ރައްޔިތުން އިންތިހާބުކުރާ މީހަކު މަޖިލީހުން ވަކިކުރުން ރަނގަޅެއް ނޫން: ރައީސް ނަޝީދު

"އާސްކް ސްޕީކާ" ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ ވޯޓުން މަގާމަކަށް އިންތިހާބުކުރާ މީހަކު، ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓަކުން ވަކިކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ރޭ ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމު ފަރާތަކުން ފޮނުވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައި، ކޮމެޓީ މަރުހަލާގައި ބިލް ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން ކައުންސިލަރުން މަގާމުން ވަކިކުރެވޭ ގޮތަށް ބިލަށް ބަދަލުގެނައުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.

އެއީ ރައްޔިތުންގެ މަޖިލީހުން ބާރުތައް މުށުތެރެއަށް ލުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެ ގިނަ ބައެއްގެ ނުރުހުން ވެސް އަމާޒުވި އެވެ.

ރޭ ނަޝީދަށް އާންމުންގެ މީހަކު ފޮނުވި ސުވާލުގައި ވެސް ވަނީ ރައްޔިތުން އިންތިހާބުކުރާ މަގާމުތަކުގައި ތިބޭ ބޭފުޅުން އެ މަގާމުތަކުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނަން ޖެހޭތޯ އެވެ. އަދި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް އޭނާ ގަބޫލު ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ސުވާލަށް ޖަވާބުދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ގާނޫނު އަސާސީގައި އޮތް އެއްޗެއް ކޮންމެ ގޮތަކަށް ވެސް މާނަކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުން އިންތިހާބު ކުރާ މީހަކު މަޖިލީހުން ވަކިކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށެވެ.

"ރައްޔިތުން އިންތިހާބު ކޮށްފައި ހުންނަ މީހަކު ރައްޔިތުންގެ މަޖިލީހުން ވަކި ކުރުމަކީއެއް ރަނގަޅު ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްވެގެން ދިޔައިރު، މަޖިލީހުން ކައުންސިލަރުން ވަކިނުކުރެވޭ ގޮތަށް ބިލަށް ވަނީ ބަދަލުގެނެސްފަ އެވެ.

މަޖިލީހުން ބިލް ފާސްކުރި ބިލުގައިވާ ގޮތުން ލޯކަލް ގަވަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު ލިބިދެވެ އެވެ.

އެލްޖީއޭއިން އެކުލަވާލާ އިންކުއަރީ ކޮމިޝަނަކުން މައްސަލަ ބަލައި، އަދި އެ މައްސަލައިގެ ރިޕޯޓު އެލްޖީއޭއިން ދިރާސާ ކުރުމަށް ފަހު ކައުންސިލަރުންނަށް ކަންކަން އިސްލާހު ކުރުމަށް އެންގޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި އިސްލާޙު ނުކޮށްފި ނަމަ ތިން މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަަކަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު ބިލުން ވަނީ އެލްޖީއޭއަށް ދީފަ އެވެ. މިހާރު ބިލު އިސްލާހު ކުރިގޮތުން ކައުންސިލަރުންނަށް އަޅާ ފިޔަވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ.

comment ކޮމެންޓް