ނަޝީދުގެ ރައީސްކަމުގެ އިނާޔަތް ކަނޑާލަން ގެނައި އިސްލާހު ބާތިލުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ... ފޮޓޯ/ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރި ކަމާއި އިނާޔަތްތަކުގެ ގާނޫނަށް އިސްލާހުގެ ގެނައީ އޭރުގައި ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޓާގެޓްކޮށްފަ އެވެ.

ރައީށް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ 2015 ވަނަ އަހަރު އެވެ. އެ އިސްލާހު ގާނޫނަށް ގެނެސް ރައީސް ނަޝީދަށް ލިބެމުން ދިޔަ ރައީސްކަމުގެ އިނާޔަތްތައް ކަނޑާލީ 2016 ވަނަ އަހަރު އެވެ.

މި މަޖިލީހަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ މާޒީއަށް ރުޖޫއަވާގޮތަށް އެ އިސްލާޙު ގެނެސްފައިވަނީ ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެ މާއްދާ ބާތިލު ކުރާށެވެ.

ރައްޔިތުންގެ މަޖިލީހުން ބާތިލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ލިބިދޭންޖެހޭ އިނާޔަތާއި ރައްކާތެރިކަމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) އެވެ.

ޖިނާއީ ކުށަކާއި ގުޅީގެން އިނާޔަތް ނުލިބުން 10 (ށ)

  • މި މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މި ގާނޫނުނަށް އަމަލުކުރަން ފެށުމުގެ ކުރިން ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު އޭނާ އެ މަގާމުގައި ހުރިއިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ ނަމަ އެވަގުތުން ފެށިގެން އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށްވެސް މި ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ އެވެ.

އެ ގަނާނޫގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ހުރި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެ އެވެ.

ރައީސްކަން ކޮށްފައިވާ މީހުންގެ ތެރެއިން މިހާރު ޖިނާއީ ކުށެއް ސާބިތު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. މަތީ މަރުހަލާގެ ކޯޓަކުން ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ނުކުރާ ނަމަ، ރައީސްކަން ކޮށްފައިވާ މީހަކަށް ލިބިދޭން ޖެހޭ އިނާޔަތްތައް ރައީށް ޔާމީނަށް ލިބިވަޑައި ނުގަންނަވާނެ އެވެ. އަދި އެންމެ ފަހު މަރުހަލާގެ ކޯޓަކުން ރައީށް ޔާމީންގެ ހުކުމް ދަމަހައްޓައިފި ނަމަ އެ އިނާޔަތްތައް ދެން އެއްގޮތަކަށްވެސް ލިބިވަޑައެއް ނުގަންނަވާނެ އެވެ.

ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ، ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް އެވެ.

އެ އިސްލާހު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

comment ކޮމެންޓް