އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝީޕުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފިއެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ މައުލޫމަތެއް ހާމައެއް ނުކުރިއެވެ.
އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީގުގެ ފޮނަދޫ ދާއިރާގެެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު "ސަން" އަށް ވިދާޅުވީ، އެ ބައްދަލުވުމަކީ އެ ކޯލިޝަނުން އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އޭނާ ހާމަ އެއް ނުކުރައެވެ.
އަދުރޭ ވިދާޅުވީ، ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ހާމަކުރުމަށް އަދި ނިންމާފައި ނުވާކަމަށެވެ.
ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙިމް ހޫދު ވިދާޅުވީ، ބައްދަލުވުމަށް އޭނާ ވަޑައިނުގަންނަވާ ކަމަށާއި ބައްދަލުވުމުގެ ތަފްސީލެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ބެލެވެ ގޮތުގައި އެ ކޯލިޝަނުން ރައީސް ސޯލިހާ ބައްދަލު މި ކުރެއްވީ، އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިވަގުތު ޖަލުގައި ހުންނެވުމުން އެކަމާ ގުޅޭ ގޮތުންނެވެ. ރައީސް ޔާމީން ޖަލަށް ލީ، މިިދިޔަ މަހު އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެގެންނެވެ. ހުކުމް ކޮށްފައި ވަނީ ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.
އެ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމް ބަލައި ނުގަތުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ނިންމާފައެވެ.