ކޯމޯ ކޮކޯ އަންނަ ޖެނުއަރީގައި އަލުން ހުޅުވަނީ

ކޯމޯ ކޮކޯ އައިލެންޑް --- ފޮޓޯ : ކޯމޯ

މާލެއަތޮޅު މަކުނުފުށީގައި ހިންގަމުންދިޔަ ކޯމޯ ކޮކޯ އައިލެންޑް މަރާމާތަށް ބަންދުކޮށްފައި އޮންނަތާ ހަތްމަސް ފަހުން، އަންނަ ޖެނުއަރީ ނުވަވަނަ ދުވަހު ހުޅުވަން ނިންމައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުތަކުގައި ވާގޮތުން ރިސޯޓު އަލުން ހުޅުވަނީ ރިސޯޓުގެ އޯވާ ވޯޓާ ވިލާސްތައް އިތުރަށް ފުރިހަމަ ކުރުމަށްފަހުއެވެ. މި ވިލާތަކުގެ ފުރާޅުގެ ޑިޒައިނަށް ބަދަލުގެނެސްފައިވާއިރު ކޮންމެ ވިލާއަކަށް ޕްރައިވެޓް ޕޯލެއްވެސް ވަނީ އިތުރުކޮށްފައެވެ.

ކޯމޯ ކޮކޯ އައިލެންޑުގެ ހާއްސަ އަނެއްކަމަކީ އެ ރިސޯޓުގެ ކާތަކެއްޗެވެ. މެޑިޓޭރިއަން އިންޑިއަން އަދި ދިވެހި ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓު އެ ރިސޯޓުގައި ހުންނާނެއެވެ. ކޮކޯ އައިލެންޑުގައި ފަތުރުވެރިންނަށް އޮތް އަނެއް ހާއްސަކަމަކީ ރޭގަނޑާށް ހާއްސަ ޔޫވީ ޑައިވިން އެވެ.

ވެލަނާއިންޓަނޭޝަނަލް އެއާޕޯތުން ފުރައިގެން ސްޕީޑު ލޯންޗުގައި 40 މިނެޓުން ދެވޭ ސަރަހައްދުގައި އޮންނަ މި ރިސޯޓު ހުޅުވީ 2002 ވަނަ އަހަރުއެވެ.

ކޯމޯ އަކީ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑުގެ ވެރިޔާ އޮންގް ބެންގް ސެންގްގެ އަނބިކަނބަލުން ކްރިސްޓީނާ އޮންގް ގެ ހޮޓެލް ޗެއިން އެކެވެ. އެ ހޮޓެލް ޗެއިންގެ ރިސޯޓުތައް ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބޫޓާން، އިންޑޮނެޝިއާ، އިޓަލީ، ނޯތް އެމެރިކާ، ތައިލޭންޑް އަދި ޔޫކޭގައި ހުރެއެވެ.

މި ބްރޭންޑުގެ ދަށުން ރާއްޖޭގައި ހިންގާ އަނެއް ރިސޯޓަކީ ކޯމޯ މާލިފުށި އެވެ.

comment ކޮމެންޓް