އާމްދަނީ ޓެކްސް ބިލާ ދެކޮޅަށް ވޯޓު ދެއްވީ، ގާސިމްއާއެކު ތިން މެމްބަރުން

ގާސިމް: އިންކަމްސް ޓެކްސް ބިލަށް އޭނާ ވޯޓު ނުދެއްވާ -- ފޮޓޯ/ މަޖިލިސް

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލާ ދެކޮޅަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓު ދެއްވައިފި އެވެ.

ގާސިމްއާއެކު ދެން އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ، މަހިބަދޫ ދާއިރާގެ މެންބަރު މެމްބަރު އަހްމަދު ތޯރިގް (ޓޮމް) އާއި ކުޑަވަހުދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ.

ތިން މެމްބަރަކު އެ ބިލާ ދެކޮޅަށް ވޯޓު ދެއްވި އިރު، ބިލާ އެއްކޮޅަށް ވޯޓު ދެއްވީ، 67 މެންބަރުންނެވެ.

ގާސިމް ޓެކްސް ނެގުމުގެ ބިލާ ދެކޮޅަށް ވޯޓު ދެއްވި އިރު، އޭނާ ވަނީ ބަހުސް މަރުހަލާގައިވެސް އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

އާމްދަނީ އިން ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިއީ އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވާ ކަމެކެވެ.

ސަރުކާރުން ހުށަހެޅި އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލަށް މަޖިލީހުން ވަނީ މައިގަނޑު ފަސް ބަދަލެއް ގެނެސްފައެވެ.

އިންކަމް ޓެކްސް ބިލަށް ގެނައި މައިގަނޑު އިސްލާހުތައް:

- ޓެކްސް ނަގަން ފަށާ އާމްދަނީ 60،000 އަށް މަތިކޮށް ބްރެކެޓްތަކަށް ބަދަލު ގެނައުން؛

  • 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓް
  • 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.
  • 100،00 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
  • 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.
  • 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.

އިންކަމް ޓެކްސް ނަގަން ފަށާނީ ބިލް ތަސްދީގު ކުރާތާ ތިން މަސް ދުވަސް ފަހުންނެވެ.

comment ކޮމެންޓް