"ހުސްނުވާ" އާސަންދައަށް މިއަހަރު ދިން ބަޖެޓު ހުސްވެއްޖެ!

ހުސްނުވާ އާސަންދަ ލޯންޗް ކުރުމުގެ ހަފްލާގެ ތެރެއިން -- ސަން ފައިލް ފޮޓޯ

މިއަހަރުގެ ބަޖެޓުގައި އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓު މިދިޔަ މަހު ހުސްވެ، ހާއްސަ ބަޖެޓުން އިތުރަށް ފައިސާ ނަގައިގެން ހަރަދު ކުރަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއް ފަހަރު އާންމު ކުރާ ދައުލަތުގެ މާލީ ހާލަތުގެ މިދިޔަ ހަފްތާގެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އާސަންދައަށް 1.08 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއީ މިއަހަރަށް ފާސްކުރި ބަޖެޓުގައި އާސަންދައަށް ހަރަދުކުރަން ކަނޑައެޅި އެއް ބިލިއަން ރުފިޔާގެ ބަޖެޓަށްވުރެ 84 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާސަންދައިގެ ބަޖެޓު ނޮވެމްބަރު މަހުގެ ތެރޭ ހުސްވިއިރު، އޮކްޓޫބަރު މަހު ސަރުކާރުން ވަނީ ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ "މެރަނ" އިންޝުއަރެންސް ސްކީމް މެލޭޝިއާއަށް ވެސް ފުޅާކޮށްފަ އެވެ.

އެ ސްކީމުގައި އިތުރަށް ހިމެނޭ ގައުމުތަކަކީ އިންޑިއާ އާއި ސްރީލަންކާ އެވެ.

މީގެ އިތުރުން ސަރުކާރުގެ ދަތުރުތަކަށް މިއަހަރު 142.1 މިލިއަން ރުފިޔާ ހަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައި އޮތް ނަމަވެސް، ނޮވެމްބަރު 28 ގެ ނިޔަލަށް ސަރުކާރުގެ ދަތުރުތަކަށް 188.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ނަމަވެސް ބައެއް ހަރަދުތަކަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ މަދުން ހަރަދުކޮށްފައިވުމާއެކު، މިއަހަރަށް ފާސްކުރި 31.9 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ބޭނުންކޮށްފައިވަނީ 25.7 ބިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް