މުލިއާގެއަކީ ސަގާފީ ތަރިކައިގެ ތެރޭ ހިމެނޭ ބިނާއެއް، ހިމާޔަތްކުރަން ޖެހޭ: ރައީސް

މުލިއާގެއަށް 100 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފްލާގައި ރައީސް މައުމޫން، ރައީސް ނަޝީދު އަދި ރައީސް ސޯލިހު --- ފޮޓޯ/ރައީސް އޮފީސް

ކުރީގެ ރަސްރަސްކަލުންނާއި ބައެއް ރައީސުން ދިރިއުޅުއްވި އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ދިރިއުޅުއްވަމުން ގެންދަވާ މުލިއާގެއަކީ ސަގާފީ ތަރިކައިގެ ތެރޭ ހިމެނޭ ބިނާއެއް ކަމަށާއި އެތަން ހިމާޔަތްކުރަން ޖެހޭ ކަމަށް އަމަނިކުފާނު ވިދާޅުވެއްޖެއެވެ.

މުލިއާގޭގައި އުޅުއްވި ބޭފުޅުންގެ ތެރޭގައި ޕްރިންސް ހަސަން އިއްޒުއްދީން ޝަމްސުއްދީން ރަދުންނާއި ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު އަމީން ދީދީއާއި އިބްރާހިމް ނާސިރާއި މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވައެވެ.

މުލިއާގެއަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ބޭއްވި ހާއްސަ ހަފްލާގައި ރައީސް ސޯލިހް ވިދާޅުވީ މުލިއާގެއަކީ ރާއްޖެއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ތަނެއް ކަަމަށެވެ.

"މިތަނުގައި ރިޔާސީ ގަނޑުވަރު ހިންގި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިންގި ބޮޑުވަޒީރުގެ އޮފީސް ހިންގި ދާހިލީ ވުޒާރާ ހާރިޖީ ވުޒާރާ ސުޕްރީމް ކޯޓު ހިންގި މިހެންގޮސް ރައްޔިތުންގެ މަޖިލިސްގެ ބައްދަލުވުން ދިޔަ. ދިވެހިރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަންވެގެން ދެކެވުނު ވާހަކަތައް ދެކެވިގެން ދިޔައީވެސް މި މުލިއާގެ ފެންޑާގައި" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މުލިއާގެއަކީ ތާރީހެއް އޮތް މުހިންމުތަނެއްކަަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

މުލިއާގެއަށް 100 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފްލާގެ ތެރެއިން--- ފޮޓޯ/ ރައީސް އޮފީސް

އޭގެ އިތުރުން މުލިއާގެ ކައިރީގައި ހުރި މެދުޒިޔާރަަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެއީ މުލިއާގެއަށްވުރެވެސް ދުވަސްވީ ތަނެއް ކަމަށާއި އެތަނަށް 865 އަހަރު ވެދާނެ ކަމަށެވެ.

"އެހެންކަމުން މި އިމާރާތަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީހާ ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެންޖެހޭ ސަރަހައްދެއްކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑު ހިތުން މިނިސްޓްރީން އެކަން ކުރިއަށް ގެންދަވާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަކީ މުއްސަނދި ސަގާފީ ތަރިކައެއް އޮތް ތަނެއްކަމަށާއި އަދި ސަގާފީ ތަރިކަތައް ރައްކާތެރި ކުރަން ޖެހޭ ކަމަށެވެ. އަދި ސަގާފީ ތަރިކަތައް ރައްކާކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަަން ރައީސް ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ތަރިކައަކީ މިހާރު އިގްތިސޯދުގެ ބައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކި ގައުމުތަަށް ދަތުރުކުރާ މީހުން ދަތުރުކުރުމުގައި ގައުމެއްގެ ސަގާފަތާއި ތަރިކައާއި ދިރިއުޅުން ހޯދަން މަސައްކަތް ކުރާ ކަމަށެވެ.

މިރޭގެ ހަފްލާގައި މުލިއާގެއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ދެ ބޭފުޅެއްގެ ނަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އޭގެ ތެރޭގައި މުލިއާގެއަށް 49 އަހަރު ހިދުމަތް ކުރެއްވި އިބްރާހިމް ޒަކީއާއި 42 އަހަރު ހިދުމަތް ކުރެއްވި އިބްރާހިމް ހަލީމްގެ ނަން ހިމެނެއެވެ. މިރޭގެ ހަފްލާގައި މުލިއާގެއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި 29 މީހެެއްގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ވަނީ ދީފައެވެ.

comment ކޮމެންޓް