ޓެކްސީ ޑްރައިވަރުން ބުނަނީ؛ "ދެން ކާކު؟"

ޑިސެމްބަރ 4، 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ގާސިމް ހަސަން ހުޅުމާލެ ހޮސްޓަލުން ނެރެ އެމްބިއުލައިނސްއަށް އަރުވަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއީ މީގެ 10 ވަރަކަށް އަހަރު ކުރި އެވެ. މާލޭގައި ޕިކަޕް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި މުހައްމަދު ސަލާމް (އަސްލު ނަމެއް ނޫން) ދަތުރު ކުރަމުން ދިޔައީ މާލޭ 1 ނަންބަރު ކުނި ކޮށި ކައިރިންނެވެ. އެއްވެސް ފިކުރެއް ނެތި ދުއްވަމުން ދިޔަ ސަލާމްއަށް ކުއްލި ސިހުން ވެރިވީ ދަތުރު ނެގި މީހާ ޕިކަޕު ތެރޭގައި ހުރެ ނެގި ކަތިވަޅިންނެވެ.

ކަތިވަޅި ކަރުގައި ޖެއްސުމަށް ފަހު، އަތުގައި ހުރި ހުރިހާ ފައިސާއެއް ދޭން އެމީހާ އެންގި އެވެ. ސަލާމް އެ ދުވަހު ސަލާމަތްވީ އޭނާގެ އެންގުމަށް ބޯ ލަބައި، އަތުގައި ހުރި ހުރިހާ ފައިސާއެއް އެ މީހާޔާ ހަވާލުކޮށްގެން އެވެ. މި ހާދިސާއިން ބުނެދިނީ، ޓެކްސީ ކުރާ މީހުން އެފަދަ ބިރުވެރި ހާދިސާތަކަށް ހުށަހެޅިފައި އޮތް މިންވަރެވެ.

ކުރީގެ އެއްނަންބަރު ކުނިކޮށި-- ސަން ފޮޓޯ: މުހައްމަދު ސަމާހް

މިއަދާ ހަމައަށް އައިއިރު ސަލާމްއަށް އެ ދިމާވި ފަދަ ކަންތައްތައް ތަޖުރިބާކުރި ބައިވަރު ޑްރައިވަރުން އެބަ ތިއްބެވެ. އެކަމަކު، މިފަދަ ގިނަ ހާދިސާތަކުގެ މައުލޫމާތު އާންމުންނާ ހަމަޔަށް ތިލަވަނީ ވަރަށް މަދު ފަހަރަކު އެވެ. އަޑު އަރަނީ ޑްރައިވަރަކަށް ހަމަލާދީ ޒަހަމްކޮށްލުމުގެ ހާދިސާއެއް ހިނގީމަ އެވެ. މިކަމަށް އަޅާ ނުލެވި ތިއްބާ، މުޅި ރާއްޖެއަށް އެނގުންވި ބޮޑު ހާދިސާއަކީ، މިދިޔަ ހޯމަ ދުވަހުގެ ރޭ ޓެކްސީ ޑްރައިވަރެއްގެ ކަރުގައި ވަޅި އަޅައި ގަތުލުކޮށްލުމުން އެވެ. މިއީ، އާދައިގެ ގަތުލެއް ނޫނެވެ.

ގާސިމްގެ މަރުން ޑްރައިވަރުންގެ ހިތްތަކަށް ބިރު!

ހުޅުމާލޭގައި ރަހުމު ކުޑަ ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން (59އ) ގަތުލުކޮށްލި ހާދިސާއިން މުޅި ރާއްޖެ ސިއްސުވާލި އިރު، އެންމެ ބޮޑު އަސަރެއް ކުރީ ޓެކްސީ ޑްރައިވަރުންނަށެވެ. ސަބަބަކަށްވީ، ބަސްމަދު، މަޑުމޮޅި ގާސިމްއަށް އެވަރުގެ އަނިޔާވެރި ހަމަލާއެއް ދޭން ޖެހޭ ސަބަބެއް އެކަކަށް ވެސް ނުވިސްނުނީމަ އެވެ. އެ މަރާ ގުޅޭގޮތުން ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ހުރިއިރު، ޓެކްސީ ޑްރައިވަރުން މިހާރު އެތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

ޑިސެމްބަރ 4، 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރުން ހަމަލާދީ ގާސިމް ހަސަން މަރާލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ހިތިގަސްމަގުގައި ޒަހަމްތަކަކާއެކު ގާސިމް ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އެ ރޭ 9:07 ހާއިރު އެވެ. އޭގެ 15 ވަރަކަށް މިނެޓް ފަހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާ ވެއްޓިފައި އޮތް ސަރަހައްދު ކައިރީގައި އޭނާ ދުއްވި ކާރުވެސް އޮތެވެ. ކާރު ތެރޭގައި ގިނަ އަދަދަކަށް ލޭ ހުރުމުން ގާސިމަށް ހަމަލާ ދީފައިވަނީ ކާރު ތެރެއިންކަން ޔަގީން ކުރެވެ އެވެ. ގާސިމްގެ ކަރުގެ ވާތް ފަރާތުން ފަހަތަށް ވާ ގޮތަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ހުރިއިރު، އޭނާގެ އަތުގައި ވެސް ޒަހަމްތަކެއް ހުއްޓެވެ. ގާސިމް ދުއްވަން އިން ކާރުވެސް އެ މަގުގެ އެއް ފަރާތުގައި ހުރި ޕެލެޓްތަކަކަށް އޮތީ އަރައިފަ އެވެ. ގާސިމް ވެއްޓިފައި އޮތީ ކާރާ 20 ވަރަކަށް ފުޓޫ ދުރުގައި ކަމުން، ގާތިލުންގެ ކިބައިން ސަލާމަތްވާން އޭނާ މަސައްކަތްކުރިކަން އެނގެ އެވެ.

ޑްރައިވަރުންނަށް ކެނޑިނޭޅި އިންޒާރު!

ގާސިމްގެ މަރާއެކު ޓެކްސީ ޑްރައިވަރުން ތިބީ ބަސް ހުއްޓިފަ އެވެ. ގާސިމާމެދު އެއްވެސް މީހެއް ނުވަތަ ބަޔަކު ރުޅިވެރިކަން އޮތް ކަމުގެ އަޑެއް އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ވެސް އިވިފައި ނުވެ އެވެ.

ބައެއް ޑްރައިވަރުން ދެއްކި ވާހަކައިން އެނގުނީ ފޭރުމުގެ ބިރަކީ ކޮންމެ ދުވަހަކު، ކޮންމެ ފަދަ ގަޑިއެއްގައިވެސް އެމީހުން ހުށަހެޅޭ ބޮޑު ބިރެއްކަމެވެ.

"ތަންކޮޅެއް ކުރިން އަޅުގަނޑަށްވެސް ތިކަހަލަ ކަމަކާ ކުރިމަތިވި. ކާރަށް އެރި ފަސިންޖަރަކު އަޅުގަނޑަށް ވަޅިން ބިރުދެއްކީ. ސަލާމަތް ހޯދަންވެގެން އޭނަގެ ބަހަށް އިޖާބަ ދިނީ. ދެން އިތުރު ކޮން ގޮތެއް އޮންނާނީ؟ ގަޑިއާއި ފޯނާ އެވަގުތު އަތުގައި ހުރި ފައިސާ އޭނާއަށް ދިނީ. އަތުގައި އަޅާފައި އޮތް ދަގަނޑު ކަމަރު (މެގްނެޓިކް ބްރޭސްލެޓް) އެކަނި ސަލާމަތް ކުރެވުނީ." ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

ގާސިމް މަރާލި ހާދިސާއަށް އެއް ދުވަސް ނުވަނީސް ދެން އިވުނީ ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ކެބްއެމްވީއަށް ނިސްބަތްވާ ޓެކްސީއަކަށް ގެއްލުން ދިން ހަބަރެވެ. މިކަމާ ގުޅިގެން ކެބްއެމްވީން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުނު ނަމަވެސް، ގެއްލުން ލިބުނު ކާރު ދުއްވާމީހާ އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން ދެކޮޅު ހެދި އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު ވެސް މާލޭގައި މިފަދަ ހާދިސާއެއް ވަނީ ހިނގާފަ އެވެ. އެ ދުވަހުގެ ހަވީރު 4:30 ހާއިރު އަލިކިލެގެފާނުމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ މީހުން، އެ މަގުން ދުއްވާފައި ދިޔަ ޓެކްސީއަކަށް ގެއްލުންދީ، ޑްރައިވަރަށް ވަނީ ހަމަލާދީފަ އެވެ. ޓެކްސީގެ އެކި ތަންތަނުގައި ތަޅައި ބަނޑިކޮށްލުމުގެ އިތުރުން ޑްރައިވަރަށް ދިން ހަމަލާގައި އޭނާގެ ލޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. ގިނަ އުޅަނދުތަކެއް ދުއްވާ އަލިކިލެގެފާނުމަގުގައި އެންމެ ކާރުބާރު ބޮޑު އެއް ވަގުތުގައި އެ ޖަރީމާ ހިންގުމަށްފަހު އެ ދެމީހުން ފިލީ އެވެ. އެއީ ކޮން ބައެއްކަން އަދާ ހަމައަށްވެސް ހޯދިފައެއް ނުވެ އެވެ. ފިޔަވަޅެއް ނޭޅުނެވެ.

"ސަން"އާ ވާހަކަ ދެއްކި ގިނަ ޓެކްސީ ޑްރައިވަރުން ވެސް ހިއްސާކުރި އެއް ކަންބޮޑުވުމަކީ މިފަދަ ޖަރީމާތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވޭ ކަމެވެ. އެމީހުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ކޮންމެ ދުވަހަކު ވެސް މަސައްކަތުގައި އުޅޭއިރު ކުރިމަތިލާން ޖެހޭ ފުރައްސާރަތަކުން ސަލާމަތް ވާނެ ގޮތެއް އަދި އެކަމަށް ހައްލެއް ވެސް ނެތް ކަމަށް އެމީހުން ބުނެ އެވެ.

"ސައިކަލު ދުއްވާ މީހުން ބޭނުންވޭ އިސްތައްޓެއްހާ ޖާގައެއް އޮންނަ ތަންކޮޅަކުން ވެސް އޯވާޓޭކް ކުރަން. ނުކުރެވިގެން ކާރުގައި ޖެހުނީމަ އަހަރެމެންނާ ދިމާލަށް އެއްޗެހި ގޮވަން ފަށާނީ. ކާރު ދޮރުފަތުގައާއި ބިއްލޫރި ގަނޑުގައި ވެސް ބައެއް ފަހަރު ޖަހާފާނެ. ނޫނީ ކާރުގެ އަރިމަތީ ލޯގަނޑުގައި ޖައްސާފައި ވެސް އެބަ ދޭ." ޑްރައިވަރަކު ބުންޏެވެ.

ޑްރައިވަރުން ބުނީ މިފަދަ ކަންތައްތައް އާންމުކޮށް ކުރިމަތިވަނީ ޒުވާނުންގެ ފަރާތުން ކަމަށާއި ދިފާއުގައި އެއްޗެއް ބުނުމުން "ދުއްވާލާނެ" ކަމުގެ އިންޒާރު ލިބޭ ކަމަށެވެ. އެހެންވެ އިންޒާރުތަކަށް ބިރުން ގިނަ ފަހަރަށް އެފަދަ ކަންކަމާމެދު މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށް ޑްރައިވަރުން ބުންޏެވެ.

ޓެކްސީ ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް، އަބްދުﷲ އިބްރާހިމް "ސަން"އަށް ބުނީ، މިފަދަ ހާދިސާތަކާ ގުޅިގެން ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އެ އެސޯސިއޭޝަނަށް ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭގެއިން އެއްވެސް ކަމަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތްކަން އޭނާވެސް ވާހަކަ ކުރެއްވި އެވެ.

"ހާދިސާއާއި ގުޅިގެން އަޅުގަނޑުމެން ފުލުހުންނަށް ވެސް ގުޅިން. އެކަމަކު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެއްވެސް މައުލޫމާތެއް ނުލިބުނު. ޑްރައިވަރުންނަށް ބިރު ދެއްކުމާއި ފުރައްސާރަ ކުރާ ކަމުގައި ޝަކުވާތައް ކުރިން ވެސް ލިބޭ. މިފަހުން އަލިކިލެގެފާނު މަގުގައި ވެސް ޓެކްސީ ޑްރައިވަރަކަށް ހަމަލާ ދިން މައްސަލައެއް އަޅުގަނޑުމެން އަދިވެސް ބަލަމުން މިދަނީ. އެ މައްސަލާގައި ވެސް ފުލުހުންގެ ފަރާތުން ސީދާ ވަކި އެއްޗެކޭ ނުބުނޭ. ތަހުގީގު ކުރާ މައްސަލައެއް ކަމަށް ބުނަނީ." އަބްދުﷲ ވިދާޅުވި އެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު ފޭރުމުގެ 459 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފަ އެވެ. އެހެން ނަމަވެސް ފުލުހުންގެ ވެބްސައިޓުގައި އެއީ ކޮން ބާވަތެއްގެ ފޭރުމެއް ކަން ބަޔާންކޮށްފައެއް ނުވެ އެވެ.

ޓެކްސީ ޑްރައިވަރުންގެ ފަރާތުން ފޭރުމުގެ މައްސަލަތައް ހުށަހެޅި އަދަދު ހޯދުމަށް "ސަން"އިން ކުރި މަސައްކަތް ކުރި ނަމަވެސް، އެ މައުލޫމާތެއް ނުލިބުނެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ފުލުހުންނަށް ހުށަހަޅާފައިވާ ފޭރުމުގެ މައްސަލަތަކުގެ ތެރެއިން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ލިބުނީ ކިތައް މައްސަލަތޯ ބެލޭނެ ކަމަށެވެ.

ނަމަވެސް އެކަން ހޯދޭނީ އެ ހުރިހާ މައްސަލައެއް ވަކިވަކިން ބަލައިގެން ކަމަށާއި އެކަމަށް ދުވަސްކޮޅެއް ނަގާނެ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.

ޑްރައިވަރުންގެ އާދޭސް: އިންސާފު ހޯދައިދީ!

ޓެކްސީ ޑްރައިވަރުންގެ އެތައް ޝަކުވާއަކަށް ހައްލެއް ނުލިބޭ ކަމަށް އެމީހުން ބުނާއިރު، މިހާރު އެންމެ ބޮޑު ޝަކުވާއަކީ އެމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ފަދަ މައްސަލަތައް ނުބެލޭ ކަމެވެ. މިފަދަ މައްސަލަތައް ބަލައި، ޓެކްސީ ޑްރައިވަރުންނަށް އިންސާފު ހޯދައިދިނުމަކީ އެމީހުންގެ މިހާރު އޮތް އެންމެ ބޮޑު އާދޭހެވެ.

ޑިސެމްބަރ 4، 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ގާސިމް ހަސަން މަރާލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާސިމްއަށް އެ ދިމާވި ފަދަ ހާދިސާއަކާ ދެން ކުރިމަތިލާން ޖެހޭނީ ކޮންއިރަކު ކާކު ކަމެއް ނޭނގެ އެވެ. ގާސިމްގެ މަރަށް 24 ގަޑިއިރު ހަމަވިއިރު، އެ މައްސަލާގައި އަދި މިހާތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެ މަރާ ގުޅިގެން މާލެ، ހުޅުލެ އަދި ހުޅުމާލެއާއި މި ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރާއި މީހުން ބަލައިފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. ޑްރައިވަރުންނާއެކު މުޅި ގައުމު ވެސް އޮތީ ޖަވާބެއްގެ އިންތިޒާރުގަ އެވެ. މިކަހަލަ އަމަލުތައް ހިންގާ މީހުން އަތުނުވެ ހިނގާ ކޮންމެ ވަގުތަކީ މުޅި މުޖުތަމައު ނުރައްކަލަށް ހުށަހެޅިފައި އޮންނާނެ ދުވަސްތަކެކެވެ.

comment ކޮމެންޓް