ކުޑަކުދިންގެ އަނިޔާގެ މައްސަލަތައް ނުބެލި، ލިސްޓް ދިގުވަނީ!

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމުގައި މުއައްސަސާތަކުން އަމަލުކުރަމުންދަނީ އެންމެ ހަރުދަނާ ގޮތެއްގައި ނޫންކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ކުޑަކުދިންގެ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮތް ދެނެގަތުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމަންސް އޮޑިޓު މިހާރު ވަނީ އާންމުކޮށްފަ އެވެ.

އެ އޮޑިޓުގައި މައިގަނޑު ގޮތެއްގައި ބަލާފައިވާނީ 2014 އިން 2016 އަށް ކުޑަކުދިންނަށް ކުރާ ގޯނާތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީ އާއި، ފުލުހުންނާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި އަމަލުކޮށްފައިވާ ގޮތަށެވެ.

އެ އޮޑިޓުގައި ބުނެފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާ ގުޅިގެން މުއައްސަސާތަކުން އަމަލުކުރަމުން ދަނީ އެންމެ ހަރުދަނާ ގޮތެއްގައި ނޫން ކަމަށެވެ.

އެގޮތުން މިނިސްޓްރީއަށް ހުށަހެޅިފައިވާ ރިފަރަލްތަކާއި ކޭސްތަކުގެ އެސެސްމަންޓްތައް ހެދުމާއި، މައްސަލަ ތަހްގީގުކުރުމަށް ދިގު މުއްދަތެއް ހޭދަވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން މިނިސްޓްރީއަށް ހުށަހެޅޭ ކޮންމެ ރިފަރަލް އަކަށް އެންމެ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އެސެސްމަންޓެއް ހަދަންޖެހޭ ގޮތަށް މިނިސްޓްރީގެ އެސްއޯޕީގައި ކަނޑައަޅާފައި ވީނަމަވެސް، އޮޑިޓް ސާމްޕަލަށް ނެގި 54 ކޭހުގެ ތެރެއިން 26 ކޭސްއަކަށް ރިފަރަލް ފޯމު ފުރުމަށް އެވަރެޖް ގޮތެއްގައި 45 ދުވަހުގެ މުއްދަތެއް ހޭދަވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.

ބައެއް ކޭސްތަކުގައި ފޯމު ފުރުމަށް ގިނަ މުއްދަތެއް ނަގާފައިވަނީ ކޭހާ ގުޅޭގޮތުން ލިބެންޖެހޭ ބައެއް މައުލޫމާތުތައް ލިބުމަށް ބައެއް ފަހަރު ދަތިތަކާ ކުރިމަތިލާން ޖެހޭތީ ކަމަށް ޖެންޑާ އިން މައުލޫމާތު ދީފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ މުއައްސަސާތަކަށް ހުށަހަޅާ ކޭސްތަކަށް އިސްކަން ދިނުމުގައި ގެންގުޅޭނެ މިންގަނޑުތަކެއް ކަނޑައަޅާފައި ނުވާކަމަށާއި އަދި ބައެއް މައްސަލަތަކުގައި މަސައްކަތްކުރާނެ މުވައްޒަފުން ކަނޑައެޅުމަށް އެކަނިވެސް ދެ މަސް ދުވަހުގެ މުއްދަތެއް ހޭދަވެފައިވާ ކަމަށެވެ.

މައްސަލަ ހަވާލުކުރާތާ 10 ދުވަސް ތެރޭގައި މައްސަލަ ހަވާލުވި ފަރާތުން މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަންވާނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް ފުލުހުން ތަހުގީގުކުރަމުން ގެންގޮސްފައިވާ މައްސަލަތައް ނިންމުމުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަވެ، ބައެއް މައްސަލަތައް ނުނިމި ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާކަން ވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މައްސަލަތައް ބެލުމުގެ ގަވާއިދާއި ހިލާފަށް 20 މައްސަލައަށްވުރެ ގިނަ މައްސަލަ އެއްފަހަރާ ބައެއް މުވައްޒަފުންނާއި ހަވާލުކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ކުޑަކުދިންނަށް ކުރާ ގޯނާއާ ގުޅޭ ގޮތުން ފުލުހުންނަށާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކާބެހޭ
މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ބަލަހައްޓަމުން ގެންގޮސްފައިނުވާކަން ވެސް އޮޑިޓަރުންނަށް ވަނީ ފާހަގަކުރެވިފަ އެވެ.

ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާ، ޖިންސީ އަނިޔާ ނުވަތަ ނަފްސާނީ ގެއްލުމާއި އިހުމާލާ ގުޅިގެން ރިޕޯޓު ކުރާ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުން އަންނަ އިރު 2014 އިން 2016 އަށް ޖެންޑާ މިނިސްޓްރީއަށް ޖުމްލަ 2491 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ.

މި މުއްދަތުގައި ފުލުހުންނަށް 1975 މައްސަލަ ރިޕޯޓުކޮށްފައި ވާއިރު، 2016 ވަނަ އަހަރުގެ ނިޔަލަށް 142 ކުއްޖަކު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް