އަންނަ މަހު ހައެއްގެ ކުރިން ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން: ޝިޔާމް

މިރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަނީ: ރައީސް ޔާމީން އަންނަ މަހު ގެއަށް ބަދަލު ކުރާނެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހު ހައެއްގެ ކުރިން އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލު ކުރާނެ ކަމަށް އެމަނިކުފާނު ނިސްްބަތްވާ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު މިހާރު ގެންދަވަނީ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ. އެ ހުކުމަކީ، ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމް ބަލައި ނުގަންނަކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

"އަނިޔާވެރި ހުކުމާ ދެކޮޅަށް" މި ނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުުމަށް ފަށާފައިވާ މަސައްކަތުގައި ހުރިހާ މެމްބަރުންގެ އެއްބާރުލުން ދިނުމަށް އެދޭ ކަމަށާއި ކުރިއަށް އޮތް އެ މަސް ދުވަސްތެރޭ އެމަނިކުފާނު ގެއަށް ބަދަލު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދޭން އޮތް ޔަގީން ކަމަކީ، އިރާދަކުރެއްވިޔާ މިއަދުން ފެށިގެން އެއް މަސް ދުވަސްތެރޭގައި، ގިނަވަގެން ޖެނުއަރީ ހައެއްގެ ކުރިން ރައީސް ޔާމީން ގެއަށް ބަދަލު ކުރާނަން،" ޝީޔާމް ވިދާޅުވިއެވެ.

"ދުވާލު ގޮވާލިޔަސް ރޭގަނޑު ގޮވާލިސް ދަންވަރު ގޮވާލިޔަސް، އަޅުގަނޑުމެންނާއެކު ވަޑައިގަންނަވާ. އިރާދަކުރެއްވިއްޔާ [ރައީސް] އިބްރާޙިމް މުހައްމަދު ސޯލިހަށް ދައްކާނަން ރައީސް ޔާމީން މިނިވަންކޮށްފައި"

މިރޭ އިދިކޮޅުން ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައި ނުގަންވާނެ ކަމަށާއި ދުވަހެއް ދުވަހަކަށް މަސައްކަތް ވަރުގަދަ ކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ނުހައްގުން ހުކުމްކޮށްފައި އަބަދަކު ބާރުގައި ނުތިބެވޭނެ ކަމަށާއި އެފަރާތްތަކާ އިންސާފު ހަމަ ކުރާނެ ކަމަށްވެސް އޭނާ މިރޭ ވަނީ ވިދާޅުވެފަ އެވެ.

"ހީފުޅު ނުކުރައްވާތި މިއަދު ފަނޑިޔާރު ގެތަކުގައި ތިބެއްވި ބޭފުޅުންނަށްވެސް. ހުރިހާ ބޭފުޅުންނަށް އެނގޭ ސީދާ ރައީސް އޮފީހުން ކަން އެ ފޯން ކޯލްތައް އަންނަނީ. އެހެންވީމަ ހީފުޅު ނުކުރައްވާތި މިއަދު ބަޔަކު ބޭނުންވާ ގޮތަށް ކަންތައްތައް ކުރައްވައިގެން މިއަދު ފަރުޖައްސާލެވޭނެ ކަމަށް. އިރާދަ ކުރެއްވިޔާ އިންސާފު އަރާ ހަމާ ކުރާނެ،" ޝިޔާމް ވިދާޅުވިއެވެ.

މިރޭ އިދިކޮޅުން ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝިޔާމް އިތުރަށް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 300 މިލިއަން ޑޮލަރު ހިމެނުމަކީ "ބިރުވެރި ކަމެއް" ކަމަށެވެ. ބަޖެޓްގެ 14 ޕަސަންޓް ހިލޭ އެހީގެ ގޮތުގައި ހިމެނުމަކީ ރައްޔިތުން ވިސްނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ ތާރީހުގައިވެސް އަލަށް ކުރެވުނު ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން މިއަދު ސާފު ކުރަން [ރައީސް] ސޯލިހްގެ އަރިހުން، ރާއްޖޭގެ ކޮން ބައެއް ވިއްކާލާފައިތޯ 300 މިލިއަން ތިޔަ ގެންނަވަނީ. ރާއްޖެ ވިއްކާލާފައިތޯ ކައިރި އަވައްޓެރި ގައުމަކުން ހިލޭ އެހީގެ ގޮތުގައި 300 މިލިއަން ޑޮލަރު ގެންނަވަނީ. ރައްޔިތުން ވިއްކާލާފައިތޯ ފަސް ބިލިއަން ރުފިޔާ ތިޔަ ގެންނަނީ،" ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝިޔާމް ވިދާޅުވީ، ދައުލަތުގެ މާލިއްޔާއިން މިސްކިތެއްގެ ކާޕެޓް ބަދަލުކޮށް ނުލެވޭ ކަމަށެވެ. މިއަދު މިސްކިތްތަކުގެ ކާޕެޓް ބަދަލުކޮށްލަންވެސް ފައިސާ ހޯދަނީ އަވައްޓެރި ގައުމަކުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައްޔިތުން މިއަދު ބިރުގަނޭ. މިއީ އަޅުގަނޑުމެންނަށް ބިރު ހުރި ކަމެއް. އަޅުގަނޑުންނަށް ވެރިވެ ގަންނަނީ އަވައްޓެރި ގައުމެއް ބަލަ ބަލާ ތިއްބާ." ޝީޔާމް ވިދާޅުވިއެވެ.

މި ސަރުކާރު އައީ ރައްޔިތުންގެ ޖީބު ފުރާލަން ކަމަށާއި ނަމަވެސް ސަރުކާރަށް އެއްއަހަރުވީއިރު، ރައްޔިތުންގެ ޖީބަށް ވަތް އެއްޗެއް ނެތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިވެރިން ނިންމާފައި އޮތީ، 2020 ވަނަ އަހަރު ރައްޔިތުންގެ އަތުން ޓެކްސްގެ ނަމުގައި ޓެކްސް ނަގައިގެން ފެލައިގެން ސަރުކާރު ހިންގަން. އާންމުދަނީ ހޯދާކަށް ނޭނގެ. އަންނަ އަހަރު ދިވެހި ވިޔަފާރި ކުންފުނިތައް ބަގުރޫޓު ވާނެ. ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި އެތަށް ބޮޑެތި އިންވެސްޓްތައް އަންނަ އަހަރު ދޫކުރާނެ، އެހެން ގައުމުތަކަށް ގެންދާނެ" ޝީޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް