ޖީސީސީގެ ސަމިޓަށް ސައޫދީ އަށް ވަޑައިގަތުމުގެ ދައުވަތު ގަތަރުގެ އަމީރަށް އަރުވައިފި

ދައުޙާ (ޑިސެމްބަރު 4) : މިމަހުގެ 10 ވަނަ ދުވަހު ސައޫދީގައި ބޭއްވުމަށް ހަމަޖެހިފައިވާ ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމަށް ވަޑައިގަތުމަށް ސައޫދީ ރަސްގެފާނުގެ ފަރާތްޕުޅުން ގަތަރުގެ އަމީރަށް ދައުވަތު އަރުވައިފި އެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ސައޫދީ ރަސްގެފާނުގެ ފަރާތްޕުޅުން ގަތަރުގެ އަމީރަށް ދައުވަތު އެރުވި ލިޔުން ހަވާލުކުރެއްވީ ޖީސީސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްލަތީފް އައްޒައްޔާނީ އިއްޔެ ގަތަރަށް ކުރެއްވި ދަތުރުފުޅުގައި ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގަ އެވެ. ސައޫދީ ރަސްގެފާނުގެ ދައުވަތު ބަލައިގަތް ނަމަވެސް އެސަމިޓަށް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލްޘާނީ ޙާޒިރުވެ ވަޑައިގަންނަވާނެކަން ނުވަތަ ނޫންކަން އެގައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައެއް ނުވެ އެވެ.

ސައޫދީގެ ވެރިރަށް ރިޔާޒްގައި ޖީސީސީގެ ސަމިޓެއް މިބާއްވަނީ ގަތަރާ ސުލްހަ ވުމުގެ މަސައްކަތްތަކެއް ސިއްރިޔާތުގައި ސައޫދީން ކުރިޔަށް ގެންދާ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ. ދާދިފަހުން ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ސިއްރިޔާތުގައި ސައޫދީ އަރަބިޔާއަށް ވަޑައިގެންފައިވާ ކަމަށް އޮއިޓާސް އިން ކަށަވަރުކޮށްދީފައިވެ އެވެ.

ގަތަރުގައި މިހާރު ކުރިޔަށްދާ ގަލްފުގެ ކުޅިވަރު މުބާރާތްކަމަށްވާ "ގަލްފު ޗެންޕިއަންޝިޕް 24"ގައި ވެސް ސައޫދީ ވަނީ ބައިވެރިވެފަ އެވެ. އެ މުބާރާތް ގަތަރުގައި ބޭއްވުމަށް ސައޫދީން އެއްވެސް ވަރަކަށް ހުރަސްއަޅާފައެއް ނުވެ އެވެ.

ސައޫދީ އިސްކޮށް އޮވެގެން 2017 ވަނަ އަހަރު ގަތަރާ ދެކޮޅަށް ބަހްރައިން އާއި ޔޫއޭއީ އަދި މިސްރާ ގުޅިގެން އެޅި ޙިސާރުގެ ފިޔަވަޅުތައް ނިމުމަކަށް ގެނަސް ގަތަރާ ސުލްޙަވާން ސައޫދީ ބޭނުންވާކަމުގެ ރިޕޯޓްތަކެއް މިހާރުވަނީ ފެންމަތިވެފަ އެވެ. ސައޫދީ އިސްކޮށް އޮވެގެން 2017 ވަނަ އަހަރު ގަތަރާ ދެކޮޅަށްއެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ގަތަރާ ގުޅުންތައް ކަނޑާލުމާއި ވިޔަފާރިކުރުން ހުއްޓާލުމުގެ އިތުރުން ގަތަރާދެކޮޅަށް ޙިސާރުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމެވެ.

އެ ހަތަރު ގައުމުން ގަތަރާ ދެކޮޅަށް މިފިޔަވަޅުތައް އެޅީ ޓެރަރިޒަމަށް އެހީތެރިވާ ކަމުގެ ތުހުމަތާއި އަރަބި ބައެއް ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ އެގައުމުތަކުގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވެ ހަމަނުޖެހުމާއި ފިތްނަ އުފެއްދުމާއި ސަރަހައްދު ގަޑުބަޑުކުރުމުގައި ފަނާކުރަނިވި ދައުރެއް އަދާކުރާކަމުގެ ތުހުމަތު ގަތަރުގެ މައްޗަށް ކުރުމަށްފަހުގަ އެވެ.

ސައޫދީ އިސްކޮށް އޮވެގެން ގަތަރާ ދެކޮޅަށް އެޅި ހިސާރުގެ ފިޔަވަޅުތައް އުވާލުމަށް އެ ހަތަރު ގައުމުން ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގަތަރުން ޓެރަރިޒަމަށް އެހީތެރިވުން ހުއްޓާލުމާއި އަރަބި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ ވަނުން ވެސް ނިމުމަކަށް ގެނައުމާއި ގަތަރުގެ އަލްޖަޒީރާ އިން ހިންގާ ޕްރޮޕަގެންޑާތައް ހުއްޓާލުމެވެ. މިއިން އެއްވެސް ޝަރުތަކަށް ގަތަރުން ބޯލަނބާ ފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް