ގާސިމްގެ ހަޔާތުގެ ފަހު ދަތުރު މާލެއިން ހުޅުމާލެއަށް!

ގާސިމްގެ ހަށިގަނޑު ހުޅުމާލެ ހޮސްޕިޓަލުން އެމްބިއުލެއިންސަށް އަރުވަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަޔާތުގެ ބޮޑު ބައެއް ޓެކްސީ ކުރުމުގައި ހޭދަކުރި އދ. މާމިގިއްޔަށް އުފަން، އެ ރަށު ކަނީރުމާގޭ ގާސިމް ހަސަން،59، އަކީ ބަސްމަދު އެހެނަސް މަޖާ މިޒާޖެއްގެ މީހެކެވެ. މިހާކާ ދެބަސް ވުމެއް އުފެދުނު ނަމަވެސް ޒުވާބުކޮށް ކުރިމަތިލައި ހެދުމަކީ އޭނާ ކޮށް އުޅުނު ކަމެއް ނޫން ކަމަށް އޭނާގެ ރައްޓެހިން ބުނެ އެވެ.

ގާސިމް އަކީ މާލޭގައި ދިރިއުޅުނު މީހެއް ނަމަވެސް އޭނާ މާލޭގައި ޓެކްސީ ކުރާލެއް މެދެވެ. އެއީ ކާރޯބާރޯ ބޮޑު މާލޭގައި ދަތުރުކުރާ އިރު ކާރުގައި ކޫރުމެއް އެޅި ގެއްލުން ވެދާނެތީ އެވެ. އެހެންކަމުން އޭނާގެ ރަހުމަތްތެރިން ގާސިމް ސިފަކޮށްފައި ވަނީ ކާރު ދެކެ ވަރަށް ލޯބިވާ ޑްރައިވަރެއް ގޮތުގަ އެވެ.

އާދައިގެ މަތިން ރޭ ވެސް ގާސިމް އޭނާގެ ބައެއް ޓެކްސީ ދުއްވާ ރަހުމަތްތެރިންނާ އެކު އިޝާ ނަމާދަށް ފަހު އެރީ 'ކޭމާޓު' ސައި ހޮޓަލަށެވެ. ރޭގަނޑުގެ ނާސްތާ ނެގުމަށް ފަހުު އެރީ ކާރަށެވެ. އޭރު ގަނޑިން ރޭގަނޑު އަށެއް ޖަހައި ބޮޑުވެދާނެ އެވެ.

އާންމު ގޮތެއްގައި ގާސިމް ޓެކްސީ ކުރަނީ މާލެއިން ޙުޅުލެ އަދި ހުޅުމާލެއާ ދޭތެރޭގަ އެވެ. ޗުއްޓީ ދުވަސްވަރަށް ވުމުން ދަތުރުތައް ވެސް ނުލާހިކު ގިނަ އެވެ. އެހެން ކަމުން އޭނާ ނިސްބަތްވާ 5656 ޓެކްސީ ސެންޓަރުން ދަތުރެއް ނުނަގާތާ ދުވަސް ގަނޑެެއް ވެފައިވާ ކަމަށް އެ ސެންޓަރުން ވަނީ 'ސަން' އަށް ބުނެފަ އެވެ. އަދި ރޭގައި ވެސް އޭނާ ސެންޓަރުން ދަތުރެއް ނުނަގަ އެވެ.

ގާސިމްގެ ކަރަށް ވަޅި ޖަހާފައިވާއިރު އޭނާ ކާރުން ފައިބައިގެން ސަލާމަތްވުމަށް ދިޔަ ނަމަވެސް ވެއްޓިފައި: ބޯ ކައިރީގައި ކަރުން ފައިބާފައި ހުރި ލޭ

ގާސިމްގެ ފަހު ދަތުރު މާލެ އިން ހުޅުމާލެއަށް:

ބެލެވޭ ގޮތުގައި ހޮޓަލުން ނިކުމެ ކަލާފާނު ސުކޫލް ބިތްދޮށުގައި ޕާކް ކޮށްފައި އޮތް ކާރު ނަގައިގެން ގާސިމް ދިޔައީ ހުޅުމާލެ އަށެވެ. ނަމަވެސް ގާސިމްގެ ގާތިލުން އެ ކާރަށް އަރާފައި ވަނީ މާލެ އިން ކަމެއް ހުޅުލެ އިން ކަމެއް އަދި ހުޅުމާލެ އިން ކަމެއް ވެސް ނޭނގެ އެވެ.

"ހޮޓަލުން ނިކުމެގެން ދިޔަ ފަހުން 8:30 ގާތް ވެފައިވަނިކޮށް އަހަރެން ގުޅިން ގާސިމްއަށް. ބުނީ ދަތުރެއްގައި ހުޅުމާލޭގައި އޭ މި އުޅެނީ. އަނެއްހެން އެއްވެސް ކަހަލަ ތަފާތު ކަމެއް އަޑުން ވެސް ފާހަގައެއް ނުވޭ،" ގާސިމްއާ އެކު ރޭގަނޑުގެ ނާސްތާ ނެގި ޑްރައިވަރަކު ކިޔައިދިނެވެ.

މި ދުވަސްވަރަކީ ސުކޫލް ޗުއްޓީ ދުވަސް ވަރަށް ވުމާ އެއާޕޯޓު ފުދޭވަރަކަށް ބާރު ބޮޑުވެ، ޓެކްސީ ކިއުވެސް އެހާމެ ދިގެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ގާސިމް ދިޔައީ މާލެ އިން ހުޅުމާލެ އަށެވެ. އެއީ ހުޅުލެއިން ދަތުރެއް ނަގައިގެން ހުޅުމާލެއަށް ދާނަމަ މަދުވެގެން ބައިގަޑިއިރު ނަގާނެ އެވެ.

ޑިސެމްބަރު 4، 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ގާސިމް ހަސަން މަރާލި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވުން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޅި ހެރީ ކާރުތެރެއިން، އެތެރޭގައި ވެސް ލޭ

ގާސިމަށް ހަމަލާދީގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 9:07 ގަ އެވެ. އަދި ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އޭގެ 15 ވަރަކަށް މިނެޓް ފަހުންނެވެ. ވާތްފަރާތު ކަރުގަޔާއި އަތުގައި ފުން ޒަހަމްތަކެއް ހުރި ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުންޏެވެ.

ގާސިމަށް ހަމަލާދީފައި ވަނީ ހުޅުމާލެގެ އިރުމަތި ފަރާތުން ސެކަންޑް ފޭސްއާ ދިމާ ހިތިގަސްމަގުގަ އެވެ. ބެލެވޭ ގޮތުގައި ކާރު ދުއްވަން އިންދައި ފަހަތުން ވަނީ ކަރަށް ވަޅި ހަރައިފަ އެވެ. އަތް ޒަހަމްވެފައި ވަނީ އެކަމުން ސަލާމަތްވުމަށް ކުއްލިއަކަށް ވަޅީގައި ހިފުމުން ކަމަށް އެ ސީންގައި ހަރަކާތްތެރިވި އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. އެއާ އެކު ކާރު ވެސް ވަނީ މަޑު ދުވެއްޔެއްގައި ގޮސް އެ މަގުގައި ހުރި ހޮޅިދަނޑިއަކަށް އަރައިފަ އެވެ. ކާރަށް މާބޮޑެތި ގެއްލުންތަކެއް ނުވާ ކަމަށްވެ އެވެ.

"ވާތް ފަރާތު ކަރަށް ވަޅި ޖަހާފައި ހުރުމުން ހުރި އެ ދިމާލުން ދޮރު ލޯގަނޑުގައި ވެސް ލޭ. ދުނިޖަހާފައި ލޭ ގޮސްފައި ހުރި ގޮތަކަށް ހުރީ. ސީޓުގައި ވެސް ބައިވަރު ލޭ ހުރި،" އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކު ކިޔައިދިނެވެ.

ގާސިމަށް ހަމަލާ ދިނުމުން ސަލާމަތްވުމަށް ކާރުން ނިކުމެ ވިއްސަކަށް ފޫޓަށް ދުވެފައި ގޮސްފައި ހުރިކަން ލޭގެ ތިކިތަކަށް ބެލުމުން އެނގެ އެވެ. އަދި ބަނޑުވަތަށް ވެއްޓި ވަޅި ހެރިތަނުން ބައިވަރު ލޭ ވެސް މަގުގެ ތާރު ގަނޑުމައްޗަށް ހުރީ ފައިބައިފަ އެވެ.

ގާސިމް ދުއްވި އޭނާގެ ޓެކްސީ: ބެލެވޭ ގޮތުގައި ހަމަލާ ދިނުމުން ކާރުވަނީ ކޮންޓްރޯލުން ނެއްޓި ހޮޅި ދަނޑިގައި ޖެހިފައި

ގާސިމަށް ހަމަލާ ދޭން ޖެހޭ ސަބަބެއް ނެތް!

ގާސިމްގެ ގާތް އެކުވެރިން ބުނާ ގޮތުން އޭނާއަށް ހަމަލާ ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެއީ އެއްވެސް މީހަކާ މައްސަލަ ޖެހި އަރާރުމެއް އުފެދިފައިވާ ކަން ގާތް އެއްވެސް ރަހުމަތްތެރިއަކަށް އެނގިފައެއް ނެތެވެ. ނަމަވެސް އިއްޔެ މެންދުރު މާލޭ މަގެއް މަތިން ސައިކަލެއްގައި ޖެހުނު ކަމަށް ބުނެ ދެ މީހަކު ކޮންމެވެސް ވަރަކަށް ގާސިމާއި ދިމާލަށް "އެއްޗިތި' ގޮވިކަމަށް އޭނާގެ މޫނު ދެކިލުމަށް ގޮސް ހުރި ޑްރައިވަރަކު ކިޔައިދިނެވެ.

"ސޯސަންމަގު ސިޓީ ބޭކަރީ ކައިރިން އެއީ. ދެ މީހަކު ދުއްވާފައި ދިޔަ ސައިކަލެއް ގާސިމްގެ ކާރުގައި ޖެހުނު ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކުރި މަންޒަރު ދުށިން. އެކަމު ގާސިމް އިނީ ކާރު ތެރޭގައި. ނުވެސް ނިކުމޭ އަދި ސްކީރީން ހުރީ ބަންދުކޮށްފައި. ގާސިމްގެ އަތުގެ އިޝާރަތުން ލޮލާއި ދިމާލަށް އިނގިލި ދިއްކޮށްފައި ބެލުމަށް އޭނާ ބުނި،" އެ ޑްރައިވަރު ބުންޏެވެ.

ގާސިމް: އޭނާގެ ކަރަށް ވަޅި ހަރައި ވަނީ މަރާލާަފައިބައެއް މީޙުން ބުނާ ގޮތުން ގާސިމަށް ހަމަލާދިފައި ވަނީ ފޭރުމުގެ ގޮތުންނެވެ. ނަމަވެސް އޭނާ ވެއްޓިފައި އޮތް އިރު ޖީބުގައި ފައިސާ ހުރި އިރު އޭނާގެ ފޯނު ވެސް ކާރުގެ ވިންޑް ސްކްރީން ކައިރީގައި އޮތް ކަމަށް އެ މަންޒަރު ދުށް ފަރާތަކުން ކިޔައިދިނެވެ.

"ފޭރެން ކުރި ކަމެއް ވިއްޔާ ފޯނާއި ފައިސާ ގެންދާނެ ދޯ،" އެ މީހާ ބުންޏެވެ.

ގާސިމްގެ ކުއްލި މަރާ އެކު އާއިލާގެ އިތުރުން ޓެކްސީ ޑްރައިވަރުންނަށް ވަނީ ސިހުން ލިބިފަ އެވެ. ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމެންޓުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.

comment ކޮމެންޓް