ބްރޯޑްކޮމްއަށް ގައިސް އައްޔަނުކުރުމަށް މެމްބަރު ހަސަންޓޭ ވޯޓު ނުދެއްވާ

އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އައްޔަން ކުުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި، ގދ. އަތޮޅުގެ ކުރީގެ ކައުންސިލަރު އަހުމަދު ގައިސްއަށް ރުހުން ދިނުމަށް އެ ޕާޓީއަށް ނިސްބަތްވާ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވޯޓު ނުދެއްވާކަން ހާމަވެއްޖެއެވެ.

މިިދިޔަ އެޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައިވެސް ވާދަކުރެއްވި ގައިސް ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަނުކުރަން ރައޔްިތުންގެ މަޖިލީހުން ފާސްކުރުމުން ނޫސްވެރިންނާއި ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ތިން މަގާމަކަށް މެމްބަރުން އައްޔަނުކުރަން މިއަދު ވޯޓަށް އެހިއެވެ. އޭގެ ތެރެއިން ފުރަތަމަ ދެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވައި ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތް ތަޖުރިބާކާރު ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހީމަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމުން އޭނާގެ ނަން މަޖިލީހުގެ ތަޅުމުން ފާހެއް ނުވިއެވެ.

ދެވަނައަށް ވޯޓަށް އެހީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި އުޅެމުން ދިޔަ ގައިސްގެ ނަމަށެވެ. އޭނާއަށް 66 މެމްބަރުންގެ ރުހުން ލިބި، ފާސްވިއެވެ.

މަޖިލީހުން އާންމުކޮށްފައިވާ، ވޯޓުގެ ތަފްސީލީ ނަތީޖާ ދައްކާ ގޮތުގައި ގައިސްގެ ނަމަށް ވޯޓަށް އެހި އިރު އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު އެ ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ އެވަގުތު މަޖިލީހުގެ ތަޅުމުގައި އިންނެވިއެވެ.

ނަމަވެސް ދެން ހުރި ވޯޓުތަކުގައި މެމްބަރު ހަސަންޓޭ ބައިވެރިވެވަޑައިގެންނެވިއެވެ.

https://sun.mv/128301

ގައިސްގެ ވޯޓުގައި ދެން ބައިވެރިވެވަޑައިނުގަންނެވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)އެވެ. މެމްބަރު ވައްޑޭ ސަންއަށް ވިދާޅުވީ ވޯޓަށް އެހި ވަގުތު އޭނާ އުޅުއްވީ ބޭރުގައި ކަމަށާއި މަޖިލީހަށް ވަދެވަޑައިގެންނެވުނު އިރު ވޯޓުތައް ކުރިއަށް ދަނީ ކަމަށެވެ. އަދި ތަޅުމަށް ވެދެވަޑައިގަންނެވުމާއެކު ދެން ހުރި ވޯޓުތަކުގައި ބައިވެރިވެވަޑައިގެންފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ޓިކެޓުގައި ގދ. އަތޮޅު ކައުންސިލުގެ ރައީސްކަން ކުރެއްވި ގައިސް ވަނީ އެމްޑީޕީގެ ތިނަދޫ ގޮފީގެ ރައީސްކަންވެސް ކުރައްވާފައެވެ. އޭނާ މީޑިއާގެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިފައިވާކަން އެނގިފައެއް ނުވެއެވެ.

ގައިސްގެ އިތުރުން ދެން ބްރޯޑްކޮމްއަށް އައްޔަން ކުރުމަށް މަޖިލީހުން ފާސްކުރީ، ޕީއެސްއެމްގެ ބޯޑު ޑިރެކްޓަރު މަރިޔަމް ވަހީދާއާއި ރާއްޖެޓީވީގެ ކުރީގެ ނިއުސް ޑިރެކްޓަރު އަދި ތަޖުރިބާކާރު ނޫސްވެރިޔާ އަލީ ޔޫސުފްއެވެ.

އެމްޑީޕީ އެކްޓިވިސްޓަކު ބްރޯޑްކޮމަށްލުމަށް މަޖިލީހުގައި ސާފު އަގުލަބިއްޔަތެއް އޮތް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެ، ފާސްކޮށްފައިވާއިރު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ބްރޯޑްކޮމަށް ސިޔާސީ އެކްޓިވިސްޓުންލާފައިވެއެވެ. އަދި އޭރު އެމްޑީޕީ އިދިކޮޅުގައި އޮތް އިރު އެކަމަށް ފާޑު ކިޔެވެ.

comment ކޮމެންޓް