ޗައިނާގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލްގައި ލޮލުގެ ފަރުވާދޭ ސެންޓަރެއް ގާއިމްކުރަނީ

ހުޅުމާލެ ހޮސްޕިޓަލް--ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލެ ހޮސްޕިޓަލްގައި ލޮލުގެ ބަލިތަކަށް ހާއްސަ ސެންޓަރެއް ހުޅުވަން ނިންމައިފި އެވެ.

މިއީ ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހުޅުވާ ސެންޓަރެއް ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުންޏެވެ.

އާސަންދަ ކުންފުނިން ބުނީ އެ ހޮސްޕިޓަލް ހުޅުވާނީ އަންނަ ޖެނުއަރީ މަހު ކަމަށާއި ސެންޓަރު ހުޅުވުމުގެ ގޮތުން ލޮލޮގެ ބަލިތަކަށް ހާއްސަ ކޭމްޕްއެއްވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޗައިނާގެ މެޑިކަލް ޓީމްއަކާ އެކު ކުރިއަށް ގެންދާ އެ ކޭމްޕްގައި ފަރުވާ ދެއްވާ ބަލިތަކުގެ ތެރޭގައި ލޮލުގެ ފުސް ކެހުން، ގުލްކޯމާ، ހަކުރު ބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް ލޮލުގެ ކޮއެގެ ތަފާތު ބަލިތައް އަދި ނަންބަރު އައިނު ނަގައިދިނުން ހިމެެނެ އެވެ.

އެ ކޭމްޕްގައި ފަރުވާ ދިނުމަށްޓަކައި ބަލިމީހުން މިހާރު ސްކްރީން ކުރަމުންދާ ކަމަށްވެސް އާސަންދަ ކުންފުނިން ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލްއިން ބުނީ ހުޅުމާލޭގައި އާބދާ އިތުރުވަމުންދާތީ ހިދުމަތް ހޯދަން އަންނަ މީހުން އިތުރުވެފައިވާ ކަަމަށެވެ.

އެގޮތުން ޖުމްލަކޮށް މިހާރުވެސް އެ ހޮސްޕިޓަލުން 1000 އެއްހާ ހިދުމަތް ދުވާލަކު މިހާރު ހޯދަމުންދާ ކަމަށްވެސް އެ ހޮސްޕިޓަލްއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް