ޒީރޯ ވޭސްޓްއާ އެކު "ބެކް ޓު ސްކޫލް ޝޮޕިން" ކުނިމަދުކޮށް!

ޒީރޯ ވޭސްޓް ގެ ފަރާތުން ދަނގެތި ސްކޫލްގައި ޕްރެޒެންޓޭޝަން އެއް ދެނީ-- ފޮޓޯ/ސަން

ކޮންމެ ދިރާސީ އަހަރެއް ނިމޭއިރު، ކަބަޑުތަކާއި ގޭތެރެ އޮންނަނީ ކުނިން ފުރިފަ އެވެ. އެ އަހަރެއްގައި ކިޔެވުމަށް ބޭނުންކުރި ފޮތްތަކާއި، ސްކޫލަށް ގެންދިޔަ ދަބަސްތަކާއި، ބޫޓުތަކާއި އިސްޓާކީނާއި އިންޓަވަލްއަށް ގެންދިޔަ ލަންޗް ބޮކްސްގެ އިތުރަށް ފޮތް ފަންސުރު ގަލަންވެސް ގިނަ ބެލެނިވެރިން އުކާލަ އެެވެ. އެތަކެތި ހުންނަނީ ބާވެފަ އެވެ. ހުންނަނީ، އާކުރަން ބޭނުންވެފަ އެވެ.

ކޮންމެ އަހަރަކު އެއްފަހަރު މި ހުރިހާ ތަކެއްޗެއް އެއްކޮށް ގަނެ، އަހަރު ނިމުމުން އުކާލާނަމަ އެ ގިނަވަނީ ލައްކަ ކުންޏެވެ. ޒީރޯވޭސްޓް މެނޭޖްމަންޓްއިން ބުނާގޮތުން މިއީ ވަރަށް ބޮޑަށްވެސް ކުޑަ ކުރެވިދާނޭ ހަރަދުތަކެކެވެ. އަދި މަދު ކުރެވިދާނޭ ކުންޏެވެ.

މިހެން ބުނެފިނަމަ ކޮންމެ މީހެއްވެސް ހިތަށް އަރާނީ އަބަދުވެސް އަޑުއިވޭ ރެޑިއުސް ރީޔޫސް އަދި ރީސައިކަލް ގެ ވާހަކަ އެވެ. އެހެންނަަމަވެސް ޒީރޯވޭސްޓްއިން މިފަހަރު މިދައްކަނީ މުޅީން ތަފާތު ވާހަކަ އެވެ.

ރީތިންކް

ބޭނުންވާ ކޮންމެ އެއްޗަކީ އަދި ގަތުން އެންމެ ރަނގަަޅު އެއްޗަކަށް ނުވެދާނެ އެވެ. އެހެންކަމުން އެއްޗެއް ގަތުމުގެ ކުރިން މިއީ ހަގީގަތުގައިވެސް ބޭނުންވާ އެެއްޗެއްތޯ ވިސްނާލާށެވެ. މިގޮތުން، އެ އެއްޗެއް ބޭނުންކުރެވޭނީ ކިހާ މުއްދަތަކަށްތޯ، ފަސޭހައިން ހަލާކުވެދާނެތޯ މިފަދަަ ކަންކަމާއި ދޭތެރޭ ވިސްނާލުން މުހިންމެވެ. މިސާލެއްގެ ގޮތުގައި ސްކޫލް ދަބަހަށް ބަލާއިރު، ދަބަހުގެ ފެހުމަށާއި، މެޓީރިއަލްއަށް ވިސްނާލުން މުހިންމެވެ. ބައެއް މެޓީރިއަލްތަކަކީ ބަރުއެއްޗަކަށްވުމުން ފޮތްތައް އަޅާލާއިރު ދަބަސް މާ ބޮޑަށް ބަރުވެ ދަރިފުޅަށް އުނދަގޫތަކެއް ކުރިމަތިވެދާނެ އެވެ. އެހެންކަމުން ގަންނައިރު ގިނަ ދުވަހަށް ބޭނުންކުރެވޭ، ދަރިފުޅާއި އެކަށީގެންވާ ދަބަހަކަށްވުން މުހިންމެވެ.

ރިޕެއާ

ދެވަަނަ ކަމަކަށް މިއަހަރު ސްކޫލަށް ގެންދިއުމަށް ބޭނުންކުރި ހުރިހާއެއްޗެއް އުކާލުމުގެ ބަދަލުގައި، ކުދިކުދި ގެއްލުންވެފައިހުރި، އެއްޗެހި ރިޕެއާ ކޮށްގެންވެސް ބޭނުންކުރެވިދާނެ އެވެ. މިގޮތުން ފަންސުރު ގަލަން ފަދަ ތަކެތި ގެންގުޅޭ ޕެންސިލް ކޭސްފަދަ ތަކެއްޗަކީ ގިނަފަހަރު ހަލާކު ނުވިއަސް އާކޮށްލަން ބޭނުންވާ އެއްޗިއްސެވެ. ނަމަވެސް ކުނި މަދުކޮށް ޚަރަދު ކުޑަކުރުމުގެ ވިސްނުމުގައި، އާ ޕާރސްއެއް ނުވަތަ ޕެންސިލްކޭސް ސާފުކޮށްލައި ދޮވެވޭނަމަ ދޮވެލާ، ބޭރުގައި ދެލި ހޭކިފއިހުރިނަމަ ފެބްރިކް ޕެއިންޓް ފަދައެއްޗެއް ބޭނުންކޮށްގެން މުޅިން ތަފާތު އާ ޕާރސްއަކަށްވެސް ބަދަލުކޮށްލެވިދާނެ އެވެ. އޭރުން ޗުއްޓީގައިވެސް ކުރެވޭނެ މަޖާ ޑިއަވައިއެއްވެސް ލިބުނީތާއެވެ.

ރީޕާޕަސް

ފަހަރެއްގައި މިއަހަރު ސްކޫލަށް ގެންދަން ބޭނުންކުރި ހުރިހާ އެއްޗަކީ ހަމަ އެ ބޭނުމަށް އަންނަ އަހަރު ބޭނުންކުރަން ތަންކޮޅެއް އުނދަގޫވެދާނެ އެއްޗަަކަށްވެދާނެ އެވެ. އެހެންކަމަށްވާނަމަ، ތަފާތު އެހެން ބޭނުމަކަށް އެ އެއްޗެއް ބޭނުންކުރެވިދާނެ އެވެ.

މިސާލަކަށް އިންޓަވަލް އަޅަން ގެންގުޅޭ ލަންޗްބޮކްސް އަކީވެސް ތަފާތު އެކިކަންކަމަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. މިގޮތުން، ގޭގެ ކަބަޑުގައި މިއަހަރު ސްކޫލަށް ގެންދިޔަ ކުލަ ފަންސުރު ފަދަ ތަކެތި އޯރގަނައިޒް ކުރަން ލަންޗް ބޮކްސް ބެނުންކުރެވިދާނެ އެވެ. ނުވަތަ އަމިއްލަ ފަސްޓް އެއިޑް ކިޓްއެއް ނޫނީ، ފަހާއެއްޗެހި އެޅުމަށް ހާޢްސަ ކްރޯޗެޓް ކިޓެއްވެސް ހެދިދާނެ އެވެ.

މިއީ މިފަދައިން ކޮށްލެވިދާނެ މަދު ދެތިން ކަމެކެވެ. މީގެއިތުރުންވެސް ކުނި މަދުކޮށް އަދި ޚަރަދުވެސް ކުޑަކޮށް އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުމަށް ތައްޔާރުވުމުގެ މަސައްކަތް ކުރެވިދާނެ އެވެ. ކިތަންމެ ކުޑަ ބަދަލަކުންވެސް ހީނުކުރާ ވަރުގެ ބަދަލެއް ދިރިއުޅުމަށް ގެނުވަފާނެ އެވެ.

comment ކޮމެންޓް