ޔާމީނާ މެދު ކަންކުރާގޮތް ބޭރުގެ ފަރާތްތަކުން ދަނީ ގާތުން ބަލަމުން: އިދިކޮޅު

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު --- ފޮޓޯ:ޕީޕީއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާމެދު ސަރުކާރުން ކަންކުރާގޮތް ބައިނަލްއަގުވާމީ މުޖުތަމައުން ގާތުން ބަލަމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިދިކޮޅުން ބުނަމުންދަނީ އެއީ ގާނޫނާ ހިލާފު ދައުވާއެއް ކަމަށާއި ޔާމީނަށް އިއްވި ހުކުމަކީވެސް ޣައިރުގާނޫނީ ހުކުމެއް ކަމަށެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާ ގުޅޭ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ދިނުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއާއި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކޮލަމްބޯ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ވަނީ މާލެ ވަޑައިގެންފައެވެ.

ދަތުރާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާވަށު ދާއިރާގެ މެންބަރު ސައީދު ވިދާޅުވީ އެ ބޭފުޅުންގެ ދަތުރަކީ ރައީސް ޔާމީނަށް ކުރި ހުކުމަކީ ސިޔާސީ ދައުވާއެއް ކަމަށާއި އެ ބޭފުޅުންގެ ދަތުރުގެ އެއް ބޭނުމަކީ ރައީސް ޔާމީނަށް ހުކުމްކުރުމުގައި ކަން ހިނގާފައިވާގޮތް ބޭރުގެ ފަރާތްތަކަށް ކިޔައިދިނުން ކަމަށެވެ.

މި ދަތުރުގައި ކޮލަމްބޯގައި ހުންނަ ގިނަ މިޝަންތަކަށް ޒިޔާރަތްކޮށް ސަފީރުންނާ ބައްދަލުކުރެއްވި ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް ކުރީ ސިޔާސީ ހުކުމެއް ކަމަށާއި އެމަނިކުފާނަށް ހުކުމްކުރުމަކީ ގޯސްކޮށް ހިނގައިދިޔަ ކަމެއް ކަމަށާއި އެކަން ހިނގައިދިޔައީ ގޯސްކޮށް ކަމަށް ބޭރުގެ ފަރާތްތަކުންވެސް ގަބޫލު ކުރާ ކަމަށެވެ.

"މި ސަރުކާރަކީ މިއީ މީގެ ކުރިން އައިސްފައިހުރި ސަރުކާރުތަކުން ވަޔޮލޭޓުކޮށްފައި ހުރި ކަންތަކުގެ ވާހަކަ ދައްކަމުން އައި ބަޔެއް. ތިމަންނަމެން އަދުލުއިންސާފު ގާއިމުކުރާނަމޭ. އެކަމަކު އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ވަޔަލޭޓުކޮށް ހިނގާ ވެރިކަމުގެ ގޮތުގައި. އެންމެ އަނިޔާވެރި ވެރިކަމުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ހިނގާތަން. ތިންބާރު އެންމެ ބޮޑަށް އެކުވެފައިވާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން މި ފެންނަނީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީނުގެ ޝަރީއަތް ކުރިއަށްދިޔަ ގޮތާމެދު ހިތްހަމަނުޖެހޭ ބައިނަލްއަގުވާމީ ގިނަ ފަރާތްތަކެއް އެބަތިިބި ކަމަށެވެ. އަދި ޔާމީނަށް ހުކުމް ކޮށްފައިވަނީ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް، ރާއްޖޭގެ ގާނޫނާ ގަވައިދުތަކާވެސް ހިލާފަށް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވުމުން ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. މި ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

comment ކޮމެންޓް