ކާތިކް އަކީ ހަމައެކަނި ރަހުމަތްތެރިއެއް: އަނަންޔާ

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ބަތަލު ކާތިކް އާރްޔަން އަކީ ހަމައެކަނި ގާތް ރަހުމަތްތެރިއެއް ކަމަށް ބަތަލާ އަނަންޔާ ޕާންޑޭ ބުނެފި އެވެ.

ފިލްމު 'ޕަތީ ޕަތުނީ އޯރް ވޯ'ގައި މިދެތަރިން އެއްކޮށް ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެންދާއިރު ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ހަބަރު ފެތުރުނެވެ. ނަމަވެސް އެދެތަރިން އެކަމާ މެދު އެއްވެސް ވާހަކައެއް ދައްކާފައެއްނުވެ އެވެ.

ދާދިފަހުން އަނަންޔާ ބުނީ ކާތިކް އަކީ ހަމައެކަނި ގާތް ރަހުމަތްތެރިއެއް ކަމަށާއި މީހުންގެ އަނގަތަކުގައި ނުހިފޭއްޓޭނެ ކަމަށެވެ. އަދި ކޮންމެ މީހަކުން ކޮންމެ ކަހަލަ ވާހަކައެއް ދެއްކި ކަމުގައިވީ ނަމަވެސް ކާތިކް އާ އޭނަ އާ ދެމީހުން އޮންނަ ގާތް އެކުވެރިކަމުގެ ގުޅުމެއް ނުކެނޑޭނެ ކަމަށެވެ.

އަނަންޔާ ބުނީ ކާތިކް އާ މެދު ފަހުރުވެރިވާ ކަމަށެވެ.

މީގެ 40 އަހަރު ކުރިން ރިލީޒް ކުރި 'ޕަތީ ޕަތުނީ އޯރް ވޯ'ގެ ވާހަކަ ބިނާކޮށްފައި ވަނީ ފިރިއަކު ކައިވެނީގެ ބޭރުން އޭނާގެ ސެކްރެޓަރީއާ ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއްގެ މައްޗަށެވެ. ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ދިޔައީ ސަންޖީވް ކުމާރު، ވިދްޔާ ސިންހާ އަދި ރަންޖީތާ ކޯރް އެވެ.

ފިލްމުގެ ރީމޭކް އިން ފެނިގެންދާނީ ކާރްތިން އާރްޔާން، ބޫމީ ޕެދްނޭކަރު އަދި އަނަންޔާ ޕާންޑޭ އެވެ.

comment ކޮމެންޓް