ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރޭތީ ގިނަ ހަރަކާތްތަކެއް ބާއްވަނީ

މޭނާ ސްކޫލް--- ފޮޓޯ: މޭނާ ސްކޫލް

ނ. ހޮޅުދޫ ސްކޫލަށް 75 އަހަރު ފުރޭތީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެ ސްކޫލަށް 75 އަހަރު ފުރެނީ އަންނަ މާޗް މަހު އަށްވަނަ ދުވަހުއެވެ.

ހޮޅުދޫ މޭނާ ސްކޫލަކީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި ހަތަރު ވަނަ ސްކޫލެވެ. އެ ސްކޫލުގެ ނަން ނިސްބަތްވަނީ ހޮޅުދޫ މޭނާ ކަލޭފާނަށެވެ.

ކޮމިއުނިޓީ ސްކޫލެއްގެ ގޮތުގައި ފެށި އެ ސްކޫލްގައި މިހާރު ފައުންޑޭޝަން ސްޓޭޖުން ގްރޭޑްއިން 12 އާ ހަމައަށް ކިޔަވައިދެއެވެ. އެ ސްކޫލުގައި 55 ޓީޗަރުންނާއެު 382 ދަރިވަރުން މިއަހަރު ވަނީ ތައުލީމް ހާސިލްކޮށްފައެވެ.

މޭނާ ސްކޫލްއން ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން---- ފޮޓޯ: މޭނާ ސްކޫލް

އެ ސްކޫލްއިން މިދިޔަ އަހަރު އޯ ލެވެލްހެދި ދަރިވަރުންގެ ތެރެއިން 84 ޕަސެންޓް ދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފައެެވެ. އަދި މިހާތަނަށް އޯ ލެވެލް ޓޮޕް ޓެންގައި އެ ސްކޫލްގެ 33 ދަރިވަރުން އަދި އޭ ލެވެލް ޓޮޕް ޓެންގައި 20 ދަރިވަރުން ވަނީ ހިމެނިފައެވެ.

އެ ސްކޫލްގެ ޕްރައިމަރީ އަދި ސެކެންޑްރީ ކެމްޕަސްއެއް އެރަށުގެ ދެ އިމާރާތެއްގައި ދަނީ ހިންގަމުންނެވެ.

މޭނާ ހިންގި ފަންޑްރެއިސް ހަރަކާތެއްގެ ތެރެއިން--- ފޮޓޯ: މޭނާ ސްކޫލް

މޭނާ ސްކޫލްގެ ޕްރިންސިޕަލް އިމްރާހިމް ޝަހީމް "ސަން" އަަށް މިއަދު ވިދާޅުވީ އެ ސްކޫލަށް 75 އަހަރު ފުރޭތީ ފަންޑް ރެއިސިންގެ ހަރަކާތްތަކެއް މާލެއާއި އެ ރަށުގައި މިހާރުވެސް ހިންގަމުންދާ ކަމަށެވެ. އެގޮތުން މާލޭގައި ދާދިފަހުން ޑިނާ ނައިޓެއްވެސް ބާއްވައިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

މޭނާ ސްކޫލަށް 75 އަހަރު ފުރޭތީ ފަންޑްރެއިސްކުރަން ބޭއްވި ޑިނާ ނައިޓްގެ ތެރެއިން---- ފޮޓޯ: މޭނާ ސްކޫލް

"މިހާރު ތައްޔާރުވަމުންދަނީ އަންނަ އަަހަރަށް ކަލަންޑަރެއް ހަދައި ވިއްކުމަށްވެސް ތައްޔާރުވަމުން. ދެން އަންނަ މާޗްގައި ބޮޑު ޖަލްސާ އޮންނާނެ. އަދި އަންނަ އަހަރު ކޮންމެ މަހަކު ބޮޑު އިވެންޓެއް އޮންނާނެ. ކަލާ ރަންގެ ހަރަކާތެއްވެސް އޮންނާނެ. މިނިސްޓްރީ އަދި އެހެނިގެން ކުންފުނިތަކުންވެސް އެހީތެރިވާނެ ވާހަކަ ވަނީ ބުނެފައި" ޕްރިންސިޕަލް ވިދާޅުވއިެވެ.

comment ކޮމެންޓް