ރައީސް ނަޝީދާ ކޮށްލަން ބޭނުންވާ ސުވާލެއް އެބަ އޮތްތަ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް މުހައްމަދު ނަޝީދާ އާންމު ރައްޔިތުންނަށް ސީދާ ސުވާލު ކުރެވޭނެ ޝޯއެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައި، އެމަނިކުފާނަށް ސުވާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް މުހައްމަދު ނަޝީދަށް އާންމުން ފޮނުވާ ސުވާލުތައް ކުރާ "އާސްކް ސްޕީކާ" ޕްރޮގްރާމް އޮންނާނީ 7 ޑިސެމްބަރު 2019 ވާ ހޮނިހިރު ދުވަހުގެ ރޭ 9:00 ޖަހާއިރުއެވެ. ޕީއެސްއެމްގެ ސްޓޫޑިއޯގައި އޮންނަ މި ޝޯ، ރާއްޖޭގެ ގިނަ ޓީވީ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާނެއެވެ.

އެ ޕްރޮގްރާމުގައި ސުވާލުތަކަށް މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި، މަޖިލީހުގެ ރައީސާ ކުރަން ބޭނުންވާ ސުވާލުތައް އެކި މީޑިއަމްތަކުން ފޮނުވޭނެއެވެ. އެގޮތުން ވީޑިއޯއެއްގެ ޒަރިއްޔާއިންވެސް ނުވަތަ ޓެކްސް މެސެޖުގެ ޒަރިއްޔާއިންވެސް ފޮނުވޭނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. ސުވާލު ފޮނުވަންޖެހޭނީ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަނުގެ ހޮޓެލައިން 7234566 އަށެވެ.

ފޯނު މެދުވެރިކޮށް ޕްރޮގްރާމުގައި ލައިވްކޮށް މަޖިލީހުގެ ރައީސާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އެގޮތުން އެ ފުރުސަތު ބޭނުންވާ ފަރާތްތަކުން އެ މީހެއްގެ ނަމާއި ސުވާލު، މަޖިލީހުގެ މީޑިއާ ސެކްޝަނުގެ ހޮޓްލައިނަށް ފޮނުވުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ.

ފޯނާއި ޓެކްސްޓް މެސެޖާއި ވީޑިއޯގެ އިތުުރން ސޯޝަލް މީޑިއާ މެދުވެރިކޮށް AskSpeaker# ހޭޝްޓެގް ޖަހާފައި ސުވާލު ފޮނުވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެއެވެ.

އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށްވެސް ސުވާލު ފޮނުވުމުގެ ފުރުސަތު އޮތް އިރު، ސުވާލުތައް ފޮނުވުމުގެ ސުންގަޑިއަކީ 6 ޑިސެމްބަރު 2019 ވާ ހުކުރު ދުވަހުގެ ރޭގަނޑު 11:00 އެވެ.

ހޮނިހިރު ދުވަހުގެ ރޭ އޮންނަ "އާސްކް ސްޕީކާ" ޕްރޮގްރާމު ޓީވީއެމް، ރާއްޖެޓީވީ، ސަންގުޓީވީ އަދި ވީޓީވީގެ އިތުރުން ސަން އޮންލައިންގެ ސޯޝަލް މީޑިއާއިން ވަގުތުން ދުރަށް ދައްކާ ގޮތަށް ހަމަޖެހިފައިވެއެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމަކީ ޢާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ބާއްވަވާ ފުރަތަމަ ޕްރޮގްރާމެވެ.

comment ކޮމެންޓް