ކުލި ކޮންޓްރޯލް ކުރުމާ އެމްޑީޕީ ދެކޮޅު، ސިޔާސަތަކީ އިމާރާތް އިތުރުކުރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

މާލޭގައި ކުލި ކޮންޓްރޯލް ކުރުމަކީ އިގްތިސާދަށް އޭގެ ސަބަބުން ބޮޑު ގެއްލުމެއް ވާނެ ކަމެއް ކަމަށާއި، އެހެންކަމުން ކުލި ކޮންޓްރޯލް ކުރުމަކީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޕީއެސްއެމްއާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ގެނެސްދިން "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ގިނަ ބަޔަކު ވަނީ ބޯހިޔާވަހިކަމާއި ކުއްޔާ ގުޅުންހުރި ސުވާލުތައް އެމަނިކުފާނަށް ފޮނުވައިފަ އެވެ.

އެގޮތުން މާލޭގައި ގެދޮރުގެ ކުލި އިންތިހާއަށް ބޮޑުވަމުން އަންނާތީ ކުލި ކޮންޓްރޯލް ކުރަން ގާނޫނެއް ހަދަން ގަސްތުކުރައްވަންތޯ މީހަކު ވަނީ ނަޝީދަށް ސުވާލެއް ކުރިމަތިކުރުވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ސެންޓާ ރައިޓް، ނުވަތު މެދު ކަނާތުގެ ވިސްނުމުގެ ޕާޓީއެއް ކަމަށާއި އެހެންކަމުން އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ޕްރައިޒް މެކޭނިޒަމްތަކާއި މާކެޓްތަކާ ނުކުޅެ ކުރިއަށް ދިއުމަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ކުލި ބިނާވެފައި އޮންނަނީ އިމާރާތުގެ އަދަދާއި އެ އިމާރާތްތަކުގައި ދިރިއުޅެން ތިބި މީހުންގެ އަދަދުގެ މައްޗަށް ކަމަށެވެ. އަދި މާލޭގައި ކުލި ބޮޑުވެގެން ދަނީ އިމާރާތްތަކަށް ވުރެ، އެ އިމާރާތްތަކުގައި ދިރިއުޅެން ތިބި މީހުން ގިނަވުމުގެ ސަބަބުން ކަމަށެވެ.

އެހެންކަމުން ކުލި ކޮންޓްރޯލް ކުރުމަކީ ހައްލެއް ނޫން ކަމަށާއި، ކުލި ދަށް ކުރެވޭނީ ޑިމާންޑާ އެއްވަރަށް ސަޕްލައި ކޮށްދެވިގެން ކަމަށެވެ.

"މި ދަންނަވާހެން ސަޕްލައި އިތުރުކޮށްގެން ނުވަތަ ޑިމާންޑް ދަށްކޮށްގެން އަޅުގަނޑުމެންނަށް ރެންޓް، ކުލި ދަށްކުރަން މަސައްކަތް ކުރެވޭނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުލި ކޮންޓްރޯލް ކޮށްފިނަމަ އިގްތިސޯދަށް އަސަރު ކުރާނެ ކަމަށެވެ. ހަމައެއާއެކު ރައްޔިތުންގެ އާންމު ހާލަތަށް ވެސް އުނިކަން އަންނާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ ކުލި ކޮންޓްރޯލް ކުރަން އުޅުނު މުޖުތަމައުތަކުގެ އިގްތިސޯދު ރަނގަޅަށް ހިނގާފައި ނެތް ކަމަށެވެ.

"ކުލި ކަނޑައަޅައިފި ނަމަ ދެން އިގްތިސޯދުގެ އެހެން އެތައް ތަނަކުން ކިތަންމެ ނުހަމަ ކަންތައްތަކެއް ނުކުންނާނެ. އޭރުން އިގްތިސޯދަށް ލިބޭ ގެއްލުން ވެސް އަދި އެހެންވީމާ އާންމު ހާލަތަށް ލިބޭ އުނިކަން ވެސް ވަރަށް ބޮޑު ވާނެ، ރެންޓް ފަދަ ކަންކަން ކޮންޓްރޯލް ކުރަން އުޅުނު މުޖުތަމައުތަކުން ނުވަތަ އިގްތިސޯދުތައް ރަނގަޅަށް ހިނގާފަ ހުރިތަނެއް ނުފެނޭ،" ނަޝީދު ވިދާޅުވިއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު އަންނަން ވާއިރަށް 20،000 ހައުސިން ޔުނިޓު އަޅަން ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ. ނަމަވެސް ނަޝީދު ވިދާޅުވީ އެއީ މާލެ ސަރަހައްދަށް އެކަށީގެންވާ އަދަދެއް ނޫނެވެ.

ބޯހިޔާވަހިކަމާ ގުޅޭގޮތުން އަމާޒުވި އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ސިންގަލްކޮށް ތިބޭ މީހުންނަށް ސޯޝަލް ހައުސިން ފޯރުވައިދިނުމަށް އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ.

އަދި އޮންނަ އުސޫލެއްގެ ދަށުން، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ރާއްޖެއިން އެމީހަކު ބޭނުންވާ ރަށަކުން ބޯހިޔާވަހިކަން ލިބެންޖެހޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް