ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކޮށްގެން ލިބުނު ގެއްލުމުގެ މައްސަލަ މަޖިލީހުން ބަލަނީ

ޖީއެމްއާރު މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: އެ އެއްބަސްވުން ބާތިލް ކުރުމުން ގެއްލުން ލިބުނު މައްސަލަ މަޖިލީހުން ބަލަނީ ---

ވެލާނާ އިންޓާނޭޝަލް އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގުމަށް ހަވާލުކުރި އިންޑީއާގެ ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކޮށްގެން ލިބުނު ގެއްލުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށް ނިންމައިފި އެވެ.

ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރުއާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނޮވެމްބަރު، 25، 2010 ގައެވެ. އެ އެއްބަސްުވުން ބާތިލް ކުރީ، ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާ މެމްބަރު ހުށަހެޅުއްވީ، ޖީއެމްއާރުގެ އެގްރިމަންޓް ބާތިލްކޮށްގެން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް، އެ މައްސަލައިގައި އިހުމާލުވި ފަރާތްތަކުގެ މައްސަލަ ބަލައި، ފިޔަވަޅު އެޅުމަށެވެ. އެގޮތުން އޭނާ ހުށަހެޅުމަކީ، ދެން އޮންނަ ކޮމިޓީ ބައްދަލުވުމުގައި އެ މައްސަލަ އެޖެންޑާ ކުރުމަށެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އެ ހުށަހެޅުމަށް ތާއީދު ކުރައްވާ ވިދާޅުވީ، އެ މައްސަލަ ބަލައި، ކޮމިޓީން ކުރެވޭނެ ކަމެއް ކުރުމަށް ތާއީދު ކުރައްވާ ކަމަށެވެ.

އެ ހުށަހެޅުމަށް އެއްވެސް މެމްބަރަކު އިއުތިރާޒް ނުކުރައްވާތީ އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމަށް ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒު ނިންމެވި އެވެ.

ޖީއެމްއާރުގެ އެއްބަސްވުން ޑރ. ވަހީދުގެ ސަރުކާރުގައި އުވާލީ އެ އެއްބަސްވުމަކީ "އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ" ކަމަށް ބުނެ އެވެ. ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެދުނެވެ. ނަމަވެސް އާބިޓްރޭޝަނުން ނިންމީ، 271 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ދެއްކުމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ އެ އަދަދު އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ.

comment ކޮމެންޓް