މޫސުމީ ބަދަލުތަކުން ކަނޑުގެ އޮކްސިޖެން ހަލުވި ކަމާއެކު ދަށަށްދަނީ

ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގައި އޮކްސިޖެން ހުންނަ މިންވަރު ދަނީ ހަލުވި ކަމާއެކު ދަށަށް ދަމުން -- ފޮޓޯ: އައިޔޫސީއެން

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތަކުގައި އޮކްސިޖެން ހުންނަ މިންވަރު ދަށްވުން އަވަސްވެ، ކަނޑުގެ ދިރުންތަކަށް ނުރައްކާވަމުންދާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ޔޫނިއަން ފޯ ދަ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެއީ މޫސުމަށް އަންނަ ބަދަލުތަކާ، ކަނޑުގެ އޮކްސިޖެން ލެވެލްތައް މަދުވުމާ ގުޅުން ހުރި އެންމެ ބޮޑު ދިރާސާ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ނިއުޓްރިއެންޓް ޕޮލިއުޝަން ނުވަތަ ދަނޑުތަކާއި ފެކްޓަރީތަކުގައި ބޭނުން ކުރާ ކެމިކަލްތައް ކަނޑަށް އެޅުމުގެ ސަބަބުން، ކަނޑުގައި އޮކްސިޖެން ހުންނަ މިންވަރު ދަށްވާކަން ކުރިންވެސް ވަނީ ފާހަގަ ކުރެވިފަ އެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެމައްސަލަ ވަނީ އިތުރަށް ގޯސްވެފަ އެވެ.

އެއީ، ހޫނު ހިފަހައްޓައިދޭ ކާބޮންޑައިއޮކްސައިޑް ދުނިޔޭގެ ޖައްވަށް ބޭރު ކުރާ މިންވަރު އިތުރުވެ، ދުނިޔެ ހޫނުވުމުން އެހޫނުކަން ދަމައިގަންނަނީ ކަނޑުތަކުންނެވެ. އޭގެ ސަބަބުން ކަނޑުގައި އޮކްސިޖެން ހިފެހެއްޓޭ މިންވަރު ދަށްވެ އެވެ. ސައިންސުވެރިން ލަފާ ކުރާ ގޮތުގައި 1960 އާއި 2010އަކާ ދޭތެރޭ ކަނޑުތަކުގައި އޮކްސިޖެން ހުރި މިންވަރު ވަނީ ކުރިއާ އަޅާ ބަލާއިރު ދެ ޕަސެންޓު ދަށްވެފަ އެވެ.

ކަނޑުގައި އޮކްސިޖެން ހުންނަ މިންވަރު ދަށްވުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ މަސްތަކުގެ ތެރޭގައި ކަންނެލި ހިމެނޭ -- ފޮޓޯ: ގެޓީ

އެ ރިޕޯޓުގައިވާ ގޮތުން މިހާރު ދުނިޔޭގެ ކަނޑުތަކުގެ 700 ސަރަހައްދެއްގައި އޮކްސިޖެން މިންވަރު ދަށްވެފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެއާ އަޅާ ބަލާއިރު 1960ގެ އަހަރުތަކުގައި ފާހަގަ ކުރެވިފައި ވަނީ އެފަދަ 45 ސަރަހައްދެވެ. އަދި ހަމަ އެ މުއްދަތުގައި، އޮކްސިޖެން އެއްވެސް ވަރަކަށް ނެތް ކަނޑުގެ ސަރަހައްދުތައް ވަނީ ހަތަރު ގުނަ އިތުރުވެފަ އެވެ.

"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑަށް ލިބޭ ގެއްލުމުގެ ބޮޑުކަން މި ރިޕޯޓުން އެނގިގެންދޭ. ކަނޑުތައް ހޫނުވަމުންދާ އިރު އޮކްސިޖެން ހުންނަ މިންވަރު މަދުވުމުގެ ސަބަބުން ކަނޑުގެ ދިރުންތަކުގެ ބެލެންސް ގެއްލިގެންދޭ،" އައިޔޫސީއެންގެ އެކްޓިން ޑިރެކްޓަރު ގްރެތެލް އަގުއިލާ ވިދާޅުވި އެވެ.

ކަނޑުގައި އޮކްސިޖެން ހުންނަ މިންވަރު ދަށްވުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ ސައިޒުން ބޮޑު އަދި ގިނައިން ހަކަތަ ބޭނުންވާ މަސްތަކަށެވެ. އޭގެ ތެރޭގައި ކަންނެއްޔާއި ހިބަރާއި މިޔަރު ފާހަގަ ކުރެވެ އެވެ.

އައިޔޫސީއެންގެ ރިޕޯޓުގައިވާ ގޮތުން އެމަސްތައް ދިރިއުޅޭ ސަރަހައްދުތަކުގައި އޮކްސިޖެން މަދުވުން، އެމަސްތައް ތިލަ ސަރަހައްދުތަކަށް ބަދަލުވެ އެވެ. އަދި އޭގެ ސަބަބުން އެމަސްތައް ބާނަން ފަސޭހަވެ، މަހުގެ އާބާދީ ކުޑަވެ އެވެ.

މީގެ އިތުރުން، ދުނިޔޭގެ ގައުމުތަކުން ޖައްވަށް ބޭރުކުރާ ހޫނުހިފަހައްޓާ ގޭސްތައް މިހާރެކޭ އެއްވަރަށް މުސްތަގުބަލުގައިވެސް ބޭރު ކުރަމުންދާ ނަމަ، 2100 އަންނަ އިރު ދުނިޔޭގެ ކަނޑުތަކުގައި އޮކްސިޖެން ހުންނަ މިންވަރު މިހާރާ އަޅާ ބަލާ އިރު ތިން ޕަސެންޓާއި ހަތަރު ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް އެރިޕޯޓުގައިވެ އެވެ.

އެހެންކަމުން އައިޔޫސީއެން އިން ވަނީ ކަނޑުތައް ރައްކާތެރި ކުރުމަށްޓަކައި ހޫނުހިފަހައްޓާ ގޭސްތައް ބޭރުކުރުން މަދުކޮށް ކަނޑުތަކަށް ގެއްލުންހުރި ކެމިކަލްތައް އެޅުން ހުއްޓުވަން ޖެހޭ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް