ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ރައީސަށް ފަތްކޮޅު އަރުވައިފި

ނެދަލޭންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުން ---- ފޮޓޯ/ރައީސް އޮފީސް

ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

މިއަދު ރައީސަށް ފަތްކޮޅު އަރުވާފައި ވަނީ އާޖެންޓީނާ އާއި ސައިޕްރަސްގެ އިތުރުން ނެދަލޭންޑްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުންނެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސް ސޯލިހު ވަނީ އާޖެންޓީނާގެ އާ ސަފީރު ޑެނިއަލް ޗުބޫރޫއާއި ސައިޕްރަސްގެ އާ ސަފީރު އެގިސް ލޮއިޒޫ އަދި ނެދަލޭންޑްސްގެ އާ ސަފީރު އެމްއެސް ޓާންޔާ ހޮންހުރައިޕާއި ވަކިވަކިން ބައްދަލުކުރައްވައިފައެވެ.

އާޖެންޓީނާގެ އާ ސަފީރާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން ނޫ އިގްތިސޯދުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އާޖެންޓީނާއާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އާޖެންޓީނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުން ---- ފޮޓޯ/ރައީސް އޮފީސް

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމާއި ގްރީން އެނާޖީގެ ޕްރޮޑަކްޓްތައް ތައާރަފް ކުރުމުގެ އިތުރުން އާޖެންޓައިން ފަންޑް ފޯ ސައުތު-ސައުތު އެންޑް ޓްރޭންގިއުލާ ކޯޕަރޭޝަންގެ ތެރެއިން ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮމޯޓް ކުރުމާމެދު ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ސައިޕްރަސްގެ އާ ސަފީރާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ. އެގޮތުން، ވިޔަފާރިއާއި ޓޫރިޒަމްގެ އިތުރުން ތިމާވެއްޓާއި ތިމާވެށީގެ ދާއިރާއިން ދެގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އެބައްދަލުކުރެއްވުމުގައި ސައިޕްރަސްގެ އާ ސަފީރު ދެއްކެވި ވާހަކައިގައި، ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ރާއްޖެއަށް އެހީތެރިވެދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ.

ސައިޕްރަސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވުން ---- ފޮޓޯ/ރައީސް އޮފީސް

ރައީސް ސޯލިހު ނެދަލޭންޑްސްގެ އާ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމަށް 40 އަހަރު ވެފައިވާކަން ފާހަގަކުރައްވައި ރާއްޖެއަށް ޒިޔާރަތްކުރާ ނެދަލޭންޑްސްގެ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ރާއްޖެއާއި ނެދަލެންޑްސްއާއި ދެމެދުގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެގައުމު ގުޅިގެން ކުރިޔަށް ދިއުމާއި، ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

comment ކޮމެންޓް