ބަޖެޓް ބޮޑެއް ނުކުރެވޭނެ، އޭރުން ދަރަނި ޖީޑީޕީގެ 6.2 ޕަސެންޓަށް އަރާނެ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ، 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށް، ބަޖެޓު ދިރާސާކުރާ ކޮމިޓީއިން ބަޖެޓު ފާސްކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމާ ނުރުހޭކަން ހާމަކުރައްވައިފި އެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށް، 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. އަދި އެ ރިޕޯޓު މިއަދު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ރިޕޯޓަށް ބަހުސް ކުރަން ވަނީ ފަށައިފަ އެވެ.

ބަޖެޓަށް އިތުރު ކުރި ބައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ އެވެ. އޭގެ އިތުރުން އެހެނިހެން ހަރަދުތަކަށްވެސް ބަޖެޓަށް ފައިސާ އިތުރުކޮށްފައިވެ އެވެ.

ޖަލްސާ ފައްޓަވައިދެއްވަމުން ނަޝީދު ވިދާޅުވީ ބަޖެޓު ބޮޑުކުރުމުން ބަޖެޓުގެ ޑެފިސިޓް އުފެދުންތެރިކަން ނޫނީ ޖީޑީޕީގެ ނިސްބަތުން 5.8 ޕަސެންޓުން 6.2 ޕަސެންޓަށް ބަދަލުވެގެން ދާނެ ކަމަށެވެ. އެ ސަބަބަށްޓަކައި ފިނޭންސުން ހުށަހަޅާ ޖުމްލަ ބަޖެޓް ބޮޑު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ހަގީގަތުގައި ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލު އައިސްގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެއީ ވަރަށް ބޮޑު އަދަދެއް ކަމަށާއި ޑެފިސިޓް އިތުރުވާއިރު، ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ އާމްދަނީއަށް ބަދަލުގެނެވިފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި، ބަޖެޓު 5.8 ޕަސެންޓުގެ ޑެފިސިޓަކުން 6.2 ޕަސެންޓަށް ބަދަލުވުމަކީ ވަރަށް ބޮޑު އަދަދެއް،" ނަޝީދު ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވެސް ބުނާ ގޮތުން ކޮންމެ އަހަރެއްގެވެސް ބަޖެޓް ޑެފިސިޓް ބަހައްޓަން ޖެހޭނީ ހަ ޕަސެންޓަށް ވުރެވެސް ދަށުގަ އެވެ.

ބަޖެޓް ފާސްކުރުމުގެ ކުރިން ކޮމިޓީއިން ވަނީ ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅަން ފިނޭންސް މިނިސްޓްރީއަށް ރެކޮމެންޑޭޝަނެއް ފާސްކޮށްފަ އެވެ. ރެކޮމެންޑޭޝަނުގައިވާ ގޮތުން ކައުންސިލުތަކުން ބަޖެޓު ބޭނުންކުރާނެ ގޮތް މިނިސްޓްރީއަށް އަންގަން ޖެހޭނެ އެވެ.

އެގޮތުން މަޖިލީހުގެ ލެޖިސްލޭޓިވް އެންޑް ރީސާޗް ޑިޕާޓްމަންޓުން ވަނީ ބަޖެޓުގެ އިތުރު ތަފްސީލް ކޮންމެ ކައުންސިލަކަށް އެނގޭނެ ގޮތަށް އެކުލަވާލައިފަ އެވެ. ނަޝީދު ވިދާޅުވީ އެކަމާ ގުޅިގެން ބައެއް މަޖިލިސް މެމްބަރުން ސުވާލު އުފައްދަމުން އަންނަ ކަމަށެވެ.

"އެއީ ބަޖެޓަށް ގެންނަ ބަދަލެއް ނޫން. ބަޖެޓުގެ އެއްވެސް ޖުމްލަ އަދަދަކަށް މިކަމުގައި ބަދަލު އައިސްގެނެއް ނުދާނެ. މީގެން ހަމައެކަނި ލިބިގެންދަނީ އިތުރު މައުލޫމާތު،" ނަޝީދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ (ގަޑުކޮށްދޭ ފައިސާ) ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭން ވަނީ ކަނޑައަޅައިފަ އެވެ.

އެ ބަދަލާ އެކު 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާ އިރު ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ ގާތްގަނޑަކަށް 148.6 ޕަސެންޓް، އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ 155.1 ޕަސެންޓް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ 433.4 ޕަސެންޓް އިތުރުވާނެ ކަމަށް އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

ނަޝީދު ވިދާޅުވީ ކައުންސިލްތަކުގެ ބަޖެޓު ބޭނުންކުރާނެ ގޮތުގެ ތަފްސީލް އެކުލަވާނުލާ ނަމަ، ރަށްރަށުގެ ތަރައްގީއަށް އެ ބަޖެޓު ބޭނުންކުރަން ވަރަށް އުނދަގޫ ވާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި ޕްރޮގްރާމް ބަޖެޓަކަށް އަނެއްކާވެސް ބަޖެޓު ހުށަހެޅުން ބަދަލުކުރުން އެއީ ދައުލަތުގެ އަމާޒަކަށް ވާނެ، ވާއިރުގައި މި ތަފްސީލުތައް އެނގުމަކީ މުހިންމުކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓު ހަރަދުކުރާ ގޮތާއި، ކައުންސިލްތަކުން ބަޖެޓު ބޭނުންކުރާ ގޮތުގެ ތަފްސީލް މަޖިލީހުގެ ލެޖިސްލޭޓިވް އެންޑް ރީސާޗް ޑިޕާޓްމަންޓުން ބަލަހައްޓަމުން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިހާރު މަޖިލީހުގައި ކުރިއަށް ދަނީ ކޮމިޓީން ފާސްކޮށްފައިވާ ބަޖެޓު ރިޕޯޓަށް ބަހުސްކުރުމެވެ. ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބަޖެޓު ކަންކަން މުޅިން ނިންމާލެވޭނެ ކަމަށެވެ.

ބަޖެޓު ފާސްކުރެވި ޖެނުއަރީ މަހު ބަޖެޓުގައި ހުރި ކަންކަން ތަންފީޒުވާން ފެށުމުން، ރައްޔިތުން ބޭނުންވާ ދުވެލީގައި ތަރައްގީ ފެނިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް