ބަޖެޓަށް ޖާބިރު ވޯޓެއް ނުދެއްވި!

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވޯޓު ދެއްވައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި 37.8 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށްފައެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި، ބަޖެޓަށް ވަނީ 366 މިލިއަން ރުފިޔާ އިތުރުކުރަން ފާސްކޮށްފައެވެ.

އަދި ތަޅުމުގައި ބަހުސް ކުރުމަށްފަހު، މިއަދު މަޖިލީހުން ފާސްކުރީ ކޮމިޓީން ހުށަހެޅިގޮތަށް، 366 މިލިއަން ބަޖެޓަށް އިތުރުކޮށް، 2020ގެ ބަޖެޓުގެ ގޮތުގައި 37.8 ބިލިއަން ރުފިޔާ ފާސްކުރުމަށެވެ.

ބަޖެޓު ފާސްވީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 79 މެމްބަރުންގެ ތެރެއިން 77 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ޖާބިރު އެކަންޏެވެ.

ޖާބިރު ބަޖެޓަށް ވޯޓު ނުދެއްވާފައިވާއިރު އޭނާ ވަނީ ބަޖެޓް އޮތް ގޮތުން ހިތްހަމަ ނުޖެހިގެން މިއަދު ބަޖެޓް ބަހުސް މަރުހަލާގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ވޯޓުގެ ނަތީޖާ އިއުލާނު ކުރެއްވި އިރު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ބަޖެޓު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރު ވޯޓު ދެއްވާފައި ނުވާކަމަށް ވިދާޅުވެވުމުން ޖާބިރު ވަނީ އެކަމާ ހިތްހަމަނުޖެހުން ވެސް ފާޅުކުރައްވައިފައެވެ.

އެހެންކަމުން ނަޝީދު ވަނީ ކުށް އިސްލާހު ކުރައްވައިފައެވެ.

"ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރަކަށް ވިހިވިހި ވަނަ އަހަރުގެ ބަޖެޓަށް ވޯޓު ދޭކަށް ފެނިވަޑައެއް ނުގަންނަވާ،" ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ބަޖެޓު ބަހުސް ފަށާފައި ވަނީ ނޮވެމްބަރު 12 ވަނަ ދުވަހުއެވެ.

ބަޖެޓްގައިވާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ބަޖެޓްގެ ޑެފިސިޓް ނޫނީ ބަޖެޓް ދަރަންޏަކީ 5.68 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ބަޖެޓް ދެމުންއައި އުސޫލު، 'ބްލޮކް ގްރާންޓް' އުސޫލުން ފައިސާ ދޫކުރާ ގޮތަށް ބަދަލުކޮށް، ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް 2020ގެ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

ބަޖެޓް ފާސްކުރުމުގެ ކުރިން ކޮމިޓީއިން ވަނީ ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅަން ފިނޭންސް މިނިސްޓްރީއަށް ރެކޮމެންޑޭޝަނެއް ފާސްކޮށްފަ އެވެ. ރެކޮމެންޑޭޝަނުގައިވާ ގޮތުން ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތް މިނިސްޓްރީއަށް އަންގަން ޖެހޭނެ އެވެ.

އެގޮތުން މަޖިލީހުގެ ލެޖިސްލޭޓިވް އެންޑް ރީސާޗް ޑިޕާޓްމަންޓުން ވަނީ ބަޖެޓުގެ އިތުރު ތަފްސީލް ކޮންމެ ކައުންސިލަކަށް އެނގޭނެ ގޮތަށް އެކުލަވާލައިފަ އެވެ.

comment ކޮމެންޓް