ސައުދީ ރެސްޓޯރެންޓުތަކަށް އަންހެނުންނާއި ފިރިހެނުން އެއްކޮށް ވަންނަން ހުއްދަދީފި

ސައުދީ ރެސްޓޯރެންޓުތަކަށް މީގެ ފަހުން ހިލޭ އަންހެނުންނާއި ފިރިހެނުންނަށް އެއްކޮށް ވަދެވޭނެ -- ފޮޓޯ: ގެޓީ

ރިޔާޒް (ޑިސެމްބަރު 9): ސައުދީ އަރަބިއާގެ ރެސްޓޯރެންޓުތަކަށް ވަނުމަށް އަންހެނުންނާއި ފިރިހެނުންނަށް ވަކި ދޮރުތައް ބެހެއްޓުން ދެން ލާޒިމެއް ނުވާނެ ކަމަށް އެގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

މީގެ ކުރިން ސައުދީގެ ރެސްޓޯރެންޓުތަކުގައި ފިރިހެނުން ވަންނަން ވަކި ދޮރެއް އަދި އަންހެނުންނާއި އާއިލާތައް ވަންނަން ވަކި ދޮރެއް ހުންނަން ޖެހެ އެވެ. އަދި އާއްމު ގޮތެއްގައި ދެބައި މީހުން އިށީންނަތަންވެސް ހުންނާނީ ފަރުދާއަކުން ވަކިކޮށްފަ އެވެ.

ސައުދީ މިނިސްޓްރީ އޮފް މުނިސިޕަލްޓީސް އެންޑް ރޫރަލް އެފެއާސްއިން ޓުވިޓާ މެދުވެރިކޮށް ބުނި ގޮތުގައި ހިލޭ އަންހެނުންނާއި ފިރިހެނުން ވަކިން ރެސްޓޯރެންޓުތަކަށް ވަންނަ ގޮތް ހަދަން ދެން ނުޖެހޭނެ އެވެ. ނަމަވެސް އެ ބަދަލު ގެންނަން މަޖުބޫރު ކަމެއް ނެތް ކަމަށާއި އެކަން ދޫކޮށްލާނީ ރެސްޓޯރެންޓުތަކުގެ ވެރި ފަރާތަށް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި ރެސްޓޯރެންޓުގެ އެތެރޭގައި އަންހެނުންނާއި ފިރިހެނުން ވަކިން ބޭތިއްބުމާ ބެހޭ ގޮތުން އެ މިނިސްޓްރީން ވަކި އެއްޗެކޭ ނުބުނެ އެވެ.

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ގެންނަވާ އިޖުތިމާއީ ބަދަލުތަކުގެ ދަށުން އެގައުމުގައި ވަނީ އަންހެނުންނަށް ކާރު ދުއްވުމާއި ކުޅިވަރު ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ މިދިޔަ އަހަރު ދީފަ އެވެ.

comment ކޮމެންޓް