޖާއިދު ފައިދާއެއް ހޯދާކަން އެނގިއްޖެނަމަ، އެކަމެއްވެސް ހާމަކުރެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް،"

އެމަނިކުފާނު ވިދާޅުވީ މިފަދަ ޝަކުވާތައް ހުށަހަޅާ ފަރާތްތައް ސިއްރުވާނެހެން، އެފަދަ ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި މިހާރު ހަމަޖެހިފައިވާނެ ކަމަށެވެ. އެ ކަންކަމުގެ ބޭނުން ހިފައި ކޮރަޕްޝަން ނައްތާލުމަށް އެހީތެރިވެ ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސްގެ ހިތޯބުގައި ވަނީ އެމަނިކުފާނު އިއުލާން ކުރެއްވި، ކޮރަޕްޝަނަށް ޒީރޯ ޓޮލިރަންސެއް ދިނުމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން މި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް އާންމު ކުރަން ފެއްޓެވިކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އާންމުކުރުމުގެ މަގުސަދަކީ ސިޔާސީ މަގާމަކަށް އައްޔަނުކުރެވޭއިރު އޭނާގެ މާލީ ހާލަތު ހުރިގޮތް، އާންމުކޮށް އެނގުމާއެކު، އެ މަގާމުގައި ހުރެގެން ނުހައްގު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން ދެނެގަތުމުގެ ފުރުސަތު އާންމުންނަަށް ދިނުމެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން މިސަރުކާރުން ވަނީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލްއެއް ރައީސް އޮފީހުގެ ވެބްސައިޓްގައި ވެސް ގާއިމް ކޮށްފަ އެވެ.

comment ކޮމެންޓް